ޚަބަރު

ސައީދު، ހަސަން ލަތީފަށް: ބޮޑާކަން އިސްނުކުރައްވާ، ތިބާރު އިސާހިތަކު ނެތި ހިނގައިދާނެ!

ލިބިގެން އުޅޭ ބާރު އިސާހިތަކު ނެތި ހިނގައިދާނެ ކަމަށާއި އެހެން ކަމުން ބޮޑާކަން އިސްނުކުރެއްވުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު،އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް ގޮވާލައްވައިފިއެވެ.

ސައީދު މިހެން ވިދާޅުވީ މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުގެންގުޅުމަށް ހަސަން ލަތީފް ގޮވާލެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ އިންސާފު އުފަންވަނީ އެމްޑީޕީގެ ޖަގަހައިންތޯ ސުވާލު އުފައްދަވާފައެވެ. އަދި ދައުލަތުގެ އިންތަކާއި މިންތައް ހުރަސްކޮށް ޤާނޫނުއަސާސީގެ ހުރުމަތް ކެނޑުމުގެ ބާރު އެއްވެސްފަރާތަކަށް ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވިިއެވެ.

"ބޮޑާކަން އިސްނުކުރައްވާ. ތި ބާރު އިސާހިތަކުން ނެތި ހިނގައިދާނެ." ސައީދު ވިދާޅުވިއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހު މެންދަމު ބޭއްވި ޖަލްސާ ހޫނުވެ ރިޔާސަތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމްގެ ނަން އިވުމުން އޭނާ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ދެކޮޅު ހެދެވުމުން އެމްޑީޕީ މެމްބަރުން ވަނީ އޭނާ ގަދަކަމުން ބޭރަށް ނެރެލާފައެވެ. ޝިޔާމް ގަދަކަމުން ނެރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ހަމަނުޖެހުން ހިނގައި، މެމްބަރުންނަށް ވަނީ އަނިޔާވެފައެވެ.

އެ ރޭ ހަމަނުޖެހުން ހިނގި މައްސަލަ ފުލުހުން ބަލައި ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ހަސަން ލަތީފް ވިދާޅުވީ އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަކީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އޮތް ޕާޓީއެއް ނޫން ކަމަށެެވެ. އަދި ނިމިގެން ދިޔަ މަޖިލިސް އިންތިހާބްގައި އަދާލަތު ޕާޓީން ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބުކުރެއްވިފައެއް ނުވެ އެވެެ.

"ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް މަޖިލީހުގެ ނިޒާމަށ ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝެއިހް އިމްރާން ހުރެގެން ނުވާނެ" ހަސަން ލަތީފް ކުރެއްވި ޓުވީޓުގައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!