ގާނޫނު އަސާސީ އިސްލާހު ކުރާ ޖަލްސާ މިރޭ މެންދަމު
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދައްމާލުމަށް ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ބާއްވާ ޚާއްސަ ޖަލްސާ މިރޭ މެންދަމު 1:30 ގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން އެޖެންޑާކޮށްފިއެވެ.
ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށައަޅާފައި ވަނީ ކޮވިޑާ ގުޅިގެން ދިމާވި ޚާއްސަ ހާލަތުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވޭގޮތް ނުވުމުން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު މިމަހުގެ 2 ވަނަ ދުވަހުގެ ރޭ 12:00 އަށް ހަމަވާނެއެވެ.
މިޖަލްސާ މެންދަމު ބާއްވާއިރު މަޖިލީހުން ޤާނޫނު އަސާސީއަށް ގެންނަ އިސްލާހާއި، މިމުއްދަތުގެ ތެރޭގައި ކައުންސިލަރުން އަމަލުކުރާނެ ޚާއްސަ ބިލްވެސް މަޖިލީހުން ފާސްކުރަން ޖެހެއެވެ. އަދި ޤާނޫނު އަސާސީއަށް ގެންނަ އިސްލާހާއި، ކައުންސިލަރުން އަމަލުކުރާނެ އުސޫލު ހިމެނޭ ބިލަކީވެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވަންޖެހޭ ދެބިލަށްވުމުން އަންގާރަ ދުވަހުގެރޭ 12:00 ގެ ކުރިން މި ދެ ބިލްވެސް ރައީސް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. ޕީއެސްއެމްއަށް މައުލޫމާތު ދެއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މަޖިލީހުން މަސައްކަތް ކުރާނީ މާދަމާރޭ ދަންވަރު މަސައްކަތް ނިންމައި، ވަގުތު އޮއްވައި ރައީސުލްޖުމްހޫރިއްޔާއަށް ބިލް ތަސްދީޤު ކުރެއްވުމަށް ފޮނުވުމަށްކަމަށެވެ.
ޤާނޫނު އަސާސީ އިސްލާހު ކުރާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ 4 ބައިކުޅަ 3 ބައި މެމްބަރުންގެ އައުލަބިއްޔަތުންނެވެ. އެއީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާނަމަ 66 މެމްބަރުންގެ ވޯޓާއިއެކުއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮމިޓީން ފާސްކުރުމަށްފަހު ބިލް ފާސްކުރުމުގެ ކުރިން 3 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރާއި، މައިނޯރިޓީ ޕާޓީގެ ލީޑަރު އެއްބަސްވާނަމަ އެއަށްވުރެ އަވަސްކުރުމުގެ ފުރުސަތު ލިބިއެވެ. ނަމަވެސް މިމަސައްކަތް ކުރުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އެއްބަސްވެފައިނުވާކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދަޅުވެފައެވެ. މައިނޯރިޓީ ލީޑަރު ވިދާޅުވެފައި ވަނީ މަޖިލީހުގައި ޤާނޫނު އަސާސީ އިސްލާހުކުރަން ވަގުތުލިބި އެކަން ފަހުވަގުތާއި ހަމައަށް ބޭއްވީ މަޖިލިސްގެ ރައީސް ކަމަށެވެ.