ޚަބަރު

ކޮވިޑް-19އާ ގުޅޭ އެންގުންތަކާ ޚިލާފް ނުވާތި، ޖޫރިމަނާގެ އަދަދު ބޮޑު ކުރަނީ

ކޮވިޑް-19އާ ގުޅިގްން ޑިޕާރޓްމަންޓް އޮފް ޕަބްލިކް ހެލްތްއިން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް" ގެ ނަމުގައި އެޓާރނީ ޖެނެރަލްގެ އޮފީހުން ބިލެއް ހުށަހަޅުއްވައިފިއެވެ.

މި ބިލުގައި ވާގޮތުން އެންގުންތަކާ ޚިލާފުވާ ފަރާތްތަކަށް އަޅާ ފިޔަވަޅުތަކުގެ ހާއްސަ އުސޫލެއް ކަނޑައަޅަން ޖެހެއެވެ. އެގޮތުން އެނގުންތަކާ ޚިލާފްވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 5000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެންގުންތަކާ ޚިލާފުވާ ފަރާތަކީ ޤާނުނީ ޝަހުސިއްޔަތެއް ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި ހަމައެހެންމެ މި އެންގުންތައް ތަންފީޒުކުރުމަށް ފުލުހުންނަށް ހާއްސަ ބާރުތަކެއް ދިނުމަށްވެސް އެ ބިލްގައި ވަނީ ހިމަނާފައެވެ. އެގޮތުން އެންގުންތަކާ ޚިލާފްވާ ފަރާތްތަކަށް އެންގުމަށް އަމަލު ކުރުމަށް އެންގުމުގެ އިތުރުން ވަގުތުން ޖޫރިމަނާ ކުރުމުގެ ބާރުވެސް ފުލުހުންނަށް މި ބިލުގެ ދަށުން ލިބިގެންދާނެއެވެ.އެންގުމާ ޚިލާފަށް އެއްވެސް ތަނެއްގައި އެއްވެއުޅޭ ނަމަ އެ އެއްވުން ރޫޅާލުމުގެ ބާރު އަދި ދެކޮޅުހަދާ ފަރާތްތައް ވަގުތުން ހައްޔަރު ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިދެވޭނެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަށް އަމަކު ކުރަން ފަށާނީ ބިލް ފާސް ކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަށް ކަމަށް ވެސް އެބިލުގައި ބަޔާންކޮށްފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައިވެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އަދި އެ އެންގުންތަކާ ޚިލާފުވާ ފަރާތްތައް މިހާރުވެސް އަންނަނީ 1000 ރުފިޔާއިން ޖޫރިމަނާ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!