ރިޕޯޓް

ފްލެޓްތައް ދިނުން ފަސްކުރުން ، އޮޅުމެއް ނޫން ، އޮޅުވާލުމެއް

ދެން އެމްވީ ، ދެން އޮންލައިން

މަޚްލޫޤުންގެ ތެރޭގައި އޮޅިގެން ކަންކަން ކޮށް އުޅޭތީ އާއްމުކޮށް ފެންނަނީ ލޫދިފައި އުޅޭތަކެއްޗެވެ. ކިލާފަންޏާއި ދިގައްޗާއި ހަރުފަ ފަދަތަކެއްޗެވެ. ހަމަ އިންސާނުން އޮޅިގެން ކަންކަންކޮށެއް ނޫޅެއެވެ. ހަމަ ގައިމުވެސް މަށަކަށް ނޯޅެއެވެ. މިވާހަކަ މިދައްކަނީ އޮޅިގެނެއް ނޫނެވެ. ހުނިގުރާބު ބަލާދިޔަ ދަރި ދިޔަތާކަށް ދިޔައީ ވެސް އޮޅިގެނެއް ނޫނެވެ. ހަމަ ނިޔަތާއި ޤަސްދު އޮވެގެންނެވެ.

Ads by MWSC

މަތިމައްޗަށް ހުވާކޮށްގެން ކަންކަމާ ހަވާލުވެ ތިބޭ ބަޔަކަށް އޮޅުމަކުން ފަހަރެއްގައި ކުރެވިދާނެއެވެ. އެހެނަސް ކުރާކަންކަމުގެ ނިޔަތާއި މަގުސަދު އެހެން މީހުނަށް އެނގުމުން އެވާހަކަ ގޮވައިގަތީމާ އޮޅިގެންނޭ ބުނާނީ އޮޅިގެނެއް ނޫނެވެ. އޮޅުވާލުމަށެވެ. ފަހަކަށް އައިސް ދިވެހިސަރުކާރާއި ސަރުކާރާ ގުޅުންހުރި ފަރާތްތަކުން އޮޅިގެން ކުރެވޭ ކަންކަން ހާދަހާވާ ގިނައެވެ. އެހެން އެދިމާވަނީ ވެރިކަމަށް ގެންނަން ނުވާމީހަކު އޮޅިގެން ވެރިކަމަށް ގެނެވިފައި ހުރެގެންނޫންބާއޭ އެބަހިތަށް އަރައެވެ.

ކޮވިޑް19 ގެ އޮޅުން ބޮޅުންތަކުގެ ވާހަކަ މިތާކު ދައްކާކަށް ނެތީމެވެ. މައިޕާޓީގެ ވެރިންނަށް އޮޅިގެން ކުރެވޭ ޓްވީޓްގެ ވާހަކަ ދައްކާކަށް ވެސް ނޫޅެމެވެ. ސިޔާސީ މަގުސަދުގައި ވަޒީފާއިން ވަކިކުރަން ފޮނުވޭ ޗިޓްގެ ވާހަކައެއް ވެސް ނުދައްކާނަމެވެ. މަޤާމާ ނުގުޅޭ ޝަރުތު ކަނޑައަޅައިގެން ވަކިމީހަކަށް ފަހާކޯޓެއް ގޮތަށް ވަޒީފާއަށް މީހުން ހޯދަން ކުރާ އިއުލާނުގެ ވާހަކައެއްވެސް ދައްކާ ހިތެއްނެތެވެ. އެހެނެއްކަމަކު ވަޒީރަކު ރައްޔިތުންގެ މަޖީލީހުގެ ކޮމެޓީއެއްގައި އޮޅިގެން މައުލޫމާތެއް ދޭނެކަމަށް ގަބޫލެއް ނުކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގައި ހައުސިން މިނިސްޓަރު ދެއްކެވީ އާދައިގެ ވާހަކައެއް ނޫނެވެ. މުޅިރައްޔިތުންގެ ވިންދާ ގުޅޭ ބޮޑު ވާހަކައެކެވެ. ރާއްޖޭގެ އެންމެ ހައްސާސު މައްސަލައިގެ ވާހަކައެވެ. އިޖުތިމާއީ ހުރިހާ މައްސަލަތަކުގެ މަންމަގެ ވާހަކައެވެ. ރައްޔިތުންގެ މަސައްކަތާއި އާމްދަނީން ދެކޮޅުނުޖެހި ދިރިއުޅުމުގެ ޚަރަދުތައް ޖަޕާންގެ ޓޯކިޔޯއަށްވުރެ ބޮޑުވާ ސަބަބުގެ ވާހަކައެވެ. ބަލިމަޑުކަން ފެތުރި އާއްމު ޞިއްޙަތު ނުރައްކަލަށް ވެއްޓޭ މަސްދަރުގެ ވާހަކައެވެ. އެތައް ރައްޔިތެއްގެ އުންމީދާ ގުޅި ކެތްމަދުވެފައި ތިބިކަމެއްގެ ވާހަކައެވެ. މާލޭގެ ބޯހިޔާވަހީގެ ވާހަކައެވެ. ހިޔާމަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ 7000 ފުލެޓް އޭގެ ހައްޤު ވެރިންނަށް ދޭންފަށާނެ ތާރީޚުގެ ވާހަކައެވެ.

މިހާހިސާބުން އެހެން ވާހަކައެއް ހަނދާނަށް އަޔަތީ އެވާހަކަ މިވާހަކަޔާ ހުރިގުޅުމެއްގެ ބޮޑުކަމުން ހިއްސާކޮށްލާ ހިތްވެއްޖެއެވެ. ކަންކަމުގައި މިނިސްޓަރު ޢާޠިފާ ވިސްނާ ވަޑައިގަންނަވާވަރު އިހުސާސް ކުރެވިފައިވާތީ އޮޅިވަޑައިގެން އެވަރުގެ ވާހަކައެއް ވިދާޅުވެދާނެކަމަށް ގަބޫލުނުކުރެވޭތީ މިވާހަކަ އިހަށް ހިއްސާ ކޮށްލާނަމެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިންގެވި ގެދޮރުވެރިކަމުގެ ޕްރޮޖެކްޓް ''ހިޔާ" ފުލެޓަށް އެދުނު މީހުންނަށް ޝަކުވާ ހުށަހެޅުމަށް މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި އަޅުގަނޑު ވެސް ޝަކުވާ ހުށަހެޅީމެވެ.ހައްޤު ހޯދައިދޭން އައި އިބޫފައިސަލް ސަރުކާރުގެ ހައުސިން ވަޒީރުކަން އާތިފާއަށް ލިބިވަޑައިގަތުމުން ، ފުލެޓް ބޭނުންވެ ހުރިލެއް ބޮޑުކަމާއެކު އެކަމަނާގެ ނަމްބަރު އަޅުގަނޑު އަތުގައި އޮތުމުން އަޅުގަނޑުގެ ސްލިޕްކޮޅު އާޠިފާ އަރިހަށް ފޮނުވީމެވެ. ކަންވީގޮތް މެސެޖަކުން ދެންނެވީމެވެ. ޖަވާބުގައި ޢާތިފާ ކުރެއްވީ ކޯލެކެވެ. ވިދާޅުވީ ކީކޭ ކަމަށްތޯއެވެ. އެކަމަކީ ރައީސް އޮފީހުގެ ކޮމެޓީއަކުން ކުރާކަމެއް ކަމަށެވެ. ކޮމެޓީން ނިންމާފައި އެންގުމުން ހައްޤުވެރިންނަށް އެތަންތަން ހަވާލުކުރާނަމެވެ. މެސެޖުން ޖަވާބުނުދީ ފޯނުކޯލެއް މިކުރީވެސް މެސެޖުގެ ސްކްރީން ޝޮޓް ނަގައިގެން މުޅި މީޑިއާގައި ފަތުރަފާނެތީއެވެ.

އޮޅިވަޑައިގެން އުޅުއްވާކަމަށް ހައުސިންގ މިނިސްޓްރީން އެބުނަނީ މިދެންނެވި އާތިފާއަށެވެ. މީޑިޔާގައި ނަން ޚަރާބުވެދާނެތީ ޖެހިލުންވެ ވަޑައިގަންނަވާ އާތިފާއަށެވެ. މިނިސްޓްރީން ކިތަންމެ ދިގު ބަޔާނެއް ނެރުނަސް އެކަމުގައި މިނިސްޓަރ ޢާތިފާއަށް އޮޅިވަޑައިގެން ވިދާޅުވެވުނު އެއްޗެއް ކަމަށް ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ. އާތިފާ ވިދާޅުވާ ގޮތުން ފްލެޓްތައް ދޫކުރައްވާނީ ރައީސް އޮފީހުގެ ކޮމެޓީން ބަލާފައި އެންގީމައެވެ. ބަލަންވާވަރަށް ބަލާފައި ނާންގަނީސް 7000 ފްލެޓް ދޫކުރަންފަށާ ތާރީޚެއް އެކަނާ ވިދާޅެއް ނުވާނެއެވެ. އަދި އަމުދުން މަޖިލީހުގެ ކޮމެޓީއެއްގައި މީޑިއާ ކުރިމަތީގައެވެ. އެކަމަނާއަކީ މީޑިއާދެކެ ފިސާރި ބިރުފުޅުން އުޅުއްވާ ކަމަނާއެކެވެ.

މިނިސްޓަރ ޢާޠިފާ މަޖިލީހުގައި އޮޅިވަޑައިގެން ވިދާޅުވި އެއްޗެއް ކަމަށް އެވާހަކަ ފަހުން ވެގެން ދާންވީ ކީއްވެތޯ ވިސްނާލަމާ ހިނގާށެވެ. އެއްގޮތަކީ ރާއްޖޭގެ މިހާރުގެ ހާލަތުން 7000 ޢާއިލާއަށް އެއްފަހަރާ ފްލެޓް ލިބިއްޖެނަމަ ނުފޫޒުހުރި ބައެއްގެ ރިއަލްސްޓޭޓް ވިޔާފާރިއަށް ބޮޑު ލޮޅުމެއް އަރާ ފޫނުބެއްދޭވަރުގެ ވަރުގެ ގެއްލުމަކާ ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެ ހުއްޓުވޭވަރު ފަރާތަކުން އެކަން ހުއްޓުވީއެވެ. އަނެއްގޮތަކީ މިހާރު މިވީގޮތުން މާކައިރީގައި އިންތިޚާބެއްނެތި ލޯކަލްކައުންސިލްގެ އިންތިޚާބު ފަސްވީ ފަސްވުމެވެ. މަރުކަށިކަނޑައިގެން ވެސް ހިތްވަރުކުރީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ފްލެޓްތައް ބަހާލެވޭތޯއެވެ. މިހާރު އަނެއްކާ އެބޭނުން ، މިވަގުތަށް އެއޮތީ ކެނޑިފައެވެ. ކޮވިޑް19 އޭ ގައިދުރުކަމޭ ހާލަތުބަލާ ނުނިމެނިއްޔޭ ކިޔާކިޔުމަކީ ހުސްބަހަނާއެވެ. ފްލެޓްތަކާއި ގުޅިގެން ބަލަން ޖެހޭ އެއްޗެއް އޮތީ ބަލާނިމިފައެވެ. ފްލެޓްތައް ހަވާލުކުރުން ފަސްކުރަން ހޯދި ހުއްޖަތެކެވެ. އޮޅމެއްނޫނެވެ. އޮޅުވާލުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!