ރިޕޯޓް

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 6 މިލިއަނަށް، ބަލިފެތުރެމުން ދިޔަ ގޮތަށް ނަޒަރެއް

ދެން އެމްވީ ، ދެން އޮންލައިން

މުޅިދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6 މިލިއަނަށް އަރައިފިއެވެ.
މިހާތަނަށް ދުނިޔޭގެ 214 ގައުމަކަށް މިބަލި ވަނީ ފެތުރިފައެވެ.

Ads by STELCO

2019 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅު ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީ އިން ފެތުރެން ފެށި މިބައްޔަށް ފަރުވާ އެއް ވެކްސިނެއް ނުލިބި މުޅި ދުނިޔެއަށް ފެތުރި، ގައުމު ތަކުގެ އިޤްތިޞާދުމިވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހާތަނަށް 366،284 މީހުންވަނީ އެކި ގައުމު ތަކުން މިބަލީގައި މަރުވެފައެވެ. ޗައިނާއިން މިބަލިޖެހިގެން މީހަކު މަރުވިކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކުރީ 11 ޖެނުއަރީގައެވެ. ފުރަތަމަ މަރުވި މީހަކީ އެތަނުގެ މަސްމާރުކޭޓަކުން މަސްގަތްކަމުގެ ޓްރޭސް ރެކޯޑް އޮތް 61 އަހަރުގެ ފިރިހެނެކެވެ.

ޗައިނާއިން އާ ވައްތަރެއްގެ ނިއުމޯނިޔާއެއް ފެނިގެން ޑަބްލިއު. އެޗް.އޯ އަށް އެކަން އެންގީ 31 ޑިސެމްބަރ 2019 ގައެވެ. ޗައިނާއިން ފެށުނު މިބަލި ބައިނަލްއަގްވާމީ ފެންވަރުގައި ރެކޯޑް ކުރެވެން ފެށީ، ޖެނުއަރީމަސް ތެރޭގައެވެ. އެގޮތުން 22 ޖެނުއަރީގައި 580 މީހަކަށް މިބަލިޖެހި 17 މީހަކު މަރުވިއެވެ. ދެހަފްތާފަހުން 5 ފެބްރުއަރީގައި 28،266 މީހަކަށް ބަލިޖެހި 565 މީހަކު މަރުވި ކަމަށް ރެކޯޑް ކުރެވުނެވެ. އިތުރު ދެހަފްތާފަހުން 19 ފެބްރުއަރީގައި 75،700 މީހަކު ބައްޔަށް ޕޮޒިޓިވްވެ 2،126 މީހަކު މަރުވިއެވެ. ދެން އައި ދެވަނަ ހަފްތާ، 4 މާރޗްގައި 95،314 މީހަކަށް ބަލިޖެހި 3،285 މީހަކު މަރުވިއެވެ. އަދި 18 މަރޗްގައި ބަލިޖެހުނު މީހުންގެ އަދަދު 218،863 އަށް އަރާ 8،983 މީހަކު މަރުވިއެވެ.

1 އޭޕްރިލްގައި ކުއްލިއަކަށް ބަލިޖެހުނު މީހުންގެ އަދަދު 940،523 އަށް އަރާ މަރުވި މީހުންގެ އަދަދު ވެސް ގިނަވެ 49،233 އަށް އެރިއެވެ. އޭގެ ދެހަފްތާފަހުން 15 އޭޕްރީލްގައި ބަލިޖެހުނު މީހުންގެ އަދަދު 2،076،502 އަށް އެރިއިރު މަރުވި މީހުންގެ އަދަދު ވެސް 140،791 އަށް އެރިއެވެ.

ބަލިފެތުރެން ފެށިތާ ހަތަރު ވަނަމަހު، 29 އޭޕްރިލްގައި 3،055،800 މީހަކަށް ބަލިޖެހި 228،029 މީހަކު މަރުވިއެވެ. އޭގެ ދެހަފްތާ ފަހުން 13 މޭގައި 4،425،666 މީހަކު ބައްޔަށް ޕޮޒިޓިވްވެ 298،108 މީހަކު ދުނިޔެއާއި ވަކިވެގެން ދިޔައެވެ. އަދި އިތުރު ދެހަފްތާ ފަހުން 27 މޭގައި 5،784،603 މީހަކު ޕޮޓިވްވެ 356،937 މީހަކު މަރުވިއެވެ.

ޗައިނާއިން ބޭރުން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނިފައިވަނީ ތައިލެންޑުންނެވެ. މި އަންހެން މީހާއަކީ ޗައިނާގެ ވުހާންއިން ތައިލެންޑަށް ދިޔަ މީހެކެވެ. ޗައިނާގެ ބޭރުން އެހެން ގައުމެއްގައި އެންމެ ފުރަތަމަ ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވީ ފިލިޕީންސްގައެވެ. މިއީ ވެސް ޗައިނާގެ ވުހާންއަށް ނިޞްބަތްވާ މީހެކެވެ.

ޗައިނާއިން 7،711 މީހަކަށް މިބަލިޖެހި 170 މީހަކު މަރުވުމާއި ގުޅިގެން، 30 ޖެނުއަރީ 2020 ގައި ޑަބްލިއު.އެޗް.އޯ އިންވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައެވެ. އޭރު ޗައިނާގެ 31 ޕްރޮވިންސަކަށް މިބަލިވަނީ ފެތުރިފައެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އިންޑިޔާ، ފިލިޕީންސް، ރަޝިޔާ، ސްޕެއިން، ސްވިޑްން، އިނގިރޭސިވިލާތް، އޮސްޓްރޭލިޔާ، ކެނެޑާ، ޖަރުމަނު، ޖަޕާން، ސިންގަޕޫރު، އެމެރިކާގެ އިތުރުން ޔޫ.އޭ.އީ އަދި ވިއެޓްނާމުން ވަނީ ކޮރޯނާވައިރަސް އަލަށް ރިޕޯޓް ކޮށްފައެވެ.

މެލޭޝިޔާއިން މިބަލި ރިޕޯޓްކުރީ 6 ފެބްރުއަރީގައެވެ. އަދި 11 ފެބްރުއަރީގައި ޑަބްލިއު.އެޗް.އޯ އިން ވަނީ ކޮރޯނާވައިރަސްގެ ސަބަބުން މިޖެހޭ ބައްޔަށް ކިޔާނީ ކޮވިޑް-19 ކަން އިޢުލާން ކޮށްފައެވެ. އިޒްރޭލުގެ އެންމެ ފުރަތަމަ ކޮރޯނާވައިރަސް ކޭސްއަކީ ކްރޫޒް ޝިޕެއްގައި ހުރުމަށްފަހު ދިޔަ އަންހެނެއްގެ ފަރާތުން 11 ފެބްރުއަރީގައި ޔަގީންވި ކޭސް އެވެ.

ފެބްރުއަރީމަހުގެ ފަހުކޮޅު އަލަށް މިބަލި ރިޕޯޓް ކުރެވުނު ގައުމުތަކުގެ ތެރޭގައި ކުވޭތު، ބަހްރެއިން، އިރާޤް، އޮމާން، ޤަތަރު، ނޯރވޭ، ރޮމޭނިޔާ، ގްރީސް، ޖޯޖިޔާ، ޕާކިސްތާނު، އަފްޣާނިސްތާނު، ނޯތު މެސެޑޯނިޔާ، ބްރެޒިލް، އެސްޓޯނިޔާ، ޑެންމާރކް، ނޮދަން އަޔަރލެނޑް ގެ އިތުރުން ނެދަރލެންޑްސް ލިތުއޭނިޔާ އަދި ވޭލްސް ހިމެނެއެވެ.

5 މަރޗްގައި ސައުދީ އަރަބިޔާގެ ފުރަތަމަ ކޭސް ފެނުނު އިރު، ލުބުނާން އަދި މޮރޮކޯއިން މިބަލި އަލަށް ރިޕޯޓް ކުރީ 10 މަރޗްގައެވެ. މަރޗްމަހުގެ 11 ވަނަ ދުވަހު ޑަބްލިއު.އެޗް.އޯ އިންވަނީ ކޮވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ވަބާއެއް (ޕެންޑަމިކް) އެއްކަމަށް އިޢުލާން ކޮށްފައެވެ. ތުރުކީ، އައިވަރީ ކޯސްޓް، ހޮންޑޫރަސް، ބޮލީވިޔާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޕެނަމާ، މޮންގޯލިޔާ އިން ފުރަތަމަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ މަރޗްމަހުގެ ދެވަނަ ހަފްތާގެ ތެރޭގައެވެ.

މިހާތަނަށް އެންމެ ގިނަމީހުން މަރުވި ކަމަށް ރިޕޯޓް ކުރެވިފައިވަނީ އޭޕްރިލް 17 ގައެވެ. އެދުވަހު މުޅިދުނިޔެއިން 8،429 މީހަކު މަރުވި އެވެ. އަދި އެންމެ ގިނަބަޔަކަށް ބަލިޖެހުނު ކަމަށް ރެކޯޑް ކުރެވުނީ 28 މޭ ގައި 116،304 މީހުނަށެވެ. އަދި ﷲގެ ވާގިފުޅާއެކު 2،655،244 މީހަކަށްވަނީ މި ނުރައްކާތެރި ބަލިން ޝިފާ ލިބިފައެވެ. މި ހިސާބުތަކަށް ބަލާއިރު ކޮންމެ ދެ ހަފްތާއަކުން ބެލި ނަމަވެސް ބަލިވާ އަދި މަރުވާ މީހުންގެ އަދަދު އޭގެ ދެ ހަފްތާ ކުރިއާ އަޅާބަލާއިރު އެތައް ގުނައެއް މަތިވެ ބާނި ދަނީ ހައްތަހާ މަތިވަމުންނެވެ.

ބައެއް ގައުމުތަކުގައި ވައިރަސް ކޮންޓްރޯލްވެފައި ވީ ނަމަވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި މި އަދަދުތައް މައްޗަށްދާ ގައުމުތައް ގިނަ ކަން ހިތާމަ އާ އެކު ފާހަގަ ކޮށްލަން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!