ޚަބަރު

އަލްޙަމްދު ލިﷲ! ރާއްޖެއިން ބަލި ޖެހުނު މީހުންގެ 24 އިންސައްތަ މީހުން ރަނގަޅު ވެއްޖެ

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 24 ޕަސެންޓް މީހުން ރަނގަޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 16 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 401 އަށް އެރީ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.

މަބްރޫކް ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،155 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 808 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު 81 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަކީ 1،672 އެވެ. ނަމަވެސް މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އުޅެނީ 1،264 ގަ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން ފަސް މީހަކު މަރުވެފައި ވެ އެވެ. އެއީ 80 އަހަރުން މަތީގެ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 863 މީހުންނަށް ބަލި ޖެހުނުއިރު ދިވެހިންގެ އަދަދު އުޅެނީ 555 ގަ އެވެ. އެ ބަލި އެންމެ ގިނައިން ޖެހިފައިވަނީ 31-40 އަހަރާ ދެމެދުގެ މީހުންނަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!