މާލޭ ސަރަހައްދުގެ ލޮކްޑައުންއަށް ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވައްސަކީ މާދަމާއިން ފެށިގެން ދެ ހަފްތާ އެވެ. އޭގެ ފަހުން އަންނަ ދެ ހަފްތާ އަކީ ދެވަނަ ފިޔައްސެވެ.
ޓެކްސީތަކުގައި ޑްރައިވަރު އިންނަ ބަޔާއި ފަހަތު ސީޓާ ދެމެދު ފެންސު ޖެހުމަށް އަންގައިފި
ޓެކްސީތަކުގައި ޑްރައިވަރު އިންނަ ބަޔާއި ފަހަތު ސީޓާ ދެމެދު ފެންސު ޖެހުމަށް އެޗްޕީއޭއިން އަންގައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް އައިޝަތު ސަމިއްޔާ ވިދާޅުވީ ލޮކްޑައުން ގައި ލުއިތައް ދޭއިރު މިހާރެކޭ ވެސް އެއްގޮތަށް ޕާމިޓް ހޯދައި ދެމީހުންނަށް ވުރެ ގިނަ ނުވާނެހެން ޓެކްސީގެ ހިދުމަތް ދެވޭނެ ކަމަށެވެ.
ސަމިއްޔާ ވިދާޅުވީ ޓެކްސީތަކުގެ ކުރީ ސީޓު ހިދުމަތް ހޯދާ ފަރާތްތަކަށް ބޭނުން ނުކުރެއްވޭނެ ކަމަށާއި އަދި ޓެކްސީ ސެންޓަރުތަކަށް ގުޅައި ނުވަތަ އެޕް ބޭނުން ކޮށްގެން ނޫން ގޮތަކަށް ހިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ޑްރައިވަރާއި ކަސްޓަމަރާއި ދެމެދު ޓްރާންސްޕޭރަންޓް ފެންސްތަކެއް ޖެހުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޓެކްސީ ދުއްވާ ފަރާތްތަކުން ޓެކްސީ ސާފުކޮށް ގެންގުޅުމަށް ސަމާލުކަން ދިނުމަށް ވެސް ސަމިއްޔާވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި އެގޮތަށް ކަންތައްތައް ކުރަން އަންގާފައި ވަނީ ހިދުމަތް ހޯދާ މީހުންގެ ސަލާމަތާއި އަދި ޑްރައިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ލޮކްޑައުންއަށް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ދޫކޮށްފައި ހުރި ޕާމިޓްތަކަށް ވުރެ ގިނައިން ޓެކްސީކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށެވެ.
ޓެކްސީއަކީ ވަރަށް ބަންދުވެެފައި ވަރަށް ކައިރި ކައިރީގައި މީހުން ތިބޭ ތަނަކަށް ވާތީ ބަލި ޖެހިފައި ތިބި މީހުން ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ޓެކްސީއަކަށް އަަރައިފިއްޔާ އެތަނުގައި ބަލި ހަރުލާފައި ހުންނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ ކޮވިޑާ ގުޅިގެން ޓެކްސީ އެންބިއުލަންސް ބޭނުން ކުރުމުގެ އުސޫލު އާންމު ކޮށްފައެވެ.