31 މެއި އިން 11 ޖޫންގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ނިންމަވައިފި
31 މެއި އިން 11 ޖޫންގެ ނިޔަލަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރު އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.
މިގޮތުން ސަރުކާރު އިދާރާތައް މި މުއްދަތުގައި ހުޚުވުމަށް ނިންމަވާފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ މި 3 ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. އަދި ސަރުކާރު އިދާރާތައް މިގޮތަށް ހުޅުވި ނަމަވެސް އާންމު ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުސަރު ހުޅުވައިނުލުމަށް ވެސް ސަރުކާރު އޮފީސްތަކަށް ވަނީ އަންގަވާފައެވެ.
ސަރުކާރު އިދާރާތައް ހުޅުވުމަށް ނިންމަވާފައިވާއިރު އެ އިދާރާތަކުން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަން ވާނެ ކަމަށާއި، އަދި ކުރަންވާނީ ކޮންމެހެން މިދުވަސްވަރު ކުރަން ޖެހޭ މަސައްކަތް ކަމަށް ވަނީ އަންގަވާފައެވެ. އަދި ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވެސް ވަނީ ސަރުކާރު އޮފީސްތަކަށް އަންގަވާފައެވެ.
ސަރުކާރު އޮފީސްތައް ހުޅުވުމަށް ހަމަޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއްގައި ކޮންމެހެން ކުރަންޖެޙޭ މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރެއްވުމަށް ވަނީ އަންގަވާފައެވެ. އަދި ހަމަ އެހެންމެ ސަރުކާރު އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ( އެޗް ޕީ އޭ) އަށް އެ އިދާރާއަކުން ހުށަހަޅައި، އެ އޭޖެންސީން ކަނޑައަޅައި ގޮތެއްގެ މަތިން އެ އޭޖެންސީއިން ކަނޑައަޅާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ސަރުކާރު އިދާރާތަކަށް ވަނީ އަންގަވާފައެވެ.
އަދި ހަމަ އެހެންމެ ސަރުކާރު އޮފީސްތައް ހުޅުވި ނަމަވެސް މިހާރެކޭވެސް އެއްފަދައިން ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ކުރި މަސައްކަތް އެގޮތަށް ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް ވަނީ އަންގަވާފައެވެ.