ޚަބަރު

ޖާބިރުގެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުން ހުއްދަ ދެވޭނެ: ނަހުލާ

ދެން އެމްވީ ، ދެން އޮންލައިން

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައްލަވައިގަތް ހެލިކޮޕްޓަރު ރާއްޖެ ގެނައުމަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ހުއްދަ ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޖާބިރު ހެލިކޮޕްޓަރެއް ބައްލަވައިގަތީ ގާތްގަނޑަކަށް 6 ލައްކަ ޑޮލަރަށެވެ. ޖާބިރު ވިދާޅުވީ އެ ހެލިކޮޕްޓަރު ދުއްވަން ބަހައްޓަން ބޭނުން ވަނީ ދިވެހި ޕައިލެޓެއް ކަމަށެވެ.

ޖާބިރުގެ އެދިލެއްވުމަކަށް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރު ނަހުލާ ހާޒިރު ކޮށް ކޮމިޓީ ބައްދަލުވުން ބޭއްވީ ވާޗުއަލް ކޮށެވެ. މި ބައްދަލުވުމުގައި ޖާބިރު ބައިވެރިވެ ވަޑައިގެންނެވީ، އޭނާއަށް ރިސޯޓް ހަދަން ދޫކޮށްފައިވާ ވ އަތޮޅު ބޮޑު މޮހޮރާގައި ހުންނަވައިގެންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ ހެލިކޮޕްޓަރެއް ގެންނާނެ ކަމަށާއި އެކަމަށް މިނިސްޓަރު ނަހުލާ ހުއްދަ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ނަހުލާ ވިދާޅުވީ އެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ލިބިގެންދާނެ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުގެ ހެލިކޮޕްޓަރު އައުމުން ފޮލޯ ކުރަން ޖެހޭ ޕްރޮސެސްތައް ފޮލޯކޮށްފައި ހަމަ އެދޭން ޖެހޭ ހުއްދަތައް އަޅުގަނޑުމެން ދިނުމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރު ނަހުލާ ވިިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ އެގޮތަށް ޖަވާބު ދެއްވުމުން ޖާބިރު ވިދާޅުވީ، އޭނާ ގެންނަ ހެލިކޮޕްޓަރުގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހިލޭ ދަތުރުކުުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރާއްޖެއަށް ޕްރައިވެޓް ހެލިކޮޕްޓަރެއް ގެނައުމުގެ ހުއްދަ ދިނުމަށް، ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީގައި ޖާބިރު ވަނީ ފެބްރުއަރީ 18 ވަނަ ދުވަހު އެދިވަޑައިގަންނަވާފައެވެ.

އެ ވުޒާރާ އަށް ފޮނުވި ސިޓީގައި ޖާބިރު ވިދާޅުވީ، އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާކުރަމުންދާ ވިޔަފާރިވެރިއަކަށް ވުމާއި އެކު އޭނާ އުޅެން ޖެހިފައި ވަނީ ވަރަށް އަަވަދި ނެތިކޮށް ކަމަށެވެ.

އެގޮތުން ކާށިދޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށާއި، ވިޔަފާރީގެ ބޭނުމަށް ގިނަ ދަތުރުތަކެއް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުތަކެއް ކުރަން ޖެހުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމެއް ކަމަށް ޖާބިރުގެ އެ ސިޓީގައި ވެއެވެ. އަދި އެ ދަތުރުތަކުގައި ހޭދަ ކުރާ ވަގުތު ކުރުކުރުމަށް ޕްރައިވެޓް ހެލިކަޕްޓަރެއްގެ ބޭނުން ބޮޑުވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!