ސިވިލް ސާވެންޓުންގެ އިތުރުގަޑީގެ ފައިސާ ކުޑަކުރި މައްސަލަ ޓްރައިބިއުނަލަށް!
ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ކުޑަކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ސިވިލްސާވިސްގެ މުވައްޒަފުންތަކެއްގެ ނަމުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެވެ.
އެކަން ހާމަކޮށް އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ވަނީ އާ ސާކިއުލާއެއްގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާދޭން ނިންމާފައިވާ ގޮތާ މެދު އެ ޖަމްއިއްޔާއަށް ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ޖަމްއިއްޔާ އިން ބެލިބެލުމުގައި ސިވިލް ސާވިސް ކޮމިޝަނުގެ ނިންމުމުގައި ގާނޫނީގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ އެ ޖަމްއިއްޔާ އިން ހެލްތު ޕްރޮފެޝަނަލް ޔޫނިއަނާ މަޝްވަރާކުރުމަށްފަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ގުރުބާނީ އެއް ވަމުންދާ އެއްބަޔަކީ ފްރޮންޓް ލައިންގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށާއި މިހާރުވެސް މި މުވައްޒަފުންނަށް ދެމުންގެންދާ އުޖޫރައަކީ އެކަށީގެންވާ މިންވަރަށްވުރެ ކުޑަ އުޖޫރައެއް ކަމުގައިވާއިރެއް ކަމަށް އެ ސެންޓަރުން ބުނެއެވެ.
އަދި ޖޫރަ ބޮޑު ކުރުމުގެ ބަދަލުގައި އިތުރު ގަޑީގައި މަސައްކަތް ކުރުމުން ލިބޭ އުޖޫރަ އިތުރަށް ކުޑަކޮށްލުމުން އެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ބަދަލު ލިބިގެން އެދަނީ ވަރަށް ހިތިކޮށް ކަމަށާއ ފްރޮންޓް ލައިންގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ރަސްމީ ގަޑިއަށްވުރެ މާބޮޑަށްވެސް އިތުރަށް ގިނައިރުތަކެއް މަސައްކަތް ކުރަންޖެހޭ ފަރާތްތަކެއް ކަމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރުނު ބަޔާނުގައިވެ އެވެ.
އެ ޖަމްއިއްޔާ އިން ބުނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުން އެކުރަމުން ގެންދަނީ ގައުމީ މުހިންމު ބޮޑު މަސައްކަތެއް ކަމަށާއި އެ މުވައްޒަފުންނަށް ހައްގުވާ އުޖޫރަ ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރުމުގައި ސަރުކާރުން މިސާލު ދެއްކުމަށް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލާފަ އެވެ.