ޚަބަރު

ވަކި އިމާރާތެއް ކަރަންޓީނުކުރަން ދައުލަތަށް ނެގުން ގާނޫނާ ހިލާފެއް ނޫން: އޭޖީ

ކޮވިޑް-19 އާ ގުޅިގެން މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ސަރުކާރަށް ނެގޭ ގޮތަށް ގަވާއިދެއް އެކުލަވާލީ ގާނޫނުގެ ތެރެއިން ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީން އެކުލަވާލާފައިވާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކި އިމާރާތެއް އެއީ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ހިންގުމަށް މީހެއްގެ އިމާރާތެއް، ހެލްތް މިނިސްޓަރާ ހަވާލުކުރުމަށް، ވަޒީރު ކުރާ އަމުރަކުން އެންގިދާނެ ކަމަށެވެ.

އެކަމާ ގުޅިގެން އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި އިމާރާތެއް ކަރަންޓީނު މަރުކަޒު ގޮތުގައި ނެގުމުގެ ބާރު ވަޒީރަށް ދީފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާއިން ކަމަށެވެ. އަދި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުންނާއި މީހުން އެކަހެރި ކުރުމަށް ނުވަަތަ ކަރަންޓީނު ކުރުމަށް އެތަނެއް ކޮންމެހެން ބޭނުން ނަމަ އެތަން ނެގުމުގެ ބާރު ވަޒީރަށް ލިބިގެންވާ ކަމަށް ރިއްފަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ އެކަމުގައި ވަޒީރުގެ ނިންމުން ގަބޫލުނުކުރެވޭ ނަމަ އިމާރާތެއް ހަވާލުކުރަން ކޯޓަށް އަމުރުކުރެވޭނެ ކަމަށެވެ.

"އިމާރާތެއް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ނުހިފެހެއްޓޭނެ. އިމާރާތް ބޭނުންކުރާ މުއްދަތަށް ބަލައި. އަދި އެފަދަތަނެއް އާންމުކޮށް ކުއްޔަށް ދޭ އަގަށް ބަލައި ވެރިފަރާތަށް ފައިސާ ލިބިދުނުން ގާނޫނުން ލަޒިމްކުރޭ." ރިފްއަތު ވިދާޅުވިއެވެ.

އަދި ވަކި އިމާރާތެއް ކޮންމެހެން ބޭނުންވެގެން ޤާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް، ފައިސާ ދައްކާ ގޮތަށް، އާންމު މަންފާއަކަށް އިމާރާތެއް ހަވާލުކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫން ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ އެވެ

މީގެއިތުރުން ނެގޭ އިމާރާތެއް އަނބުރާ ހަވާލުކުރުމުގެ ކުރިން، އެތަން ބޭނުންކުރި މުއްދަތުގައި އެ ހިސާބުގައި ހުރި އެ ފަދަ އިމާރާތެއް އާންމުކޮށް ކުއްޔަށްދޭ އަގަކީ ކޮބައިތޯ ބަލައި، އެ އަދަދަށް، އެ އިމާރާތް ބޭނުންކުރި މުއްދަތަށް، އިމާރާތުގެ ވެރިފަރާތަށް، ވަޒީރު ބަދަލު ދޭންވާނެ ކަމަށާއި އެ ކަންކަން ކަނޑައަޅަންވާނީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކު ކަމަށްވެސް ބުނެފައިވެއެވެ.

އަދި ވަޒީރު ކުރާ އަމުރަކަށް އިމާރާތެއް ދިނުމަށް، އެ އަމުރު ރައްދުވާ ފަރާތުން ދެކޮޅުހަދައިފި ނަމަ، އެ އިމާރާތް ވަޒީރާ ހަވާލުކުރުމަށް އަންގައިދިނުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމަށް، ބަންޑާރަ ނައިބުގެ އޮފީހަށް، ވަޒީރަށް ފޮނުވިދާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކުރެވިފައި.

ގުޅުން ހުރި

ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތަހުގީގަށް މެމްބަރު ރިޒާ ފުލުހަށް ހާޒިރުކޮށްފި
އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު މެމްބަރު ހަލީމް ދެއްވައިފި
މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭ އިންތިޒާމު ހަމަޖައްސައިފި
ހައުސިން މިނިސްޓްރީ އުވާލުމުން ދޭހަވަނީ ބޯހިޔާވަހިކަމަށް ސަރުކާރުން އިސްކަމެއް ނުދޭކަން: އާދަމް ޝަރީފް