އަދުރޭ، ނަޝީދަށް: ލެޔާ ކުޅެފި، ތިދިޔައީ ސަމާސާއަށްވުރެ މާ މައްޗަށް
ލެޔާ ކުޅުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި ސަމާސާ އަށްވުރެ މާ މައްޗަށް ގޮސްފި ކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފި އެވެ.
އަދުރޭ މިގޮތަށް ވިދާޅުވެފައި މިވަނީ ގާނޫނު އަސާސީ އިސްލާހުކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން ހަމަލާ ދިން މައްސަލައިގަ އެވެ.
ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަދެއްކެވުމުން ޝިޔާމް ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާފަ އެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފަ އެވެ.
ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކުރުމުގެ ތެރޭގައި އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ޝިޔާމަށް ވަނީ އަނިޔާ ވެފަ އެވެ. އެ އަނިޔާތަކަށް ޝިޔާމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގޮސް ފަރުވާވެސް ހޯދާފަ އެވެ.
އެރޭގެ ޖަލްސާގައި ޝިޔާމް މަޖިލީހުގެ ތަޅުމުން އެމްޑީޕީގެ މެންބަރުން ނެރުއްވާ ވީޑިއޯއެއް ހިމަނައި ކުރައްވާފައިވާ ޓްވީޓްގައި އަދުރޭ ވިދާޅުވީ ގައިގެ ހަމަށް ތަދުކޮށްފި ކަމަށާއި ތަދު ވެއްޖެ ކަމަށެވެ. ލެޔާވެސް ކުޅެ، ލޭ ދައްކައިފި ކަމަށެވެ. އަދި ނަޝީދާއި އެމްޑީޕީގެ މެންބަރުން އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސްފި ކަމަށް އޭނާ ވިދާޅުވި އެވެ.
"ލެޔާ ކުޅުމަކީ އާދައިގެ ކަމެއް ނޫން، ސަމާސާއަށްވުރެ މާ މައްޗަށް ތިދިޔައީ،" އަދުރޭ ވިދާޅުވި އެވެ.
Gai hamah thadhu kohfi.thadhu vejje.leyaa kulhefi.ley dhahkaifi.aniyaaveri kamuge inthihaa ah @MohamedNasheed adhi MDP ah nisbaiyvaa MPs thi dhiya’ee.leyaa kulhumakee aadhaige kameh noon.samaasaa ah vure maa mahchah thi dhiya’ee @DhiyaresNews @dhenonline @avasmv pic.twitter.com/S2K0jMXpSR
— Abdul Raheem Abdulla (@Banafsaa) June 6, 2020
އަދުރޭ މިގޮތަށް ވިދާވެފައިވާއިރު، އެރޭގެ ޖަލްސާގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި ޝިޔާމަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމަށް އޭނާ މިއަދު ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ޝިޔާމަށް އަނިޔާ ކުރީ ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަޙަޅާފައެވެ. އެ މައްސަލަ އެރޭ ފުލުހަށް ހުށަހެޅި އިރު ޖިނާއީ ތަހުގީގު ފެށިކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވަނީ އެމައްސަލަ އިންސާފުވެރިކަމާއެކު ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންނާއި އަދާލަތު ޕާޓގެ އިސްވެރިންގެ ކޯޅުމެއް ވަނީ ފެށިފަ އެވެ.