ރިޕޯޓް

މާލޭގައި ބިދޭސީންނަށް ވިޔަފާރި ކުރެވެނީ ސިޓީ ކައުންސިލު ފެއިލް ވެފައިވާތީ

ދެން އެމްވީ ، ދެން އޮންލައިން

ހަރުތާކު ޖެހެންދެން ހުއްޓާނުލާ ދައްކަން އޮތް އެއްވާހަކައަކީ ބިދޭސީންގެ ވާހަކައެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މުސީބާތް ކޮވިޑް19 ގެ ވަބާއަށްވުރެ ރާއްޖެއަށް ކުޑައެއްނޫނެވެ. ކޮވިޑް19 ގެ ހާލަތުގައި ދިވެހިންނަށް ވުރެ ބޮޑު ހޭދަޔަކާއި ވަގުތާއި މަސައްކަތް ބިދޭސީންނަށް މިއޮތީ ކުރަންޖެހިފައެވެ. އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ޒިންމާ އަޅުވައި މިކަމުގައި މުއައްސަސާތައް އޮތީ ފޭލިވެފައޭ ބުނުމުގެ ހައްޤެއް މާލޭ ސިޓީ ކައުންސިލަކަށްވެސް ނުއޮންނާނެއެވެ.

Ads by STELCO

ޤާނޫނާއި ޚިލާފަށް 200 ވިޔާފާރިއެއް މާލޭގައި ބިދޭސީން ކުރާކަމަށް ސިޓީކައުންސިލުން ބުނަން ލަދެއްވެސް ނުގަތެވެ. މާލެސިޓީގައި ޤާނޫނާއި ޚިލާފަށް ބަޔަކު ވިޔާފާރިކުރާއިރު ސިޓީކައުންސިލެއްގެ ދައުރު ހަމަވެގެން ދިޔައިރު ކުރެވުނީ ކީއްހެއްޔެވެ. ދެން ބުނަން އޮންނާނީ ބޮޑުވާހަކައެވެ. ފޭބި ސަރުކާރުން ބާރު ނުދިންވާހަކައެވެ. ބާރު ނުދީގެން ވާޖިބު އަދާ ނުކުރެވޭތީ ކައުންސިލަރުން މުސާރަ ނުނަންގަވާ އެންމެ މަހެއްވެސް ދިޔަހެއްޔެވެ. ބާރު ނުލިބިގެން ވާޖިބު އަދާ ނުކުރެވިގެން މަޤާމުން އިސްތިއުފާ ދިނީ ކާކު ހެއްޔެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ޤަވާއިދާ ޚިލާފަށް ކުރާ ވިޔާފާރިތައް ދެނެގަނެ އެތަންތަން ބަންދުކުރުވަން ކަމާގުޅޭ މުއައްސަސާއަކަށް ހުށަހެޅީ ހެއްޔެވެ. ސިޔާސީ ބޭނުމުގައި ނޫސްކޮންފަރެންސްތައްދީ ހެދިހެން ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެވުނު ހެއްޔެވެ. މިވެނިތަނެއްގައި ކުރާ މިވެނި ވިޔާފާރިއެއް ޤާނޫނާއި ޚިލާފަށް ކުރާކަމާއި ކަމާބެހޭ ފަރާތްތަކަށް ހުށަ ހަޅައިގެން ދިންޖަވާބަކީ ކޮބައިކަމާ އެޅި ފިޔަޅަކީ ކޮބައިކަން ބުނެ ދެވުނުހެއްޔެވެ.

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔާފާރިއާއި ގުޅިގެން ދައްކާ މާމޮޅު އެހެން ވާހަކައެއްވެސް އޮވެއެވެ. މިކަހަލަ ކޮންމެ ވިޔާފާރިއެއްގެ ފަހަތުގައި ދިވެއްސަކު ހުންނަ ވާހަކައެވެ. ތަންތަން ކުއްޔަށް ދޫކުރުމުގައި ހަމަޖެހޭ އުސޫލެއް ޤާނޫނެއްނެތި ދޫކޮށްލެވިފައި އޮންނަ އޮތުމުގެ ނާޖާއިޒު ފައިދާ ސްމާޓް މީހުން އަބަދުވެސް ނަގާނެއެވެ. ރާއްޖޭގައި އަށަގަންނަވާފައި އޮތް އެންމެ ނުބައި އެއް އާދަޔަކީ މަސައްކަތް ނުކޮށް ފައިސާ ހޯދުމުގެ އާދައެވެ. ފިހާރަތައް ހިންގަން ތަންތަން ކުއްޔަށް ދޭއިރު ބޮޑު އެޑްވާންސެއް ނެގެނިކޮށް ބިންވެރި މާލޭ މީހާއަށް ނިމުނީއެވެ. އެތާކުރަނީ ކާކު ކޮންކަހަލަ ވިޔާފާރިއެއްތޯވެސް ބަލައިލަން ބޭނުމެއް ނުވެއެވެ. ކުއްޔަށް ހިފާ މީހާ ދިއްކޮށްލާ ކޮންމެ ލިޔުމެއްގައި ސޮއިކޮށްލާނީ ވެސް އެއްވެސް ވިސްނުމެއްނެތިއެވެ. އެހިސާބުން ޤާނޫނީ ފޯމް ސެޓް އޮންނާނީ ނިމިފައެވެ. މުދަލުގެ ވެރިއަކީވެސް އިމާރާތުގެ ވެރިއަކީވެސް ގޭގެވެރިފަރާތެވެ. ނުވަތަ ކުއްޔަށް ހިފި ފަރާތެވެ. ވިޔާފާރީގެ ހުރިހާ ފައިސާއާއި މަސައްކަތް ބޭރު މީހާއަށެވެ. ގޭގެވެރިފަރާތުން އޮންނާނީ ކުރިޔަށް ކުލީގެ ފައިސާ ނަގާ ބޭނުންކޮށް ނިމިފައެވެ. އޭނާއަށް ޗުއްޕުވެސް ނުބުނެވޭވަރަށް އޮންނާނީ ބޭރު މީހާގެ ދަށުވެނިމިފައެވެ. ނުވިތާކަށް މީހުނާ އިނދެ ބިންވެރިންގެ ބިންތައް މޯގޭޖުކޮށްގެން ލޯނުނަގާ ބޭރުމީހާ ހަންފަތުރާ ލައެވެ. ވަންހަ ދިލަ ކޮޅުން އެކި ނަންނަމުގައި ކޮއްކޮ ބޭބެއަށް މަސައްކަތް ހޯދަދީ، އެމީހުންގެ ފައިސާ ރައްކާކޮށްދީ ރަށަށް ފޮނުވާ ދިނުމަކީ އެޖެންޓް ބޮންދުގެ މަސައްކަތެވެ. މަސައްކަތަށް ބޭރުން މީހުން ގެނެސް މަގުމަތިކުރުމުގައި ބޮންދު އެޖެންޓުންގެ ދައުރު ދިވެހިންނަށް ވުރެ މާބޮޑެވެ. އިމިގްރޭޝަނަށް އަޅަންޖެހޭ ލިންކެއް އަޅަނީވެސް ގިނަ ފަހަރަށް ބޮންދު އެޖެންޓެވެ. މުސާރައަށްވުރެ ބޮޑު އާމްދަނީއެއް ބޮންދު އެޖެންޓުގެ ފަރާތުން ލިބޭތީ އިމިގްރޭޝަން އޮފިސަރުންނަށް އޮންނަނީ އާދައިގެ ކަމަކަށްވެފައެވެ.

ވާނީ އެހެންތާއެވެ. ބޭނުންމީހަކު ބޭނުންވަރަކަށް ފައިސާ އެތެރެކޮށް ބޭރުކުރުމުގައި ހިފެހެއްޓުމެއްނެތެވެ. ވިޔަފާރިތަކުގެ އާމްދަނީ ކިހިނެތް ކާކުގެ ކޮން އެކައުންޓަކަށް ކަމެއް ނުބެލެހެއްޓެއެވެ. ދިވެއްސެއްގެ ނަން ބޭނުން ކޮށްލައިގެން ބިދޭސީން މަނީޗޭންޖަރުންގެ ގޮތުގައި މަސައްކަތް ކުރާއިރު ފެންނަ ލޮލެއްނެތެވެ. ދިވެހިން ކުރުވާ ކަންކަމަށްވެ އެމީހުންގެ ޒިންމާއެއް ނެތްކަމަށް ހަދައިގެން ތިބީމާ ނިމުނީތާއެވެ.

މޫނުމައްޗަށް ދިވެއްސަކު ފެންނަ ބިދޭސީ ވަގުވިޔާފާރިތައް ހުއްޓުވަން ކަމެއް ނުކޮށްތިބެ ދިވެހިން ބަދުނާމު ކުރުމުގެ އޮތީ ކޮން ހައްޤެއްހެއްޔެވެ. ބިދޭސީ ވަގުވިޔާފާރިއަށް އެހީތެރިވެދޭ ދިވެހިން ވަރަށް ފަސޭހައިން ފެންނާނެއެވެ. އެވިޔާފާރިއެއްގައި ދިވެހި މީހާގެ ބައިވެރިވުން އޮތްވަރު ބެލުމަކީ އުނދަގޫ ކަމެއް ނޫނެވެ. ރެކްރޫޓިންގ އެޖެންސީތަކާއި އެމީހުންގެ ދައުރުވެސް ފަސޭހައިން ބަލައިލެވޭނެއެވެ. ސައިކަލު ޕާކްކުރަނީ ރަގަޅަށްތޯ ބެލޭހެން އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއްނެތެވެ.

ގަވައިދާއި ޚިލާފަށް ވިޔާފާރިކުރާ ބިދޭސީންނާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނަމަ އެފަދަ އެހެން ވިޔާފާރިތައް ފަށަން އެވެރިންވެސް ފަސްޖެހޭނެއެވެ. ޖެހިލުން ވާނެއެވެ. ޤާނޫނާއި ޚިލާފަށް ވިޔާފާރިކުރާ މީހުންނަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާ ހައްޔަރުކުރަންޖެހޭ މީހުން ހައްޔަރުކުރުމުގެ ގާބިލުކަން ދިވެހިސަރުކާރުގައި ނެތިއެއް ނުވާނެއެވެ. ފަޅުރަށެއް ޚާއްޞަކޮށްގެން އެމީހުނަށް ޖަލު މަސައްކަތް ޖައްސަންވީނޫން ހެއްޔެވެ. އެމީހުންގެ ކަންކަމަށް ބޭނުންވާ ޚަރަދުތައް އެމީހުން ލައްވާ ހޯދަން ވީނޫން ހެއްޔެވެ. ޑިޕޯޓުކުރާނެ ފައިސާ ނެތިއްޔާ ފައިސާވެސް އެމީހުން ލައްވާ މަސައްކަތްކޮށްގެން ހޯދޭނެ ނޫންހެއްޔެވެ. ގައުއެޅުމާއި ދަނޑު ހެއްދުމާއި ފަރުނީޗަރ ޖެއްސުންފަދަ މަސައްކަތް ނުކުރެވޭނީ ހެއްޔެވެ. އެމީހުން ލައްވާ ކުރުވާ މަސައްކަތުން ދައުލަތުގެ ހޭދަތައް ކުޑަކުރުމަށް އަމާޒު ނުހިފެންވީ ކީއްވެހެއްޔެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!