މާލެ އާއި ހުޅުމާލޭ ޖަލުގެ އެލާޓް ދަށްކޮށްފި
ކޮވިޑް-19އާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާލެ އާއި ހުޅުމާލޭ ޖަލުގައި އެލާޓްކޮށްފައި އޮތް ލެވެލް ދަށްކޮށްފިއެވެ.
މާލޭ ޖަލާއި ހުޅުމާލެ ޖަލުގެ އެލާރޓް ލެވެލް ދަށްކުރުމަށްފަހު ކޮމިޝަނަރ އޮފް ކަރެކްޝަނަލް ސަރވިސް އަހްމަދު މުހައްމަދު ވަނީ އެލާރޓްގެ ދުވަސްވަރު އެ ދެ ޖަލުގައި މަސައްކަތްކުރި ޖަލު އޮފިސަރުންގެ މަސައްކަތް ބަލައިގަންނަ ކަމަށްވިދާޅުވެފައެވެ.
ކޮވިޑް-19އާ ގުޅިގެން ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ޚާއްޞަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. ރާއްޖޭގެ އެކި ޖަލުތަކުގެ އެލާރޓް ލެވެލް އުވާލުމާއި އަޅާލާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ކަރެކްޝަނަލް ސަރވިސް އިން ނިންމާފައިވަނީ އެކި ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.
ލޮކްޑައުން އަށްފަހު އައު އާންމު ހާލަތުގައި، ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން އަދި އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭނެ އުސޫލު އެ އިދާރާއިން ވަނީ އާއްމުކޮށްފައެވެ.
މި އުސޫލަކީ ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި ނުވަތަ އައު އާއްމު ހާލަތުގައި ހެޑް އޮފް އޮފީހާއި ޖަލުތައް އޮޕަރޭޓްކުރުމަށް ހަމަޖައްސާފައިވާ ގޮތުގެ މި އުސޫލުގައިވާ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ މަރުހަލާގެ ދަށުން ޖަލުތަކުގެ އެތެރޭގައި ހުއްޓިފައިވާ ކަންތައްތައް އަލުން ފަށާނެއެވެ. އަދި ދެވަނަ މަރުހަލާގައި ޖަލުގެ ބޭރުން ކުރެވޭ ބައެއް ކަންތައްތައް ފަށާއިރު ތިން ވަނަ މަރުހަލާގައި އިތުރު ލުއިތައް ލިބިގެންދާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވެއެވެ.
ފުރަތަމަ މަރުހަލާގައި ދޭ ލުއިތަކުގެ ތެރޭގައި ވަކީލުންނަށް ބައްދަލުވުންތައް ދިނުމާއި ގައިދީންނާއި ބަންދު މީހުން ކޯޓުތަކަށާއި ސިއްހީ ފަރުވާއަށް މާލެ ގެނައުން ހިމަނާފައެއް ނުވެއެވެ. އަދި އެހެންމެ 18 އަހަރާއި 50 އަހަރާއި ދެމެދުގެ އާއިލާ މެމްބަރުންނަށް އާއިލީ ބައްދަލުވުމަށް އައުމުގެ ފުރުސަތުވެސް ފުރަތަމަ މަރުހަލާގައި ދިނުމަށް ނިންމާފައިނުވާއިރު އާއިލީ އެކަހެރި ބައްދަލުވުންތަކަށް ފުރުސަތު ދިނުމަށްވެސް ނިންމާފައިނުވެއެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން ދެ ވަނަ މަރުހަލާގައި ދިނުމަށް ހަމަ ޖައްސާފައިވާ ލުއިތައް ދޭން ފަށާނީ އެއް ރަށުން އަނެއް ރަށަށް ހުއްދަ ދޭން ސަރުކާރުން ނިންމުމުންނެވެ. އަދި އެންމެ ފަހު މަރުހަލާގައި ދޭ ލުއިތަކަށް އަމަލު ކުރަން ފަށާނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ހިސާބުން ކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ކަނޑައަޅުއްވާފައެވެ.