"އެމްޑީޕީ އަކީ އަބަދުވެސް މީހުން ކޮށްދޭ މަސައްކަތުގެ އަގު ވަޒަން ނުކޮށް ގާފިލްކަން މަތީ އުޅޭ ބައެއް"
އެމްޑީޕީ އަކީ އަބަދުވެސް މީހުން ކޮށްދޭ މަސައްކަތުގެ އަގު ވަޒަން ނުކޮށް ގާފިލްކަން މަތީ އުޅޭ ބައެއް ކަމަށް ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ވެރިކަން ހިންގާ ކޯލިޝަންގެ އެއް ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަކީ ސިޔާސީ ގޮތުން މާ ބުރަދަނެއް ހުރި ޕާޓީއެއް ނޫން ކަމަށް އެމްޑީޕީން ބުނުމާ ގުޅިގެނެވެ.
މިކަމާ ގުޅިގެން އަދާލަތު ޕާޓީގެ އިސް މަގާމެއް ފުރުއްވާ ޝިދާތާ ޝަރީފް ވަނީ ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީ އަށް ރޭ ފާޑުވިދާޅުވެފައެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ކިތަންމެ ހިތި ކަމުގައި ވިޔަސް ހައްގު ބަސް ބުނުމަށް ގޮވާލާފައެވެ. އަދި އޭނާ ވަނީ ޝިދާތާ އަށް ސާބަސް ދަންނަވާފައެވެ.
قل الحق ولو كان مرا
Kithanme hithi kamugaiviyas Hahqqu bas bunaasheve.
MDP akee abadhuves mees meehun kohdhey masaikathuge agu vazan nukoh ghaafil kan mathee ulhey baeh.
Shidhathayah saabas! https://t.co/pMBGM1g7o8
— Mohamed Jameel Ahmed (@MJameelAhmed) June 6, 2020
ގާނޫނުއަސާސީ އިސްލާހު ކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުމަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުވިދާޅުވެ، ދެ ޕާޓީގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވީ ހަސަންގެ ވާހަކަ އަޑުއައްސަވަން އެދިވަޑައިގަތްއިރު، އަދާލަތަށް ނިސްބަތްކުރައްވައި ހަސަން ވިދާޅުވެފައި ވަނީ މަޖިލީހުގެ ނިޒާމަށް ހުރަސްއަޅައި އިންތިޒާމްގެ ތެރެއަށް ވަދެވަޑައިގަތުމުގެ ވިސްނުން އިމްރާން ގެންގުޅުއްވައިގެން ނުވާނެ ކަމަށެވެ. މި ވާހަކަ ހަސަން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ އަށް ރައްޔިތުން އެއްވެސް ގޮނޑިއެއް ނުދިނީ، ތާއީދު ނެތުމުން ކަމަށް ވިދާޅުވަމުންނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީ އަށް އެމަނިކުފާނު ފުރައިދެއްވި ފޯމުތައް މަދެއް ނުވާނެ އެވެ. އެކަން ޝިދާތާ އަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.