ޚަބަރު

ޖަލްސާ ނިމުނީ ކަމަށް ދެކި ހުރިހާ ބޭފުޅުންވެސް ސުލްހަވާން އެދެން: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ޤާނޫނު އަސާސީއަށް އިޞްލާޙް ގެނައުމަށް މިމަހުގެ ދެވަނަ ދުވަހުގެ ދަންވަރު ބޭއްވި ޖަލްސާގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ހުރިހާ ބޭފުޅުން ސުލްހަވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by STELCO

ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ވަޓްސްއެޕް ގްރޫޕެއްގައެވެ.

މި ގުރޫޕްގައި ރައީސް ނަޝީދު މިހެން ލިޔުއްވާފައިވަނީ ޤާނޫނު އަސާސީއަށް އިޞްލާޙް ގެނައުމަށް ސްޕްރީމް ކޯޓުން ދިން އިސްތިޝާރީ ލަފާގެ މައްޗަށް ސަން އޮންލައިންގައި ލިޔެފައިވާ ރިޕޯޓެއް ހިއްސާ ކުރައްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިޤް (ޓޮމް) ވިދާޅުވި ބަސްފުޅަކާއި ގުޅިގެންނެވެ.

އެ ރިޕޯޓް ހިއްސާ ކުރައްވަމުން ، މަޖިލީހުގެ މެޖޯރިޓީ ލީޓަރ ޢަލީ ޢާޒިމްއަށް ނިސްބަތް ކުރައްވާ ޓޮމް ވިދާޅުވީ ''ކޮންމެވެސް ވަރަކަށް ޤާނޫނު ދަންނަ ބޭފުޅުން ތިއްބަވާ ވާހަކަ ވިދާޅުވެފައި އޮތީމާ ، ސިޔާސީ ފިކުރު އެއްކިބާކޮށް ޤާނޫނީ ނަޒަރަކުން ކިޔާލަން ރަނގަޅު ޢިލްމީ ލިޔުމެއް ވީމާ ހިއްސާ ކޮށްލީ''ކަމަށެވެ.

މި މެސެޖަށް ރައްދު ދެއްވަމުން މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބުދުﷲ ވިދާޅުވީ ''ތިކަން ބަލަން މީހަކު އެބަ ހޯދާ''ކަމަށެވެ. މައްސަލަ ހޫނުވި ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު އަށް އީވާ ފައިން ޙަމަލާދިން ކަމަށް ބެލެވޭ ވީޑިއޯއެއް ވެސް ވަނީ ޢާންމުވެފައެވެ.

އީވާގެ މި މެސެޖާއެކު ރައީސް ނަޝީދު ވަނީ ހުރިހާ ބޭފުޅުން ސުލްޙަވުމަށް އެދި ވަޑައިގެންފައެވެ.

''އަޅުގަނޑުވަރަށް އެދެން ދެން އެޖަލްސާ ނިމުނީކަމަށް ދެކި ހުރިހާ ބޭފުޅުން ސުލްހަވާން'' ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

މި މެސެޖަށް ރައްދު ދެއްވަމުން ޕީޕީއެމްގެ މެމްބަރު ޙުސައިން މުޙައްމަދު ވިދާޅުވީ އެރޭ ފެނިގެން ދިޔައީ ޖިނާއީ ކުށްތަކަށް އަރައިގަތް މަންޒަރު ކަމަށާއި ސުލްޙަ ވެވޭނީ ރައްޔިތުން ސުލްޙަ ވާން އެދުމުން ކަމަށެވެ.

މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުން މެމްބަރެއްގެ ނަން އިއްވުމަށްފަހު އެ މެމްބަރަކު މަޖިލީހުގެ ޗެމްބަރުން ނިކުމެވަޑައިނުގެންފިނަމަ މެމްބަރު ނެރެންޖެހޭނީ ސާޖެންޓް އެޓް އާމްސް އެވެ. ނަމަވެސް އެރޭގެ ޖަލްސާއިން ފެނިގެން ދިޔައީ މަޖިލީހުގެ ރައީސް ވެސް ނަން އިއްވި ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ނެރުމަށް އެމްޑީޕީ މެމްބަރުންނަށް އެންގެވި ތަނެވެ. އަދި އެމްޑީޕީގެ މެމްބަރުން ވަނީ ގަދަކަމުން ޝިޔާމް މަޖިލީހުން ނެރެފައެވެ. އަދި ޝިޔާމް ޗެމްބަރުން ނެރެން އުޅުމުގެ ތެރޭގައި އެމަނިކުފާނުގެ ގަޔަށް އަތްލާ ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގައިގެން ގޮސްފައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމްއަށް ވަނީ އަނިޔާ ވެސް ލިބިފައެވެ. އަދި އެމަނިކުފާނު ވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވާފައެވެ.

މަޖިލީހުގެ ޤަވާޢިދާއި ޚިލާފަށް ހިނގައިދިޔަ މިކަންތަކާއި އަދި ޝިޔާމްއަށް ލިބުނު އަނިޔާތަކާއި ގުޅިގެން އެމަނިކުފާނުގެ ރަށްކަމުގައިވާ ނައިފަރުގެ ރައްޔިތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޢަމަލުތައް ކުށްވެރިކޮށް މުޒާހަރާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!