ކުޅިވަރު

ލީގުގެ ބާކީ ހުރި މެޗުތައް ބާނެބެއުގައި ނުކުޅޭނެ: ރިއާލް

ދެން އެމްވީ ، ދެން އޮންލައިން

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ބާކީ ކުޅެން ހުރި މެޗުތައް އެޓީމްގެ ރަސްމީ ސްޓޭޑިއަމް ބާނެބެއުގައި ނުކުޅެން ނިންމައިފިއެވެ.

Ads by STELCO

ރެއާލް މެޑްރިޑްގެ ރަސްމީ ސްޓޭޑިއަމްގައި މެޗުތައް ނުކުޅެ އެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ޓްރެއިނިންގ ދަނޑުކަމަށްވާ "އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފާނޯ"ގައެވެ. މި ސްޓޭޑިއަމަކީ ރެއާލްގެ ޔޫތް ޓީމުގެ މެޗުތައް ކުޅޭ ސްޓޭޑިއަމެވެ. އަދި ރެއާލް މެޑްރިޑްގެ ތަމްރީންތައް ވެސް ކުރިއަށްގެންދަނީ މި ސްޓޭޑިއަމްގައެވެ.

ކުލަބުން ބުނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސްޓޭޑިއަމްކަމަށްވާ ބޭނެބެއުގައި ބާކީ ހުރި ހޯމް މެޗުތައް ނުކުޅެން ނިންމީ އެ ދަނޑުގެ މަރާމާތުތަކެއް ކުރިއަށްދާތީއާއި މި ދަނޑިވަޅުގައި އެކަން ހުއްޓާލަން ބޭނުން ނުވާތީއެވެ. އަދި މީގެ އިތުރުން ކޯވިޑް-19ގެ ސަބަބުން އެ ސްޓޭޑިއަމުން ބައެއް ސްޓޯރޭޖް ފެސިލިޓީއެއްގެ ގޮތުގައިވެސް މި ދަނޑިވަޅުގައި ބޭނުންކުރަމުން އަންނާތިއެވެ.

ލަލީގާ މެޗުތައް ޓްރެއިނިންގ ދަނޑުގައި ކުޅުމުގެ ކުރިން އެ ސްޓޭޑިއަމްގެ ލައިޓިންގ ސިސްޓަމް ރަނގަޅުކުރަން ޖެހެއެވެ. އަދި ކެމެރާ ރޫމް ބޮޑުކުރުމާއި، މެޗަށް އަޅާ ކެމެރާގެ އަދަދުވެސް އިތުރުކުރަން ޖެހެއެވެ. މީގެ އިތުރުން ވީއޭއާރު ސިސްޓަމްވެސް ހަރުކޮށް އެ ޓެސްޓް ވެސް ކުރަން ޖެހެއެވެ. މިކަންކަން ކުރުމަށް ރެއާލްއަށް ހަފްތާއެއްހާ ދުވަސް އެބައޮތެވެ.

މެދުކެނޑުމަކަށްފަހު ލީގުގައި ރެއާލް މެޑްރިޑް ކުޅޭ ފުރަތަމަ މެޗުވެސް ކުޅެން ޖެހެނީ އަމިއްލަ ދަނޑުގައެވެ. އެއީ އެއިބާއާއި ވާދަކުރާ މެޗެވެ. މި މެޗުގެ އިތުރުން ވެލެންސިޔާ، މަޔޯކާ، ގެތާފޭ، އަލަވޭސް އަދި ވިޔަރެއާލްއާއި ދެކޮޅަށް ލީގުގައި ކުޅެން ހުރި މެޗުތައްވެސް ކުޅޭނީ މި ދަނޑުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!