ޖަރުމަން ޝެންގެން ވިސާގެ ވަގުތީ ކްލިނިކެއް ރާއްޖޭގައި ހުޅުވަނީ
ޖަރުމަންވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ޖާމަން ޝެންގެން ވިސާ ނެގުމަށް ވަގުތީ ގޮތުން ވިސާ ބަޔޯމެޓްރިކް ކްލިނިކެއް އަންނަ ފެބްރުއަރީ މަހުގެ ތިންކުން ފެށިގެން ފަހަކަށް ފޮރިން މިނިސްޓްރީގައި ހުޅުވަން ނިންމައިފި އެވެ.
މި ކްލިނިކް އިންތިޒާމްކުރަނީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖަރުމަންވިލާތުގެ އެމްބަސީގެ ފަރާތުންނެވެ. ބަޔޯމެޓްރިކް ކްލިނިކް ހުޅުވާނީ ފެބްރުއަރީ 3 އިން 5 އަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ.
ވިސާގެ ޚިދުމަތަށް އެދިވަޑައިގަންވާ ބޭފުޅުންނަށް ބަޔޯމެޓްރިކް ކްލިނިކްގެ އެޕޮއިންޓްމަންޓް ޖެނުއަރީ 25 ވަނަ ދުވަހުގެ ހަވީރު 5:30 ގެ ކުރިން ތިރީގައި ލިންކަށް ޒިޔާރަތްކުރައްވައިގެން ހެއްދެވޭނެއެވެ.
https://visa.vfsglobal.com/lka/en/deu/book-an-appointment
އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ވީ.އެފް.އެސް ވެބްސައިޓަށް ޒިޔާރަތްކުރެއްވުން ލިބިވަޑައިގަންނަވާނެއެވެ.
https://visa.vfsglobal.com/lka/en/deu/news/mobile-biometric-clinic-in-male
މި ވިސާ ކްލިނިކަކީ ޖަރުމަންވިލާތަށް، ޚާއްސަކޮށް އައިޓީބީ ފެއަރއާ ދިމާކޮށް ޖަރުމަންވިލާތުގެ ބަރލިންއަށް ޒިޔާރަތްކުރާ ދިވެހިންނަށް ޝެންގެން ވިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކްލިނިކެކެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ޖަރުމަންވިލާތުގެ ސަފީރު ޖޯން ރޯޑް، މާލޭގައި ދާއިމީ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް ޤާއިމްކުރައްވާނެކަމަށް އިއުލާންކުރައްވާފައިވާއިރު، މި ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް އެ މިނިސްޓްރީއާއި ވީ.އެފް.އެސް ގްލޯބަލް ގުޅިގެން ދަނީ ކުރަމުންނެވެ. އަދި މިސެންޓަރުގެ ޚިދުމަތް މިއަހަރުގެ މާޗް މަހު ފެށިގެންދާނެއެވެ.