މިދިޔަ ހަފްތާ އެކަނިވެސް ކޮވިޑްގެ ކަންކަމަށް 25 މިލިއަން ރުފިޔާ ހަރަދުކޮށްފި
ރާއްޖޭގައި މިހާރު ފެތުރިފައިވާ ކޮވިޑް-19 އިން ސަލާމަތްވުމާއި އެ ބައްޔާ ގުޅޭ އެހެނިހެން ކަންކަމަށް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު 25 މިލިއަން ރުފިޔާ ޚަރަދު ކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ރޭ އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ހަފުތާއާ ހަމައަށް ކޮވިޑް-19 ގެ ހަރަދުތަކަށް 892.3 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އޭގެ ކުރީ ހަފުތާގައި ހޭދަކުރީ 866.9 މިލިއަން ރުފިޔާ އެވެ.
މިދިޔަ ހަފްތާގައި ކޮވިޑާ ގުޅުންހުރި ކަންކަމަށް ހަރަދު ކޮށްފައިވާ މިންވަރަކީ މީގެކުރީގެ ހަފްތާގައި ހަރަދުކުރި މިންވަރަށް ވުރެ 2.9 ޕަސެންޓު އިތުރު އަދަދެކެވެ. އެންމެ ބޮޑު އަދަދެއް ހަރަދުކޮށްފައިވަނީ އެންޑީއެމްއޭ އަދި އައިޖީއެމްއެޗަށެވެ.
އެންޑީއެމްއޭގެ ބޭނުމަށް 584.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އައިޖީއެމްއެޗަށް 141.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އެންސްޕާ އިން ސަބްސިޑީ އަދި ގްރާންޓުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފޮރިން މިނިސްޓްރީން އެހީގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ޒަކާތު ފަންޑުން ވަނީ ތިން މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.
ޕީޕީއީ އަދި ޓެސްޓު ކިޓު ފަދަ ތަކެތި ގަތުމަށް ހެލްތު މިނިސްޓްރީ އިން 74 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތަކަށް 29 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.