ސަރުކާރުގެ ނާގާބިލްކަމަށް ރައްޔިތުން ޖަވާބު ދޭނީ "އޮޅުމަކުން" ނޫން: މުއިއްޒު
މި ސަރުކާރުގެ ބަރުހެލި ކަމާއި ނާގާބިލު ކަމަށް ރައްޔިތުން ޖަވާބުދޭނީ "އޮޅުމަކުން" ނޫން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިގޮތަށް ވިދާޅުވެފައި މވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާއަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް އެމިނިސްޓްރީން ބުނުމާއި ގުޅިގެނެވެ.
ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކާއި ހަވާލުކުރުން ލަސްވާ ލަސްވުމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު ކުރައްވަމުން މުއިއްޒު ވިދާޅުވީ ބަރުހެލިކަމާއި ނާގާބިލުކަން އިންތިހާއަށް ގޮސްފައިވާ ކަމަށާއި އެހިތްދަތިކަން ބަރުދާސްތު ކުރަން ޖެހެނީ ހަމަ ނިކަމެތި ރައްޔިތުން ކަމަށެވެ.
"ރައްޔިތުން މިކަންކަމަށް ޖަވާބުދޭނީ ހަމަ ގައިމުވެސް އޮޅުމަކުން ނޫން،" މުއިއްޒު ވިދާޅުވި އެވެ.
Hiyaa flat thah libifaivaa faraaithakaa havaalu kurun lasvaa lasvumuge zimmaa nagaanee kaakutho?Baruhelikamaa, naagaabilkamuge inthihaa ah gosfaivumuge hiydhathikan barudhaasthukuran jehenee nikamethi rayyithun.Rayyithun mikankamah javaabu dheynee hama gaimuves "olhumakun" noon!
— Dr Mohamed Muizzu (@MMuizzu) June 6, 2020
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި، ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އާތިފާ ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ މިނިސްޓަރު އާމިނަތު އާތިފާ ފްލެޓްތައް ޖުލައިމަހަށް ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެވިފައި ވަނީ އޮޅުމަކުން ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ފުރަބަންދެއްގަ ތިބުމުގެ ސަބަބުން، ކުރިން ފައިނަލް ލިސްޓް އިއުލާން ކުރަން ތާވަލްކުރި ތާރީހުގައި ލިސްޓް އާންމު ކުރެވިފައިނުވާ ކަމަށާއި އެއީ ފުރަބަންދުގެ ތެރޭގައި ގޭގެއަށް ޒިޔާރަތްކޮށްގެން ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށް ދަތިތަކާއި ދިމާވުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންނަމަވެސް، ފުރަބަންދުގެ މުއްދަތު ނިމުނުހާ އަވަހަކަށް ގޭގެއަށް ޒިޔާރަތްކޮށް އެސެސްމަންޓްގެ މަސައްކަތް ފަށާ ވީހާވެސް އަވަހަކަށް ލިސްޓް އާންމު ކުރުމުގެ މަސައްކަތްކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޗައިނާގެ ލޯނު އެހީގައި، އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފަ އެވެ.