ޓްވީޓެއްގައި "ބްލެކްލައިވްސްމެޓަރ" ހޭޝްޓެގް ބޭނުން ކުރެއްވުމުން މަހްލޫފް ހޫނުފެނަށް!
ކުރެއްވި ޓްވީޓެއްގައި "ބްލެކްލައިވްސްމެޓަރ" ހޭޝްޓެގް ބޭނުން ކުރެއްވުމުން ޔޫތް މިނިސްޓަރު މަހްލޫފަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ދަރިފުޅުގެ އިސްތަށިގަނޑު ގަތާ ވީޑިއޯ އެއް އާންމު ކުރައްވާފައި "ބްލެކްލައިވްސްމެޓަރ" އެ ހޭޝްޓެގް ބޭނުން ކުރައްވާފައެވެ. އަދި ފަހުން އެ ޓްވީޓް ވަނީ ޑިލީޓްވެސް ކުރައްވާފައެވެ.
"ބްލެކްލައިވްސްމެޓަރ" އަކީ އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް ކުރިމަތިވާ ތަފާތު ކުރުމާއި، ތަފާތު އެހެނިހެން އަނިޔާތަކަށް ހޭލުންތެރި ކުރުމުގެ ގޮތުން ފެށިގެން އައި ކެމްޕޭނެކެވެ. މިދުވަސް ކޮޅު އެ ހޭޝްޓެގު އަނެއްކާ ބޭނުން ކުރަމުން އަންނަނީ، އެމެރިކާގައި ފުލުހުންގެ ހައްޔަރަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރާލުމާ ގުޅިގެންނެވެ.
މަހްލޫފް ގެ ޓުވީޓަށް ފާޑުކީ މީހުން ވަނީ، މަހްލޫފް އަކީ ކަޅު ނަސްލުގެ މީހަކަށް ނުވާއިރު، އެ ނަސްލުގެ މީހުންގެ ސަގާފަތަށް ނިސްބަތްވާ ކަމެއް ކުރާތަން ފޮޓޯ ނަގައި އެ ހޭޝްޓެގް ބޭނުން ކުރުމަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
My great grandfather is an African,hair braiding was originated from Africa,I love it & we all love it.I personally don’t see any issue using the hashtag in my tweet as it was in support of the movement.Why do some make everything so sensitive & a huge issue. #BlackLivesMatter https://t.co/sTcaIfoyOH
— Ahmed Mahloof (@AhmedMahloof) May 31, 2020
އެކަމާ ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅާގެ މުނިކާފަ އަކީ އެފްރިކާ މީހެއް ކަމަށާއި، އިސްތަށިގަނޑު ގެތުމަކީ އެފްރިކާއިން ތައާރަފްވިކަމެއް ކަމަށެވެ. އެހެންކަމުން އެ ހޭޝްޓެގް ބޭނުން ކުރުމުގައި މައްސަލައެއް އޮތް ކަމަކަށް ނުދެކޭ ކަމަށާއި، އެ ހޭޝްޓެގް ބޭނުން ކުރީ އެ މައްސަލައަށް ތާއީދު ކުރުމުގެ ގޮތުންކަމަށެެވެ. އަދި ބައެއް މީހުން ކޮންމެ ކަމެއް މާ ބޮޑުކޮށްލައިގެން އުޅެނީ ކީއްވެތޯ މަހްލޫފް ސުވާލު ކުރެއްވިއެވެ.