ވާހަކަ ލައިފްސްޓައިލް

ކުރު ވާހަކަ: އެއީ ޔޫސުފުގެ ހިތެވެ.

ރަޔާން މާޒިން ، ދެން އޮންލައިން

ފެންވަރާ ރީތިވެގެން އަޒުމާ ބަލައިލީ ފާރަށެވެ. ދެކޮޅަށް ހެލެމުންދިޔަ ރަނގަބީލާ އެކު ފާރުގައި ހަރުކޮށްފައި ހުރި ގަޑިން ބުނެދެނީ ވަގުތު ކުޑަތަންވިކަމެވެ. އެކަމަކު ބޮޑު އުނދޯލީގައި ދުފަން އިން ބައްޕަގެ ކުރި ކަނޑާފައި ދާކަށް ލާހިކެއް ނޫނެވެ. ބައްޕައަށް ދޮގު ހެދުމަކީ އަޒުމާ އަށް ކުރެވޭނެ ކަމެއް ނޫނެވެ. ދެން އިވުނީ ގޭ ފުރާޅަށް އައިސް ޖެހުނު ހިކި ގޮބޮޅިއެއްގެ އަޑެވެ. ޔަގީނުންވެސް އެއީ ނަސްމާގެ މެސެޖެކެވެ. ބޭރުގައި އަޒުމާގެ އިންތިޒާރުގައި ހުރިކަން އަންގާލީއެވެ. ދެމީހުންވެސް ދާން އުޅެނީ ގަމަށް ކަން އެގުނިއްޔާ ބައްޕަގެ ހުއްދައަކީ ނެތް އެއްޗެކެވެ.

Ads by STELCO

އިސާހިތެއްނުވެ އުނދޯލިން ތެދުވެގެން ބައްޕަ ގިފިއްޔާ ދިމާލަށް ހިނގައިގަތެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި އަދަރާދުގޮނޑީ ގައި އިން މަންމަގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން އަޒުމާ ކޮންމެވެސް އެއްޗެއް ބުނެލިއެވެ. މަންމަ އަޒުމާ އެބުނި އެއްޗަކަށް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ދެނަކާ ދެނެއްނެތެވެ. މަންމަގެ ފެހި ސިގުނަލާއެކު އަޒުމާ ގޭގެ މައިދޮރުން ވައިސޫރިއެއް ހެން ނިކުމެގެން ގޮސް ރުކަކާ ނިވާވެގެންހުރި ނަސްމާގެ އަތުގައި ހިފައި ދަމައިގަތެވެ. ދެމީހުން ހަރުކޮށް ހިގާފައި މިސްރާބު ޖެހީ ގަމަށްދާ ފާލަމަށެވެ.

ފޭދޫން ގަމަށް ދާން އޮންނަ ފާލަމުން ހިނގަމުން ދިޔައިރު އަޒުމާގެ ހިތުގެ ހިގުން އަވަސް ވަމުން ދިޔައެވެ. ގަމާ ކައިރިވަމުން ދިޔައިރު ފާލަމުގެ އަނެއްކޮޅުގައި މަޑުކޮށްލައިގެން ހުރި މީހެއް ފެނެއެވެ. އިގިރޭސިންގެ އާރމީ ޔުނީފޯމުގައި ހުރި އިސްކޮޅުން ދިގު އެމީހާ ހުރީ ކަޅުކުލައިގެ އަވިއައިނެއް އަޅައިގެން މަޑު ހިނިތުންވުމެއްގައެވެ. އަޒުމާމެން ގޮސް އެމީހާއާ އަރާހަމަވުމުން ލޮލުގައިވާ އައިނު ނަގާ ހަމަލޮލުން އަޒުމާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެއީ އަޒުމާ އަށް ބީރައްޓެހިކަމެއް ނެތް ނޫކުލައިގެ ދެލޮލެވެ. ލޯތްބަކީ ހަމަ ކަނު އެއްޗެއް ބާވައެވެ. ނޫނީ ހާދަހާވާ ބާރުގަދަ ޖަޒުބާތެކެވެ. ދުނިޔޭގެ ދެބައްރަކުން އައި ދެމީހެއްގެ ހިތް ވެސް އެކަކު އަނެކަކަށް ދެވި ހިނގައި ދާނެއެވެ.

"ބާއްޖަވެރި ހަވީރެއް" އޭނާ އަޒުމާ މެންނަށް އިނގިރޭސި ބަހުން ހަވީރުގެ ސަލާން ކޮށްލިއެވެ. އެއީ އަޒުމާގެ ޔޫސުފުއެވެ. އޭނާގެ އަސްލު ނަމެއްނޫނެވެ. މިއަދަކީ ގަމުގެ މަސްހޫރު އަސްޓްރާ ސިނަމާ އާއްމުންނަށް ހުޅުވާލި ދުވަހެކެވެ. އެހެންވެ ނަސްމާ ހުރީ އެތަނަށް ވަދެ ސިނަމާ ތަޖުރިބާ ކޮށްލަން ކެތްމަދުވެފައެވެ. ނަސްމާ ސިނަމާ އަށް ވެއްދުމަށްފަހު އަޒުމާ އާއި ޔޫސުފް ހިނގައިގަތީ އެމީހުންގެ މަންޒިލަށެވެ.

އަޒުމާމެންގެ ހަމަހިމޭން ދުނިޔެއަށް މަޑުމަޑުން އައިސްވަނެވެ. އެކިކުލަކުލައިގެ ފިނިފެންމާތަކުން ޖަރީކޮށްފައިވާ މަލުގެ ބަގީޗާއެކެވެ. މީރުވަސް ދުވާ އެކި މާމެލާމެއްޔެވެ. ހުވަދުމަލާއި ގުލޭނޫރަން މަލެވެ. މިލިޓަރީގެ ހާއްސަ ހުއްދައެއް ނެތި ނުވަދެވޭ އެބަގީޗާގައި ވަނީ މާތަކުގެ ވަހުން އެއްވަސް ވެފައެވެ. އާސޯހުވެއެވެ. ދެމީހުން ގޮސް އިށީނީ އެއްފަރާތުގައި ހުރި ހިލަ ގޮނޑިއެއްގައެވެ. ޔޫސުފް އަތުގައި އޮތް ކޮތަޅުން އޮއްވަޅުގޮނޑި ނަގައި ދެމީހުންގެ ދޭތެރޭ ބޭންދިއެވެ. އެއީ އަޒުމާގެ ކުޅިވަރެވެ. މިހާރު ޔޫސުފުގެ ކުޅިވަރަކަށް ވެސް ވީއެވެ. ދެމީހުން ވެސް ކުޅިވަރުގެ ތެރެއަށް ގެއްލުނެވެ.

އަޒުމާ އަށް ޔުސުފް ފެނުނީ ވެސް މިކަހަލަ ހަވީރެއްގައެވެ. މިކަހަލަ ފިނިފެންމާ ގަސްތަކެއްގެ ތެރޭގައި މާބިންނަން ވަދެ އުޅެނިކޮށެވެ. ގަސްތަކުގެ ތެރޭން އޭނާ އަށް ފެނުނީ އެ ނޫކުލައިގެ ދެލޮލެވެ. އަޒުމާ ވަރަށް ޖެހިލުންވިއެވެ. އެހެނަސް ޔޫސުފް ހިނިތުން ވުމަކާ އެކު އައިސް އޭނާ އަށް ސަލާން ގޮވާލިއެވެ. ދެން ދެމީހުން ވެސް އެކަކު އަނެކަކަށް ތައާރަފު ވެލީއެވެ. އެދުވަސް ތާރީހަށްވެ ނިމި ދެމީހުންގެ ގުޅުން ދެލޯބިވެރިންނަށް ވެގެންދިޔައީއެވެ.

ދެމީހުން ހިނގަން އޮތް މަގަކީ ފަސޭހަ މަގެއް ނޫނެވެ. ރަށުތެރެއަށް އަރާފާނެ ހުތުރު އަޑަކަށް އަޒުމާ ހުންނަނީ ސިހިސިހިއެވެ. ވާހަކަ އެއްވިއްޔާ ރަށަށް ފެތުރުނީ ރަނގަޅަކަށް ނޫން ވިއްޔާއެވެ. މިހާރުވެސް އިނގިރޭސީންނާ ގުޅުން އޮންނަ އަންހެންކުދިންގެ ވާހަކަ ރަށުތެރޭގައި ދެކެވެއެވެ. އެފަދަ ވާހަކައެއް އަޒުމާއޭ ކިޔައިގެން އިވި އެވާހަކަ އެއް ބައްޕަގެ ކަންފަތަށް ފޯރަފާނެތީ އަޒުމާ ބިރުގަނެއެވެ. އެކަމަކު ސިއްރުން މިހެން ބައްދަލުކޮށް އޮއްވަޅުގޮނޑި ކުޅެން ތިބުމަކީ ހައްލެއް ނޫންކަން އަޒުމާ ދަނެއެވެ. ޔޫސުފް އަށް ހުރިހާ ހަގީގަތެއް ހާމަކޮށްދިނެވެ. ދީނާއި ސަގާފަތާއެކު ދަމާލި ރޮނގުން ހުރަސް ނުކުރެވޭނެ އިންތައް ކިޔައިދިނެވެ. ޔޫސުފް ބޭނުންވީ އަޒުމާއާ ކައިވެނި ކުރާށެވެ. އިސްލާމް ދީން ގަބޫލުކޮށް އަޒުމާގެ ޔޫސުފަށް ވާށެވެ.

ފަރުދާގެ ފުރަގަހުގައި ކުރެހެމުންދާ ތަސްވީރަކީ އެއްވެސް މީހަކަށް އެނގޭނެ ކަމެއްނޫނެވެ. ދެނަމާދު ދޭތެރޭން ގޯތިވަށާ ބުރުޖަހާ ކުދިން ގިނަ ވާން ފެށީއެވެ. އަޒުމާގެ ފަހަތުން މުގޯލި އަޅަމުން ކައިވެންޏަށް އެދިގެން ބައްޕައާ ހިސާބަށް ވެސް އަންނަން ފެށީއެވެ. ހެނދުނު ހޭލާއިރު ގޭދޮރު ދޮށުގައި ހުންނަ ފިނިފެންމަލާއި ނަންޖަހާ ލޯބީގެ ޅެންތައް ލިޔެފައިވާ ރަތުރުކު ކުރުބާތައް ގިނަވާން ފެށިއެވެ. ބައްޕަގެ ރުހުމުގެ ރާޑަރަށް އެތަނުން ކުއްޖެއް އަރައިފިއްޔާ އަޒުމާ ކުރާނެ އިންކާރެއް ނޯންނާނެއެވެ.

ބައްޕަގެ ރުހުން ޔޫސުފަށް ލިބޭނެ ގޮތަކާދޭތެރޭ އަޒުމާ ވިސްނަމުން ދިޔައެވެ. ކުރިޔާ ލައި މަންމަގެ ރުހުން ހޯދިއެވެ. ގޭގައި ކެއުމެއް ހަދައި ޔޫސުފް ގެނެސް ބައްޕައަށް ތައާރަފު ކޮށްދޭން ނިންމިއެވެ. އެކަމާވެސް މަންމަ ހަވާލުވިއެވެ. މަންމަ ބުނިގޮތުގައި ގެއަށް އަންނަނީ މެހެމާނެކެވެ. ބައްޕަ އާއި ބައްދަލުވެލާ ހަދަން އަންނަ މީހެކެވެ. ކެއްކީވެސް އަޒުމާގެ ބައްޕަ އަށް އެންމެ މީރު ތަކެއްޗެވެ. ހަނާކުރި ރަތްމަހާއި ފިހުނު މަހެވެ. އޮޅު އަލަ އާއި ހުނިރޮއްޓެވެ. ކަށިކެޔޮ ފަނި ވެސް ގިރިއެވެ. ފަޅޯ އަސާރަ ވެސް ހެދިއެވެ.

އިޝާ ނަމާދުން ބައްޕަ އަންނަންވާ އިރަށް ޔޫސުފް ގެއަށް ގެނުވިއެވެ. މިސްކިތުން މީހުން ފައިބަން ފެށިއިރު އަޒުމާ ހުރީ ކާމޭޒު ދޮށުގައި އުލާއި، ސަމުސާ އަދި ވަޅި އަތުރާށެވެ. ބިއްލޫރި ތައްޓަށް ފެންއަޅާ ނިމުނު އިރު ބައްޕަ ދޮރު ހުޅުވާލި އަޑު އިވުނެވެ. އެހެނަސް އޭނާ އެއްކަމެއް ހަނދާނުން ކައްސާލިއެވެ. ބައްޕަގެ ފިޔަވަޅާ އެކު އަޒުމާ އަވަސް އަވަހަށް ގޭތެރެއަށް ވަދެ ފިލިއެވެ. ބައްޕަގެ ލޮލުގައި އަޅަގަތީ އަދަރާދު ގޮނޑީގައި އިން ދޮންމީހާ އަށެވެ.

"ޒަރީނާ! މިކާކު! ކޮން ބޭނުމެއްގައި އައިސްހުރި މީހެއް؟" ބައްޕަ ފުރަތަމަ ވެސް މަންމަ ކައިރި އެހެން އެހި އަޑު ފިލާހުރި އަޒުމާ އަށް އިވުނެވެ. އެއަޑުގައި ހުރީ ނުރުހުމެވެ. ބައްޕަގެ ނަޒަރުގައި އެއީ ހިލޭ ފިރިހެނެކެވެ. ބޭރު ފަރަންޖީ އެކެވެ. އެކަމަކު މަންމަގެ ވިސްނުން ހުރީ ތަފާތު ކޮށެވެ. އެއީ ހުރި ހަމައެކަނި އަންހެން ދަރީގެ ވާންއުޅޭ ފިރިމީހާ އެވެ. ދަނބި ދަރިފުޅެވެ. "މީ އޭނާ އަކީ!" މަންމަ ބުންޏެވެ. މަންމަ އޭނާ ބައްޕައަށް ތަޢާރަފް ކޮށްދީ ބައްޕަގެ ކުރިމަތީ ގޮނޑީ ގައި އިށީނުމަށް އެދުނެވެ. ތަށިތަކުގެ މަތި ނަގާ ކެއުމަށް އިންސާފު ކުރުމަށް އެދެމުން މަންމަ ކާކޮޓަރިން ނިކުމެގެން އައިސް އަޒުމާގެ އަތުގައި ހިފައިގެން ކޮޓަރި ހުރަސްކުރީ ބޭރު ޖޯލިފައްޗާ ދިމާލަށެވެ. "މިއަތުން ކާންވާނީ! ކަނާތުން" ބައްޕަ ހިތްހަމަ ނުޖެހިފައި ބުނި އަޑު އިވުނެވެ. އަޒުމާއަށް ޔޫސުފް ކައިރި ކާން ވާނީ ކަނާތުންކަން ބުނެދޭން ހަނދާން ނެތުނީ އެވެ. ދެމައިން މަޑުމަޑުން އައިސް ޖޯލިފަތީގައި އިށީދެލިޔެވެ. ދޭތެރެ ދޭތެރޭން ބައްޕަމެން އެއްޗެއް ބޭނުންވޭތޯ ބެލުމަށް ކާކޮޓަރިއަށް ބޯދިއްކޮށްލާ ބަލައިލައެވެ.

އެރޭ ކައިގެން އެންމެންނާ ސަލާމް ކުރުމަށްފަހު ޔޫސުފް ދިޔައީއެވެ. ނިދަން އެނދަށް އެރިއިރު ވެސް ބައްޕަގެ ރުހުމެއް ނޫނީ ނުރުހުމެއް ވެސް ނުލިބެއެވެ. ހެނދުނު ހޭލިއިރު ވެސް ބައްޕަގެ ފަރާތުން ފެނުނީ އެހަމަހިމޭން ޖަވާބެވެ. މަންމަގެ ޖަވާބަކީ އަދި ފަހުން ރަނގަޅު ވާނެ ކަމެވެ. އެފަހެއް އަންނަ ތަނެއް އަޒުމާ އަކަށް ނުފެނެއެވެ. އެކަމަކު ރޭވެމުން ދިޔައީ އެހެން ޕުލޭނެކެވެ. ބައްޕަގެ އިމްތިހާނުން ޔޫސުފް ފެއިލްވީ ބާވައެވެ.

މިއަދަކީ އޭގެ އެއްއަހަރު ފަހެވެ. އަޒުމާ ހޭލީ ތަންކޮޅެއް އަވަހަށެވެ. މާބަނޑު ދުވަސްވަރުކަމުން އެނދުން ތެދުވަން އިރުކޮޅެއް ނެގިއެވެ. ގިފިލިން ނިކުމެ ތައްޔާރުވެލައިގެން އައިސް ފިރިމީހާ އަށް ގޮވާފައި ސައި ތައްޔާރު ކޮށްދޭން ފެއްޓިއެވެ. ތަރުމޯޒުން ހޫނު ސައިތައްޓެއް އަޅަން ތައްޔާރުވެފައި ފިރިމީހާގެ ހިލަމެއްވޭތޯ ބަލައިލިއެވެ.

"ނަޒީހު! އާދޭ ދެން ސައިބޯން!" ބަނޑުގައި އެއްއަތުން ހިފަހައްޓައިލައިގެންހުރެ ފިރިމީހާ އަށް ގޮވާލިއެވެ.

"ހާދަ އަވަހަކަށް މިއަދު ސައިހެދީ! އާނ! ހަނދާންނެތުނީ. މިއަދު ގަމަށް ވެސް ދާންޖެހޭނެ ދޯ!" ނަޒީހު ބުންޏެވެ. ބަދަލުގައި އަޒުމާ އެއްވެސް އެއްޗެއްނުބުނެ ތައްޓަށް ސައި އަޅަން ފެށިއެވެ.

ބައެއްފަހަރު ބޭވަފާތެރި ނުވެ ތިމާގެ ލޯބިވެރިޔާ އާއި ވަކިވެ އެހެން މީހަކަށް ވަފާތެރިވާން ވެސް ޖެހިދާނެއެވެ. ތިމާ ހިތް އެދޭ ގޮތް އެއީ އެންމެ ރަގަޅު ގޮތަށް ވެސް ނުވެދާނެއެވެ. ނޫނީ އޭގެ ދިމާ އިދިކޮޅަށް ވެސް ކަން ހިނގައިދާނެއެވެ. އަމިއްލަ ހިތް ހަލާކުކޮށްލާފައި އެހެން މީހެއްގެ ދިރިއުޅުމަށް އައިސް އާހަޔާތެއް ވެސް ފަށަންޖެހެއެވެ. ހިތުގައިވާ ޒަހަމްތަކާއި ހިތާމަތައް އަލުން ގުޅުނު ބައިވެރިޔާގެ ހަމްދަރުދީ އާއި ކުލުނުގެ މަލަނުން މަލަން އެޅިގެން އެޒަހަމްތައް ފަސޭހަ ވެދާނެ ހެއްޔެވެ؟ ޔަގީނުން ވެސް ހިތުގައި ދުވަހަކު ވެސް ނުފިލާނެ ލަކުނުތަކެއް ވާނެކަމެވެ. ތާރީހު ބަދަލުވިޔަސް ޒަމާނަށް ދެމިގެންދާނެ ގޮތެއްގައި ހިތުގައި ބިންވަޅު ނެގިގެން ދާނެއެވެ. ނަޒީހަކީ ހެޔޮމީހެކެވެ. ޝަކުވާއަށް ވުރެ ހަމްދަރުދީ އިސްކުރިއެވެ.

އަޒުމާ ގޮވައިގެން ނަޒީހު ހިނގަމުން ދިޔައީ ފާލަން މަތިންނެވެ. ބަނޑަށް އަށްމަސް ވެފައިވާ އޭނާގެ އަނބިމީހާގެ އުނަގަނޑުގައި ހިފަހައްޓާލައިގެންނެވެ. ނަޒީހުގެ ހިތް ހާސްވަމުން ދިޔައެވެ. އަނބިމީހާގެ ނިންމާނެ ގޮތަކާމެދުގައެވެ. ގަމަށް ގޮސް އޭގެފަހުން ވަރިވާން ކޯޓަށް ދާނީ ބާވައެވެ. ނަޒީހު މިއަދު އަޒުމާ ބޭނުން ގޮތެއް ހަދައިދޭނެއެވެ. ލޯތްބަކީ ގަދަބާރުން ލިބޭނެ އެއްޗެއް ނޫންކަން އޭނާ ދަނެއެވެ.

ގަމު އެއާޕޯޓަށް ދެވުނު އިނގިރޭސި އެއަރ ފޯސްގެ މަތިންދާބޯޓް ނައްޓާލަން އޮތީ ތައްޔާރަށެވެ. އަޒުމާ އަށް މާދުރުން ޔޫސުފް ފެނުނެވެ. މަޑު ހިނގުމެއްގައި އޭނާގެ ހިތާމައިން ފުރިގެންވާ މޫނުގައި ހިނިތުންވުމެއް ކުރަހާލިއެވެ. ނަޒީހުއާ އޭނާ ސަލާމް ކޮށްލިއެވެ. އަދި އައިސްދިނީތީ ޝުކުރު އަދާކުރިއެވެ. ޔޫސުފް އެންމެ ފަހު ފަހަރަށް އަޒުމާ އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. މާގިނަ ވާހަކަތަކެއް ނުދައްކައެވެ. އިހުސާސްތައް ހުރިހާއެއްޗެއް ބުނެދޭ ކަހަލައެވެ. ހަމަހިމޭން ވަގުތުކޮޅަކަށް ފަހު އަޒުމާގެ އަތުގައި ޔޫސުފް ބޮސްދިނެވެ. ދެން އަތުގައި އޮތް ކޮތަޅު އަޒުމާއާ ހަވާލުކުރިއެވެ. ދެން ފަސްއެނބުރި ބެލުމެއްނެތި އޭނާ ހިނގާފައި ގޮސް ބޯޓަށް އެރިއެވެ. ބޯޓުގެ ގޮނޑީގައި ހަމަޖެހިލުމާ އެކު ގަދަކަމުން ހިފަހައްޓައިގެން ހުރި ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހޮރެން ފެށިއެވެ. މައްޗަށް އަރަމުން ދިޔަ ބޯޓުގެ ކުޑަދޮރުން އެންމެފަހު ފަހަރަށް ލޮލަށް ކުޑަވަމުން ގެއްލެމުން ދިޔަ ދިވެހިރާއްޖެ އަށް ބަލަލިއެވެ. އޭނާ އެދަނީ އެތަނެއްގައި އޭނާގެ ހިތް ވަޅުލާފައެވެ. ލޮލުކޮޅަށް ގެއްލިގެންދިޔަ ބޯޓާއެކީ އަޒުމާ ދެލޯ މަރާލިއެވެ. ނަޒީހު މަޑުމަޑުން އަނބިމީހާގެ ބުރަކަށިގައި ފިރުމާލިއެވެ. ހަމަހިމޭން ކަމުގައި އަމިއްލަރަށް ފޭދުއަށް ދިޔުމަށް ފާލަމަށް އެރިއެވެ. މެދަކާ ހިސާބުން އަޒުމާ ހުއްޓުނެވެ. އަތުގައި އޮތްކޮތަޅު ހުޅުވައި ބަލައިލިއެވެ. އޭގައި އޮތީ ޔޫސުފްގެ ހިތެވެ. އެކަމަކު އެހެންމީހުނަށް ފެންނާނީ ލަކުޑިން ހަދާފައި އޮތް އޮއްވަޅުގޮނޑި އެކެވެ.

"މާމާ މީ އަޅެ ކޯޗެއްތަ؟" ހިޔާލެއްގައި އިން އަޒުމާ ސިއްސުވާލީ މުނިމާމަ ދަރިފުޅުގެ އަޑެވެ. އަތުގައި އޮތީ އޮއްވަޅުގޮނޑި އެކެވެ. މާލޭގައި އުޅޭ މާމަދަރިންނާ މުނިމާމަދަރިން އީދަށް ރަށަށް އައިސްއުޅޭ ދުވަސްކޮޅެވެ. "ނަންބުނިއްޔާ އެނގޭނެތަ.. ތީ މާމަގެ ހިތް" އެންމެން ހީގަތީ މާމަ ކުރި ސަމާސާ އަށެވެ. ހަގީގަތް އެނގޭނީ ހަމައެކަނި އަޒުމާ އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!