ރިޕޯޓް

ޣައްޒާ ކުދީންގެ އުފާވެރިކަމާއި ހިތާމަ ފެނިގެންދާ ދެވީޑިއޯ! ޝުކުރިއްޔާ ދީލަތި ދިވެހީން!

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާންމަހާއި ދިމާކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ދަނީ "ލޯތްބާއެކު" ގެ ނަމުގައި ނިކަމެތި މުސްލިމުންނަށް އެހީތެރިވުމުގެ ޕްރޮޖެކްޓެއް ހިންގަމުންނެވެ. ދީލަތި ދިވެހިން ދަނީ ކޮންމެ އަހަރަކު ވެސް މި ޕްރޮޖެކްޓަށް އިންތިހާއަށް އެހީވަމުންނެވެ. މިއަހަރުގެ ޕްރޮޖެކްޓަށްވެސް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހީން ވަނީ ހޭދަކޮށްފައެވެ. (މި ޕްރޮޖެކްޓްގައި އެކި ގޮތްގޮތުން ބައިވެރިވި މީހުންގެ ދިރިއުޅުން ފަސޭހަ ކުރައްވާ ، އެމީހުންގެ ރިޒުޤް ތަނަވަސް ކުރައްވާށިއެވެ. އާމީން!)

Ads by Hajj Corporation

އައިއޭސީގެ މިއަހަރުގެ ޕްރޮޖެކްޓްގެ މަޢުލޫމާތުތައް ބަލަމުން ދިޔައިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދެ ވީޑިއޯ އެކެވެ. ހިތާމައިންނާއި އުފާވެރިކަމުން ރޮއްވާލާނެ ދެ ވީޑިއޯއެވެ.

އެއްވީޑިއޯ އިން ފެންނަނީ ޣައްޒާގެ ކުދިންނަށް ރޯދަ ވީއްލުމުގެ ޕެކޭޖްތައް ބަހަމުން ދިޔަ ތަނެވެ. އެ ތަކެތި ލިބުމުން އެކުދިންގެ މޫނު މައްޗަށް ވެރިވާ އަސަރުތަކާއި އެކުދިންގެ ޝުޢޫރުތަކަކީ ރޮއްވާލާނެ ކަންކަމެވެ.

ރޯދަވީއްލުމުގެ ޕެކޭޖް ދެމުން، އެއްކުއްޖެއް ގާތުގައި ދިވެހި ކުދިންގާތު ބުނެލާނީ ކީކޭތޯ ބުނުމުން އެކުއްޖާ ބުނީ ''ސަމުސަލެއް ލިބޭނެ ހެއްޔެވެ''؟ އަދި ރޯދައަށް ހުރި ނިކަމެތި އެހެން ކުއްޖަކު ބުނީ "ހާދަ މީރުވާނޭ ،ކާލިޔަސް އެންމެ ރަނގަޅު ހެއްޔެވެ"؟ ރޯދައެއް ނޫން ހެއްޔޭ ، ހަދިޔާ ބަހަމުން ދިޔަ މީހާ ބުނުމުން އެކުއްޖާ ބުނީ ''އެކަމަކު ވަރަށް ބަނޑުހައި" ކަމަށެވެ.

އެހެން ކުއްޖަކަށް ހަދިޔާ ލިބުމުން އެދެމުން ދިޔައީ އިތުރަށް ވެސް ދިނުމަށެވެ. އަދި ވަރަށް ގިނައިން ބޭނުން ކަމަށް މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފެންނަ އެ ކުއްޖާ ބުންޏެވެ.

އިފްތާރު ޕެކޭޖް ލިބުނު ނިކަމެތި ޙާލުގައި އުޅެމުންދާ އެހެން އަންހެން ކުއްޖެއް ވަނީ މަންމަ ދެކެ ވާ ލޯބި އިހްސާސް ވެގެންދާ ޝުއޫރުތަކެއް ހާމަކޮށްފައެވެ.

'' މަންމައަށް މިދީފައި އަހަރެން ދިން އެއްޗެކޭ ބުންޏަސް އެންމެ ރަނގަޅުތަ" ހުއްޓެމުން ވާހަކަ ދައްކަމުން ދިޔަ އެކުއްޖާ ބުންޏެވެ. ބަނޑުހައި ހޫނުކަމުގައި އެކުއްޖާ ހުރި ނަމަވެސް މަންމަގެ ހައިހޫނުކަން ފިލުވުމުގެ ލޯބި އެކުއްޖާގެ ހިތުގައި މާބޮޑެވެ.

ރަމަޟާން މަހަށް ފަހުގައި ޢީދުގެ އުފާވެރިކަމާއި ހިތްހަމަ ޖެހުން ޣައްޒާގެ ކުދިންނަށް ހޯދައިދިނުމަށް ޓަކައި އައިއޭސީން ވަނީ ތަފާތު ކުޅިވަރުގެ ޙަރަކާތްތައް ވެސް ހިންގާފައެވެ. ހަމައެހެންމެ އެ ޖަމްޢިއްޔާއިން ވަނީ އެކުދިންނަށް ކުޅޭ އެއްޗިއްސާއި ޢީދު ހެދުން ގަނެދީފައެވެ.

ރެފިޔުޖީ ކޭމްޕްތަކުގައި ، ބާ އަދި ހަލާކުވެ ވީދިފައިވާ ހެދުން ލައިގެން އުޅޭ ކުދިން ، ޢީދު ހެދުން ގަތުމަށް ފިހާރައިގައި އުޅޭ މަންޒަރަކީ ވެސް އުފަލުން ރޮއްވާލާ ވީޑިއޯ އެކެވެ. އައު ހެދުމުން ލިބުމުން އެކުދިންގެ މޫނު މައްޗަށް ވެރިވެފައިވާ ހިނިތުންވުމުން އުފަލުން ރޮވޭނެއެވެ. އެ މައުސޫމް ކުދިންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވުމުގައި މެދުވެރިވި އެންމެނަށް ﷲ ތަޢާލާ ބަރަކާތް ލައްވާށިއެވެ! އާމީން!

އައިއޭސީގެ ''ލޯތްބާއެކު2020، ޕެންޑަމިކް ރިލީފް'' ޕްރޮޖެކްޓަކީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ފާހަގަ ކުރެއެވެ. އަދި މި ޕްރޮޖެކްޓަށް އެހީވި ފަރާތްތަކަށް ޝުކުރު އަދާކޮށް ، އެހީ ލިބުނު ނިކަމެތި މުސްލިމުންގެ ލޯތްބާއި ހެޔޮ އެދުން ، އައިއޭސީން އެފަރާތްތަކަށް ވަނީ ރައްދުކޮށްދީފައެވެ،

މި ޕްރޮޖެކްޓްގައި ދުނިޔޭގެ ހަ ގައުމެއްގެ 35000 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެ ހަ ގައުމަކީ ޔުގެންޑާ ، ފަލަސްތީން ، ސީރިޔާ ، ޔަމަން ، ނޭޕާލް އަދި ބަނގްލަދޭޝްއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!