ޝިޔާމަށް އަނިޔާ ކުރުމުން ނައިފަރުގައި މުޒާހަރާ ކޮށްފި
މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި މަޖިލިސް ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލިސްގެ ތަޅުމުން ނެރެން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާތީ، އެކަމާ ގުޅިގެން މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ނައިފަރުގައި މުޒާހަރާ ކޮށްފި އެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ އެ އިހުތިޖާޖަކީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމަށް މަޖިލިސް ތެރޭގައި ކުރި އަނިޔާ ކުށްވެރިކޮށް ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެގެން ބޭއްވި ސުލްހަވެރި އެއްވުމެއް ކަމަށެވެ.
މި އިހްތިޖާޖްގެ ބައިވެރިން ތިބީ މާސްކް އަޅައިގެންނެވެ. އަދި ބައިވެރިން ތިބީ ދުރުދުރުގައި ބަހައްޓާފައިވާ ގޮނޑިއެއް ކައިރީގައި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެނެވެ.
ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަ ދެއްކެވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާފަ އެވެ. އެއާއެކު ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.
ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ދެބައި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ވެފަ އެވެ. އަނިޔާތަކަށް ޝިޔާމް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދާފަ އެވެ.
ޕީޕީއެމުން ބުނި ގޮތުގައި އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ވަނީ ރެދެއް ލައިފަ އެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ޝިޔާމަށް އަނިޔާ ކުރީ ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުން އެ ރޭގައި ފުލުސް އޮފީހަށް ވަޑައިގެންނެވި އެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓް ކުރި އެވެ. ފުލުހުން އަންނަނީ އެމައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.