އަންހެނުންނަށް ޚާއްސަ ޗޮކްލެޓެއް، ގަނެދޭނީ ކާކު؟
މައްސަރުކަންތައް ޖެހެން ކައިރިވުމުން ނުވަތަ ޖެހުމުން އެ ރިއްސާ ރިސުން އެނގޭނީ ހަމައެކަނި އަންހެނުންނަށެވެ. އަންހެނުންގެ މި ވޭނަށް ލުޔެއް ދެވޭތޯ އާ ވައްތަރެއްގެ ޗޮކްލެޓެއް ބާޒާރަށް ނެރެފި އެވެ.
ސްވިޓްޒަލެންޑްގެ، ޗޮކްލެޓް އުފެއްދުމަށް މަޝްހޫރު ލުކާން އިން އީޖާދުކޮށްފައިވާ މި ޗޮކްލެޓަކީ މައްސަރުކަންތައް ޖެހުމުން ބަނޑުގައި ރިއްސާ މީހުންނަށް ލުއި ހޯދަދިނުމަށްޓަކައި ފަތްޕިލާވެލީގެ ފަރުވާއެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ.
މި ޗޮކްލެޓް އުފައްދާފައި ވަނީ ލުކާން ކޮމްޕެނީގެ ޗޮކްލެޓް ވިތު ލަވް އިންނެވެ. މި ކުންފުނީގެ އިސް ވެރިޔާ މާކް ވިޑްނާ އަކީ މީގެ ކުރިން މަޝްހޫރު ހޮޓާތަކުގެ އިތުރުން، މަޝްހޫރު ޗޮކްލެޓެއް ކަމަށްވާ ސްޕްރުންގްލީގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ ބުނާ ގޮތުގައި އެކި ވައްތަރުގެ ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ޗޮކްލެޓުން ހަގީގަތުގައި ވެސް ލުއި ލިބެ އެވެ.
މި ޗޮކްލެޓަށް ކިޔަނީ "ފްރައުންމޮންޑް"އެވެ. މި ބަހުގެ އިނގިރޭސި މާނައަކީ "ވިމެންސް މޫން" އެވެ. މި ޗޮކްލެޓްގައި އެކުލެވެނީ 60 ޕަސެންޓް ކޮކޯ ސޮލިޑްސް އާއި ސްވިޓްޒަލެންޑުގެ ފަރުބަދަމަތީ ސަރަހައްދުތަކުން ހޯދާފައިވާ 17 ވައްތަރެއްގެ ފަތްޕިލާވެއްޔެވެ.
ވިލްޑްމާ ބުނާ ގޮތުގައި މި ހުރިހާ އެއްޗެއް އެއްކޮށްގެން އުފައްދާފައިވާ ޗޮކްލެޓުން، މައްސަރު ކަންތަކުގެ ތަދަށް ލުއި ލިބެ އެވެ. ސްވިޓްޒަލެންޑުންގެ ނޫހެއް ކަމަށްވާ "20 މިނިޓުން" އަށް ދީފައިވާ އިންޓަވިއުއެއްގައި ވިލްޑްމާ ބުނީ މި ޚިޔާލު އޭނާއަށް ލިބުނީ މީގެ ތިން އަހަރުކުރިން އޭނާއާ ބައްދަލުވި އާއިލާއެއްގެ ފަރާތުން ކަމަށެވެ. އެމީހުންނަކީ ހަމަ އެ ނަމުގައި ސައިފަތެއް އުފައްދާ ބައެކެވެ.
މިއީ އަންހެނުންގެ ސިއްހަތަށް ޚާއްސަކޮށްގެން އުފައްދާފައިވާ ފުރަތަމަ ޗޮކްލެޓް ކަމަށްވެ އެވެ. ވިލްޑިމާ ބުނާ ގޮތުގައި މި ޗޮކްލެޓުން ލިބޭ ސިއްހީ އިތުރު ފައިދާތައް ވެސް އެބަހުއްޓެވެ. މި ޗޮކްލެޓް ކެއުމުން، ހަށިގަނޑުގައިވާ ސެރޮޓޯނިން ލެވެލް މަތިވެ އެވެ. މިއީ މޫޑު ރަނގަޅު ކޮށްދިނުމުގެ ޒިންމާ އަދާކުރާ ކެމިކަލް އެކެވެ. ހަގީގަތުގައި ވެސް މި ޗޮކްލެޓްގައި އަރާމު އިހްސާސްކުރެވޭ ކަހަލަ އަސަރުތަކެއް ހުރެ އެވެ.
މި ޗޮކްލެޓަކީ އަންހެނުންނަށް ޚާއްސަ އެއްޗެކޭ ހީކޮށް ފިރިހެނުން އެކަމާ ދެރަވާނެ ކަމެއް ނެތެވެ. ވިލްޑްމާ ބުނާ ގޮތުގައި ފިރިހެނުންނަށް ވެސް ބޭނުން ނަމަ މި ޗޮކްލެޓް ކެވިދާނެ އެވެ.
މި ޗޮކްލެޓްގެ 100 ގްރާމްގެ އަގަކީ 12.50 ސްވިސް ފްރޭންކް އެވެ. އެއީ ގާތްގަނޑަކަށް 12.91 އެމެރިކާ ޑޮލަރެވެ.