ވެންޓިލޭޓަރެއް އުފެއްދި އަޝްހަމަށް ފެނަކައިން ވަޒީފާގެ ފުރުސަތު
ގޮނޑުން ހޮވި ތަކެތިން ވެންޓިލޭޓަރެއް އުފެއްދި އަހަރުގެ އަހުމަދު އަޝްހަމް އަށް ފެނަކައިން ވަޒީފާގެ ފުރުސަތު ދީފި އެވެ.
ށ. ގޮއިދުއަށް އުފަން، އުމުރުން 19 އަހަރުގެ އަޝްހަމަށް ވަޒީފާގެ ފުރުސަތު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ފޯނުން ގުޅުއްވަ އެވެ. އޭނާ ވަނީ އަޝްހަމްގެ މަސައްކަތަށް މަރުހަބާ ވިދާޅުވެ އޭނާ އަށް މުސްތަގުބަލުގައި ކާމިޔާބީއަށް އެދެމުން ފެނަކައިގައި ވަޒީފާގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާނުންނަށް ވެސް އެ ކުންފުނީގައި ވަޒީފާގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަޝްހަމް އުފެއްދި ވެންޓިލޭޓަރަށް ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ތައުރީފް ކުރައްވާފަ އެވެ.
އަޝްހަމް އުފެއްދި ވެންޓިލޭޓަރަކީ ދަތި ހާލަތެއްގައި ބޭނުން ކުރަން އެކަށީގެންވާ ވެންޓިލޭޓަރެކެވެ. މި ވެންޓިލޭޓަރުން ބަލިމީހާ އަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދޭއިރު ކަރަންޓު ހިނގައްޖެ ނަމަ އެކަން އެންގުމަށް އެލާމް އަޅައި ދިއްލޭ ފިތެއް ވެސް ވަނީ ހަރުކޮށްފަ އެވެ.
ވެންޓިލޭޓަރު އެއްކޮށް ފުރިހަމަ ކުރުމަށްފަހު އަޝްހަމް ނިންމާފައިވަނީ ވެންޓިލޭޓަރު އެ ރަށުގެ ސިއްހީ މަރުކަޒަށް ހަދިޔާ ކުރާށެވެ.