ޖާބިރުގެ ހަރަދުގައި ކާށިދޫގައި އެއާޕޯޓެއް އަޅަނީ
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަމިއްލަފުޅު ހަރަދުގައި އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ނިންމަވައިފިއެވެ.
ޖާބިރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އޭނާ އެ ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަރަށް މުހިއްމު ވައުދެއް ކަމަށެވެ. އަދި އެކަމަކީ ކާށިދޫގެ ތަރައްގީ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ.
އެކަމާ ގުޅޭ މަޝްވަރާތައް ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ ވުޒާރާތަކާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު އަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވަނީ މިކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަޅުގަޑަށް އަރުވާފައެވެ.
"އަޅުގަޑުގެ އަމިއްލަ ހަރަދުގައި ކާށިދޫގައި "ޖާބިރު އެއަރޕޯރޓް" ގެ ނަމުގައި ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް އެއާޕޯޓްއެއް ތަރައްގީކޮށް، އެތަން ހިންގުމަށް ވަނީ ނިންމާފަ، މިޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މިދާއިރާގެ އެންމެ ތަޖުރިބާކާރު އެއްބޭފުޅެއްކަމުގައިވާ އަހުމަދު މަހުރީން ވަނީ ހަމަޖައްސައިފަ" ޖާބިރުގެ ބަޔާނުގައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކާށިދޫގެ ލޭންޑްޔޫސް ޕްލޭންގައި އެއާޕޯޓް އެޅުމަށް ކަނޑައަލާފައިވާ ބިން ހަވާލުކޮށް ރުއްގަހުގެ ބަދަލު ކަންކަން ހަމަޖެއްސުމަށް ކައުންސިލްގައި ދަންނަވާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދެންވަމުންގެންދަވާ ކަމަށެވެ.
އެއާޕޯޓް އެޅުމުގައި ކާށިދޫގެ އެންމެހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާށިދޫގައި ޖާބިރު އެއާޕޯޓެއް އެޅުމަށް ނިންމެވިކަން ހާމަކުރެއްވިއިރު އެމަނިކުފާނު ދާދިފަހުން ވަނީ އަމިއްލަފުޅު ހެލިކޮޕްޓަރެއް ބައްލަވައިގެންފައެވެ. އަދި އެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުގެ ހުއްދަ އަކަށް މިހާރު ވަނީ އެދިފައެވެ. މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ޖާބިރަށް ހެލިކޮޕްޓަރު ގެނައުމުގެ ހުއްދަ ދެއްވާނެ ކަމަށެވެ.