ޚަބަރު

ދަމަނަވެށިން މީސްލްސް ވެކްސިން ޖަހައިދޭން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި 18 އަހަރުން ދަށުގެ ކުދިންނަށް ދަމަނަވެށިން ވެކްސިން ޖަހައިދޭން ފަށައިފި އެވެ.

Ads by Sosun Fihaara

ރާއްޖެ އިން އަނެއްކާ ބެސް ހިމަބިހި ފެނުމާ ގުޅިގެން ސަރުކާރުން ވަނީ، މީސްލްސް ވެކްސިންގެ ޑޯޒް ފުރިހަމަނުކޮށް ތިބި ކުދިންނާއި މީހުންނަށް ވެކްސިން ދޭން ނިންމައިފަ އެވެ. އޭގެ އިތުރުން ހިމަބިހި ފެނުނުކަމަށް ހުޅުމާލެ އިން ޝައްކުކުރެވޭ ސަރަހައްދުގެ މީހުންނަށް ވެސް ވެކްސިން ދޭނެ ކަމަށް ބުންޏެވެ.

ހިމަބިހި ޖެހިފައިވާކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ ތިން އަހަރުގެ ފިރިހެން ކުއްޖަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ ފިރިހެން ކުއްޖާ ފުރިހަމަކޮށްފައިވަނީ އުމުރުން ހަ މަހާ ހަމައަށް ޖަހަންޖެހޭ ވެކްސިންތަކެވެ. ނުވަ މަހުގައި ޖަހަން ޖެހޭ މީސަލްސް ރުބެއްލާ އާއި 18 މަހުގައި ޖަހަން ޖެހޭ އެމްއެމްއާރު ވެކްސިން ނުޖަހަ އެވެ.

ދަމަނަވެށިން ނެރުނު އިއުލާނެއްގައި ބުނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން ހަވީރު 5:00 އަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ.

ވެކްސިން ޖަހަން އަންނައިރު ކުއްޖާގެ އައިޑީ ކާޑު އަދި ވެކްސިން ފޮތް ގެންނަން އެދެ އެވެ. އެ ފޮތް ނެތް ކުދިންނަށް ވެސް އައިޑީ ކާޑު ގެނައުމުން ވެކްސިން ޖަހައިދޭނެ ކަމަށް ބުންޏެވެ.

"ވެކްސިން އަށް އަދި ވެކްސިން ޖެހުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ވާހަކަ ދަންނަވަން،" އިއުލާނުގައި ބުންޏެވެ.

މީސްލްސްއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހެލްތު މިނިސްޓްރީގެ ހޮޓްލައިން 7377004 އަށް ގުޅުމަށް އެދެ އެވެ.

ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!