ޚަބަރު

ނަޝީދުގެ ނާތަހުޒީބީ އުސޫލުތަކަށް ނައިފަރު ރައްޔިތުން ނޫނެކޭ ބުނެފި: ސައީދު

ދެން އެމްވީ ، ދެން އޮންލައިން

ޅ. ނައިފަރުގެ މިއަދު ބޭއްވި މުޒާހަރާއިން ހާމަވެގެން ދިޔައީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމުކޮށް ގެންގުޅޭ ނާތަހުޒީބު އުސޫލުތައް ދެން ބަލައިން ނުގަންނާނެ ކަން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި މަޖިލިސް ޖަލްސާގައި މެމްބަރު ޝިޔާމް، މަޖިލިސްގެ ތަޅުމުން ނެރެން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާތީ، އެކަމާ ގުޅިގެން މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ވަނީ ނައިފަރުގައި މުޒާހަރާ ކޮށްފައެވެ.

މިކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ހަމަނުޖެހުން ހިންގުމަށް އަމުރުކޮށް އެކަމަށް ތަރުހީބު ދިނުމަކީ ޤާނޫނާއި ހިލާފު ކަމައްކަމަށެވެ.

"އެކަމުން ދައްކުވައިދެނީ އުމުރު ދުވަހު، ރައީސް ނަޝީދު ގެންގުޅުއްވާ ހަމަނުޖެހުމައް ހިތްވަރު ދިނުމުގެ އުސޫލުތައް. އެކަން ހުއްޓުވަން ޖެހޭ." ސައީދު ވިދާޅުވިއެވެ.

ޕީޕީއެމުން ބުނި ގޮތުގައި ނައިފަރުގައި ބޭއްވި އެ އިހުތިޖާޖަކީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމަށް މަޖިލިސް ތެރޭގައި ކުރި އަނިޔާ ކުށްވެރިކޮށް ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެގެން ބޭއްވި ސުލްހަވެރި އެއްވުމެއް ކަމަށެވެ.

މި އިހްތިޖާޖްގެ ބައިވެރިން ތިބީ މާސްކް އަޅައިގެންނެވެ. އަދި ބައިވެރިން ތިބީ ދުރުދުރުގައި ބަހައްޓާފައިވާ ގޮނޑިއެއް ކައިރީގައި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެނެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަ ދެއްކެވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އެކަމަށް ރައްދު ދެއްވާފައެވެ. އެއާއެކު ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ދެބައި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ވެފަ އެވެ. އަނިޔާތަކަށް ޝިޔާމް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދާފަ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ވަނީ ރެދެއް ލައިފަ އެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ޝިޔާމަށް އަނިޔާ ކުރީ ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުން އެ ރޭގައި ފުލުސް އޮފީހަށް ވަޑައިގެންނެވި އެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓް ކުރި އެވެ. ފުލުހުން ބުނެފައިވަނީ އެމައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!