ޓެކުހަށް މަކަރު ހެދިކަމުގެ ކުށް ސާބިތުވެ ކޮސްޓާއަށް ކުރި ޖަލު ޙުކުމް ޖޫރިމަނާއަކަށް
ޓެކްސް ދެއްކުމުގައި މަކަރުހެދިކަން ސާބިތުވެ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަށް ކޮށްފައިވާ ޖަލު ހުކުމް ޖޫރިމަނާއަކަށް ލުއިކޮށްދީފިއެވެ. ސްޕެއިންގެ ކޯޓަކުން ކޮސްޓާގެ މައްޗަށް 6 މަހުގެ ޖަލު ހުކުމެއް ކުރީ މި ހަފްތާ ތެރޭގައެވެ.
ސްޕެއިނުގެ ގާނޫނު ބުނާ ގޮތުން ޓެކްސް ދެއްކުމުގައި މަކަރު ހެދުން ފަދަ ކުށެއްކޮށް އެކުށް ސާބިތުވެ ދެ އަހަރަށް ވުރެން ކުރު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފިނަމަ ޖޫރިމަނާ ދައްކައިގެން ޖަލަށް ނުގޮސް ސަލާމަތްވެއެވެ.
އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑްގެ މައްޗަށް ޓެކުހަށް މަކަރު ހެދިކަމަށް ފުރަތަމަ ތުހުމަތުކުރެވުނީ މިދިޔަ އަހަރެވެ. އޭނާއާއި ދެކޮޅަށް ކޮށްފައިވާ ދައުވާއަކީ ޓްރާންސްފަރ ފީއަށް ލިބިފައިވާ އާމްދަނީގެ ލިޔެކިޔުންތައް ހުށަހަޅާފައިވާ ނުވާތީއާއި އިމޭޖް ރައިޓްސް ވިއްކައިގެން ލިބުނު ފައިސާއިން ބައެއް އޮޅުވާލާފައިވާތީއެވެ. މެޑްރިޑުގެ ކޯޓުން މި ހަފްތާގައި ކުރި ހުކުމުގައި ބުނާ ގޮތުން އޭނާ ޗެލްސީ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވިއިރު އޭނާއަށް ފީގެ ގޮތުގައި ލިބުނު 5.15 މިލިއަން ޔޫރޯއާއި ގުޅޭ މައުލޫމާތުތައް ހުށައެއް ނާޅައެވެ. އަދި މީގެ އިތުރުން އިމޭޖް ރައިޓްސްއިންވެސް މިލިއަނެއްހާ ޔޫރޯ އޭނާވަނީ އޮޅުވާލާފައެވެ.
ހަ މަހުގެ ޖަލު ހުކުމް ލުއިކޮށްދޭން ނިންމާފައިވަނީ ޖޫރިމަނާގެ ގޮތުގައި 36 ހާސް މިލިއަން ޔޫރޯ ދައްކައިގެންނެވެ. 31 އަހަރުގެ ކޮސްޓާވަނީ އޭނާ ޓެކްސް ދެއްކުމުގައި މަކަރު ހަދާފައިވާކަމަށް އެއްބަސްވެ އިމޭޖްސް ރައިޓްސްއާއި ގުޅޭ ފައިސާވެސް ދައްކާފައެވެ.
ފްރާންސްއާއި ސްޕެއިންގައި ޓެކުހަށް މަކަރު ހެދުމަކީ އާންމުކަމެކެވެ. މިގޮތުން ގިނަ ފުޓްބޯޅަ ކުޅުންތެރިންނާއި އެކުޅުންތެރިންގެ އޭޖެންޓުންގެ ގިނަ މައްސަލަތަކެއް މިދިޔަ 10 އަހަރަށް ބަލާއިރު ވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި ރިއާލް މެޑްރިޑްގެ މިޑްފިލްޑަރ ލޫކާ މޮޑްރިޗް އަދި މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ ލަޔަނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ވަނީ ޓެކްސްއަށް މަކަރު ހެދުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ކޮށްފައެވެ.
ތިން ކުޅުންތެރިންވެސް ޖަލު ހުކުމުން ސަލާމަތްވީ ޖޫރިމަނާ ފައިސާ ދައްކައިގެންނެވެ. ޖޫރިމަނާގެ ގޮތުގައި ރޮނާލްޑޯ 18 މިލިއަން ޔޫރޯ ދެއްކިއިރު، މެސީވަނީ ޖަލު ހުކުމުގެ ކޮންމެ ދުވަހަކަށް 400 ޔޫރޯ ދައްކާފައެވެ.