7000 ފްލެޓު ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށް ބުނެވުނީ އޮޅުމަކުން: މިނިސްޓްރީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާއަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ މިއަދު ބައްދަލުވުމުގައި، ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އާތިފާ ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި، ހައުސިންގ މިނިސްޓްރީއާ ކުރެވުނު ސުވާލު ތަކުގެ ތެރޭގައި ހިޔާ މަޝްރޫޢުގެ ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވުނު ސުވާލުތަކުގެ ތެރެއިން ދެވަނަ ބުރުގައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ "ފްލެޓްތައް ޖުލައިމަހަށް ހަވާލުކުރެވޭނެކަމަށް" ވިދާޅުވެވިފައި ވަނީ އޮޅުމަކުން ކަމަށެވެ.
އަދި ކޮވިޑް-19އާ ގުޅިގެން ފުރަބަންދެއްގަ ތިބުމުގެ ސަބަބުން، ކުރިން ފައިނަލް ލިސްޓް އިޢުލާން ކުރަން ތާވަލްކުރި ތާރީޚުގައި ލިސްޓް ވަނީ އާންމު ނުކުރެވިފައި ކަމަށާއި މިހެން ދިމާވުމުގެ މައިގަނޑު އެއްސަބަބަކީ، ފުރަބަންދުގެ ތެރޭގައި ގޭގެއަށް ޒިޔާރަތްކޮށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށް ދަތިތަކާއި ދިމާވުމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް، ފުރަބަންދުގެ މުއްދަތު ނިމުނުހާ އަވަހަކަށް ގޭގެއަށް ޒިޔާރަތްކޮށް އެސެސްމަންޓްގެ މަސައްކަތް ފަށާ ވީހާވެސް އަވަހަކަށް ލިސްޓް އާންމު ކުރުމުގެ މަސައްކަތްކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޗައިނާގެ ލޯނު އެހީގައި، އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފަ އެވެ.