ގުޅިފަޅު ޕްރޮޖެކްޓް ކުރިއަށް ދަނީ އީއައިއޭއާ އެއްގޮތަށް ކަން ކަށަވަރުކުރާނަން: ހުސައިން ރަޝީދު
ގުޅިފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީ ކުރުން ކުރިއަށް ގެންދަނީ އެކަމަށް ޓަކައި ހަދާފައިވާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓްގައި ކަނޑައަޅާފައިވާ މިންވަަރަށްތޯ، ކަށަވަރު ކުރައްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ހިއްކަން ވެގެން ހަދާފައިވާ އީއައިއޭ ރިޕޯޓްގައި ގެއްލުންވާނެ މިންވަރު ކަމަށް ކަނޑައަޅާފަައިވާ މިންވަރަށް ވުރެ ބޮޑަށް އެއްވެސް ކަމެއް ހިނގާތޯ ބަލާނެ ކަމަށާއި ކަމެއް ހިނގާނަމަ އެކަން އިސްލާހު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެެވެ.
އެ ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާއިން ހިންގާ ޕްރޮޖެކްޓެކެވެ. ހުސައިން ރަޝީދު ވިދާޅުވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ އެ ޔަގީންކަން ދެއްވާފައި ކަމަށެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ ގުޅީފަޅު ހިއްކުމުގެ ބޮޑު ޕްރޮޖެކްޓާއެކު ކަނޑާއި ފަޅުތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ އާއްމުން ދަނީ އެޕްރޮޖެކްޓު ހުއްޓުވުމަށް އެދެމުންނެވެ. މި ޕްރޮޖެކްޓުުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރަށް އެ ސަރަހައްދުގެ ފަރުތަކަށް ގެއްލުން ލިބި ގިނަ ޑައިވް ޕޮއިންޓްތަކައްވެސް ނުރައްކާ ވާނެކަމަށް އެކި ފަރާތްތަކުންދަނީ ބުނަމުންނެވެ.
ގްރޭޓާ މާލެ ކަނެކްޓްވިޓީ ބްރިޖް މަޝްރޫއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ކަނޑާއި އެއްގަމު ސަރަަަހައްދުގައި ބޯ ހޯލް ތޮރުފައިގެން ކުރާ ދިރާސާތައް ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ކުރަމުންދާއިރު އެ ސަރަޙައްދުގެ ލޮނުގަނޑު ތަގައްޔަރުވާ މިންވަރުބަލާ ޓެސްޓްތައް (ޓާބިޑިޓީ ޓެސްޓު) ހަދާކަމަށް އެންވާރަމަންޓު މިނިސްޓަރު ވިދާޅުވި އެވެ. މި ޓެސްޓްގައި ލޮނުގަނޑު ތަގައްޔަރު މިންގަނޑުކަމުގައި ބަލަނީ ފަހަކުން މައްޗަށް ދިއުމުން ކަމަށާއި މި ޕްރޮޖެކްޓް ކުރިއަށްދާ ސަރަހައްދުތަކުގައި މި އަދަދު ހުރީ ގާތްގަނޑަކަށް ސުމެއްގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓު ހިންގާ ފަރާތުން ކޮންމެ ދުވަހަކު އެ ސަރަހައްދު ބަލާފައި އީޕީއޭ އަށް އެބަ ހުށަހަޅާ. އަދި އެ ފަރަރާތުން ހުށަހަޅަނީ ރަނގަޅު ހުށަހެޅުމެއްތޯ އީޕީއޭގެ ސައިންޓިސްޓުން އެތަނަށް ގޮސް ބަލައި، ޓާބިޑިޓީ ލެވެލް ހުރީ ކިހާ ވަރެއްގައިތޯ" މިނިސްޓަރު ވިދާޅުވި އެވެ.
ލޮކްޑައުންގެ ހާލަތުގައި އެ ސަރަހައްދަށް ދަތުރުކުރަން ބޭނުންވާ ހުއްދަ އާއި ދަތުރުކުރަން ބޭނުންވާ ފައިސާ އަދި އިކްއިޕްމެންޓް ވެސް ފޯރުކޮށްދީފައި ވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އީޕީއޭ އިން މަސަައްކަތްކުރަނީ މުސްތަގިއްލުކޮށް ކަމަށާއި ކުރަންވީ ކަންތައްތަައް މިނިސްޓްރީން ނުބުނާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އީޕީއޭގެ މަސައްކަތުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.