ޚަބަރު

"އިސްމާއީލް، ދެން ވަރަށް ބައްލަވައިގެން އަޅުގަނޑާ ދިމާއަށް ނުކުންނަވާތި!"

ދެން އެމްވީ ، ދެން އޮންލައިން

ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނުނުއަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް ލަސްކުރެއްވި ކަމަށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ތުހުމަތު ކުރެއްވުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް ރައްދު ދެއްވައިފި އެވެ.

Ads by STELCO

އެމްޑީޕީގެ "ރަށްވެހި ފަތިސް ލަންކާ" ގްރޫޕުގައި ނަޝީދު އިސްމާއީލް އަހުމަދަށް ނިސްބަތް ކުރައްވާ މެސެޖްތަކެއް ދޫކޮށްލައްވާފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ "އިސްމާއީލް، ދެން ވަރަށް ބައްލަވައިގެން އަޅުގަނޑާ ދިމާއަށް ނުކުންނަވާތި!" މިހެނެވެ. އޭގެ ފަހަށް ތަންކޮޅެއް ތަފުސީލް ކޮށްލައި ދެއްވުމުގެ ގޮތުން "މިދެންނެވީ ދުވާފަރު ދާއިރާގެ ވާހަކަ" ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި އިސްމާއީލް ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލަކީ މާޗް 31 ގައި މަޖިލީހަށް ފޮނުވާފައިވާ ބިލެއް ކަމަށާއި އެކަމަކު އެޖެންޑާ ކުރުމަށް ފަހު ބިލު އޮތީ "ގެއްލިފައި" ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަންވީ ހަގީގަތަކީ ކޮންމެ ކުޅި އެއްޗަކީ މިރުހެއް ނޫން. މިރުސް ނޫން އެހެން އެއްޗެހީގައި ވެސް ކުޅި ރަހަ ލާ އެހެންވީމާ ކޮންމެ ކުއްލި ހާލަތަކީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭ ހާލަތެކޭ ކިޔައި ބަހަނާ ދެއްކޭކަށެއް ނޯންނާނެ،" އިސްމާއީލް ރޭ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ "މެމްބަރު ތިޔަ ހުންނެވީ ސްނޫކާ"ވެފައި ކަމަށެވެ. ތަފްސީލް ފަހުން ދެއްވަމުން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލް ވެސް އަދި އެހެން މަސައްކަތެއް ވެސް އެމަނިކުފާނު އިންނެވި ތަނެއްގައި މަޑުޖެހިފައި ނޯންނާނެ ކަމަށެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!