ދެ ޓޫރިސްޓަކު މަރުވި އެކްސިޑެންޓުގައި ކައްޕިއަށް ބޮޑު ޖޫރިމަނާއެއް
މީގެ ހަތަރު އަހަރު ކުރިން، ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ޑައިވިން ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓުވެ ދެ ޓޫރިސްޓަކު މަރުވި މައްސަލާގައި، ލޯންޗުގެ ކެޕްޓަންގެ މައްޗަށް ކުރި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ސާބިތުވެ 116،200ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދެ ޓޫރިސްޓުން މަރުވި ހާދިސާ ހިނގީ ޑިސެމްބަރު 17، 2015ގައި ކ. ގުޅިން މާފުއްޓަށް ދަތުރުކުރަމުން ދިޔަ "ސަންލިޓް 1" ލޯންޗު "ފަރިހި 2" ޑައިވިން ދޯނީގައި ޖެހިގެންނެވެ. އެކްސިޑެންޓުވި ލޯންޗު ދުއްވަން އިނީ ފ. ނިލަންދޫ، އުނިމާގެ، އިބްރާހިމް ނާސިރު އެވެ.
ނާސިރު ޖަލަށް ލުމަށް ހުކުމް ކުރި ނަމަ އޭނާގެ މައްޗަށް 1 އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވޭނެ އެވެ. ނަމަވެސް ކުށް ކުރި ހާލަތާއި ކުށްވެރިޔާގެ ޒާތީ ހައިސިއްޔަތަށާއި މުޖުތަމައުގެ ބޭނުންތަކަށް ބަލައި އެހެން އަދަބެއް ކަނޑައެޅުމަށް ގާޒީ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ޖޫރިމަނާގެ ހުކުމަކަށް ބަދަލުކުރީ އެވެ. އެއީ އިބްރާހިމް ގަސްތުގައި ބަޔަކަށް ގެއްލުން ދިނުމަށް ހިންގި އަމަލަކަށް ނުވާތީ އާއި މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވި ފުރުތަމަ ފަހަރު ކަމަށް ވާތީ އެކަމުގެ މައްޗަށް ރިއާޔަތްކޮށްފަ އެވެ.
ހުކުމުގައި ބުނެފައި ވަނީ އެކްސިޑެންޓު ހިނގި ދުވަހު ނަސިރު ލޯންޗު ދުއްވީ ފުދޭވަރަކަށް ބާރަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދީ ކަމަށް ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ. އޭނާ އެ ދުވަހު ބާރަށް ލޯންޗު ދުއްވީ ވިއްސާރައިން ސަލާމަތްވުމަށް ކަމަށްވެ އެވެ.
އެކްސިޑެންޓުވި އިރު ދެ އުޅަނދު ވެސް ދުއްވާފައި ވަނީ ނެވިގޭޝަން ލައިޓް ވެސް ދިއްލައިގެން ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް ނާސިރު ލޯންޗް ދުއްވާފައިވަނީ ކަނޑުމައްޗަށް ބެލުމުގެ ބަދަލުގައި ޖީޕީއެސް އަށް ބަލައިގެންކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ލޯންޗް ޖެހުނު ދޯނި ދުއްވަމުން ދިޔައީ ގަޑިއަކު 6-7 މޭލު ބާރުމިނުގައި ނެވިގޭޝަން ލައިޓް ވެސް ދިއްލައިގެން ކަމަށް ވިޔަސް ލޯންޗު ދުއްވާފައި ދިޔަލެއް ބާރުކަމުން ލޯންޗުން ސަލާމަތްވާން ދޯންޏަށް އެއްވެސް ކަމެއް ނުކުރެވުނީ އެވެ. އަދި ލޯންޗުގައި ތިބި މީހުން ވަނީ ދޯނީގެ އަލި ކުރިން ފެނުނު ކަމަށް ވެސް ބުނެފަ އެވެ.
ގާޒީ ހަސަން ނަޖީބް އެ މައްސަލައިގައި ހުކުމް ކުރެއްވީ އިބްރާހިމް ނާސިރު 116،200 ރުފިޔާއިން ޖޫރިމާނާ ކުރުމަށެވެ. އަދި އެ ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމުގައިވެ އެވެ.
އިރުއޮއްސި 6:30 އެހާކަން ހާއިރު މާފުށީ ކައިރީގައި ހިނގި އެކްސިޑެންޓްގައި މަރުވީ ދޯނީގައި ތިބި ޓޫރިސްޓުންގެ ތެރެއިން މެލޭޝިޔާގެ 16 އަހަރުގެ އަންހެން ކުއްޖަކާއި 42 އަހަރުގެ ޗައިނާގެ ޓޫރިސްޓެކެވެ. ދޯނީގައި ހަ މީހަކު ތިއްބެވެ. ލޯންޗްގައި ހަތަރު މީހަކު ތިބި އިރު އެ މީހުންނަށް ބޮޑު ގެއްލުމެއް ނުވެ އެވެ.