ހަސަން ދެއްކެވި ވާހަކައަށް ނަޝީދުވެސް ތާއީދުކޮށްފި
މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް ވަނުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ ހުރެގެން ނުވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ދެއްކެވި ވާހަކަފުޅުތަކަށް ތާއީދު ކުރައްވާ އެ ޓްވީޓް ރައީސް ނަޝިދު ރިޓްވީޓް ކުރައްވައިފި އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ނިސްޓަރު އިމްރާން ވިދާޅުވުމާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ، ލަތީފް ވަނީ ޓްވީޓް ކުރައްވާފަ އެވެ.
ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތާއީދެއް އެއްވެސް ދާއިރާއަކުން ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް އަދާލަތު ޕާޓީއަށް ކާމިޔާބު ކުރެވިފައިިނުވާ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް ވަނުމުގެ ވިސްނުން މިނިސްޓަރު އިމްރާންގެ ހުރެގެން ނުވާނެ ކަމަށެވެ.
އޭނާގެ ޓްވީޓް ރައީސް ނަޝީދު ރިޓްވީޓް ކުރައްވާފައިވާއިރު މެންބަރު ޝިޔާމަށް އެމްޑީޕީގެ މެންބަރުން ހަމަލާދިނީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.
އިދިކޮޅު ކޯލިޝަންގެ މެންބަރުން ވަނީ އެމައްސަލަ އެ ރޭގައި ފުލުސް އޮފީހަށް ވަޑައިގެން މައްސަލަ ފުލުސް އޮފީހަށް ރިޕޯޓް ކޮށްފަ އެވެ. ފުލުހުން އަންނަނީ އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ.