ސީއެސްސީގެ މެމްބަރު އާމިރާ ވަކިކުރުމުގެ މަސައްކަތް ފަށަން ތަޅުމަށް ފޮނުވަނީ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތިމަތު އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ޓަކައި ރައްޔިތުންގެ މަޖިލީހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން، މަޖިލީހުގެ ތަޅުމަށް ފޮނުވަން ރޭ ނިންމައިފި އެވެ.
ސީއެސްސީގެ ފަސް މެންބަރުންގެ ތެރެއިން އާމިރާ ފިޔަވައި އެހެން މެންބަރުން ވަކި ކުރުމުގެ މަސައްކަތް ފަށަން ކުރިން ތަޅުމަށް ފޮނުވުމުން، އެ މަސައްކަތް ފެށުމުގެ ހުއްދަ ރިޔާސަތުން ވަނީ ދީފަ އެވެ. އެއީ ކޮމިޝަންގެ ރައީސް އަލީ ޝަމީމްއާ ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރު ޒަކަރިއްޔާ މުހައްމަދު އަދި އިބްރާހިމް ޝަހީގެވެ.
ރޭ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި، އާމިރާ ވަކި ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގެވެ. އަދި އެއަށް ފަހު ކުރިން ވަކިކުރަން ނިންމާފައިި ތިބި ހަތަރު މެމްބަރުންގެ މައްސަލައާ އެއްކޮށް އާމިރާގެ މައްސަލަ ވެސް ކޮމެޓީން ނިންމުމަށް އޭނާ ހުށަހެޅުއްވި އެވެ.
އެ ގޮތަށް ފާސްވީ ހަ މެންބަރުންގެ ވޯޓުންނެވެ. ފޮނުވަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން ވަކި މަގާމަކުން މީހަކު ވަކިކުރަން ކޮމެޓީއަކަށް ފެނިއްޖެ ނަމަ، އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން މަޖިލީހުގެ ރައީސަށް ފޮނުވައި، މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާން ކުރަން ޖެހޭނެ އެވެ.
އާމިރާ އަކީ މި ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ސީއެސްސީއަށް އައްޔަން ކުރި މެންބަރެކެވެ. އެ ކޮމިޝަންގެ ދެން ތިއްބެވި މެންބަރުންނަކީ ކުރީގެ ސަރުކާރުގައި އައްޔަން ކޮށްފައިވާ މެންބަރުންނެވެ.
ސީއެސްސީގެ މެމްބަރުން ވަކިކުރަން ނިންމީ ސީއެސްސީގެ މަސައްކަތްތައް ލަސްވެ، މިނިސްޓްރީތަކަށް ދަތިތައް ކުރިމަތިވާ ކަމަށް ވަޒީރުންގެ މަޖިލީހުގައި އެދިފައި ވަނިކޮށެވެ. ކުރިން ވަކިކުރަން ނިންމި ހަތަރު މެމްބަރުންގެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލީ އޭރު ކޮމެޓީން އެގޮތަށް ފާސްކުރީ މަދު އަދަދެއްގެ މެމްބަރުން ބައިވެރިވި ބައްދަލުވުމެއްގައި ކަމަށްވާތީ އެވެ.