ޚަބަރު

އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ: ޝިޔާމް

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ads by STELCO

ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަދެއްކެވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާފައެވެ. އެއާއެކު ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ޝިޔާމަށް ވަނީ އަނިޔާ ވެފައެވެ. އަނިޔާތަކާއެކު ޝިޔާމް ވަނީ ހޮސްޕިޓަލަށް ގޮސް ފަރުވާވެސް ހޯދާފައެވެ.

ޕީޕީއެމުން ބުނި ގޮތުގައި އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ވަނީ ރެދެއް ލައިފަ އެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޝިޔާމް މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ލިބި، މައިބަދައިގެ ތިރީބަދައެއް ކޮންމެ ވެސް ވަރަކަށް އެތެރެއަށް ޖެހި ބަދައިގެ ރެނދުލާ، މޭކަށިގަނޑަށް ވެސް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ކޮށްފައިވާ ޓެސްޓްތަކުން ހާމަވެފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ހާލަތުގައި ހިނގާ ބިނގާވެ އޫޅުމަށް ވެސް އޭނާއަށް ދައްތި ކަމަށާއި ސިއްހީ އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވަމުން ދާ ކަމަށެވެ. އެހެންކަމުން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިފައިވާތީ އެ ކަމަށް ތައްޔާރުވަމުން ގެންދަވާާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އަނިޔާތަކުން ފަރުވާ ލިބުނުހާ އަވަހަކަށް މަޖިލީހުގެ މަސައްކަތަކާ އަލުން ހަވާލުވެ، ގާނޫނު އަސާސީން މަޖިލީހުގެ މެންބަރަކަށް ލާޒިމުކޮށްފައިވާ ޒިންމާތަކަށް އަދާ ކުރުމާ ދެމިހުންނަވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އޭނާއަށް އަނިޔާވުމުން އޭޑީކޭއަށް ގެންގޮސް ފަރުވާ ހޯދައިދިނުމުގައި އޭހީތެރިވި ޕީޕީއެމް-ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނަށާއި އެ ކޯލިޝަންގެ ލީޑާޝިޕަށާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ޝިޔާމް ވަނީ އޭނާގެ ދިފާއުގައި ނައިފަރުގައި އިހުތިޖާޖު ކުރި މީހުންނަށާއި ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާ ކޮށްފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ޝިޔާމަށް އަނިޔާ ކުރީ ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަޙަޅާފައެވެ. އެ މައްސަލަ އެރޭ ފުލުހަށް ހުށަހެޅި އިރު ޖިނާއީ ތަހުގީގު ފެށިކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!