ޚަބަރު

ބަލި ޖެހޭ މީހުން ކަރަންޓީނުން ދޫކޮށްލާއިރު ޓެސްޓު ނުހަދަން ނިންމައިފި

ކޮވިޑަށް ފައްސިވާ މީހުން ކަރަންޓީނުން ދޫކޮށްލާއިރު، ޓެސްޓް ނުހަދާ ކަރަންޓީނުން ދޫކޮށްލާ ގޮތަށް ހަމަޖައްސައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ފައްސިވާ މީހުން ހަތަރު ފަސް ހަތަރު ހަފުތާ ފަހުން ޓެސްޓު ހަދާއިރުވެސް ފައްސި ކަމަށް އެބަ ދައްކާ ކަމަށެވެ. އަދި ފަހުގެ ދިރާސާތަކުން މި ދައްކަނީ އެކަހަލަ ކޭސްތަކަކީ އެކަކު ގައިން އަނެކަކު ގަޔަށް ބަލި އަރާ ކޭސްއެއް ނޫން ކަމަށް އޭނަ ވިދާޅުވިއެވެ.

"މެއި 27 ގައި ޑަބްލިޔުއެޗްއޯ މި ބުނަނީި ފައްސިވާ މީހުން 10 ދުވަސް ފަހުން ޓެސްޓު ނުހަދާ ވެސް ދޫކޮށްލެވޭނެ ކަމަށް. މާނައަކީ 10 ދުވަސް ފަހުން މި ބަލި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނާރާނެއޭ. ރާއްޖޭގައި މިހާރު މިއޮންނަނީ އަލާމާތްތައް ނެތްތާ 14 ދުވަސް ފަހުން ދޫކޮށްލާ ގޮތަށް. އެހެންވެ މީގެ ފަހުން ދޫކުރާއިރު ޕީސީއާރު ޓެސްޓެއް ނުހަދާނެ." ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

ދޫކޮށްލާ މީހުން ޓެސްޓު ނުހެދި ނަމަވެސް އެ މީހުންގެ ތެރެއިން ވެސް ދިފާއީ ނިޒާމު ބަލިކަށި މީހުން ދޫކުރާނީ ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އަލާމަތްތައް ފެނުމަށްފަހު މަދުވެގެން 14 ދުވަސް ހަމަކުރާނެ. އެއްކޮށް އަލާމަތްތައް ރަނގަޅުވުމަށްފަހު މަދުވެގެން ތިން ދުވަސްފަހުން ޓެސްޓް ނުހަދާ ދޫކޮށްލެވޭނެ. ނަމަވެސް އާދާއިގެ ރޯގާއެއްގައި ހުންނަ މީހެއްކަމަށްވަންޏާ، ބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރެވިގެން މަދުވެގެން 21 ދުވަސް ހަމަކުރަންވާނެ. އަދި ބަލިން ރަނގަޅުވުމަށްފަހު ތިން ދުވަސް ހޭދަކޮށްފައި އެމީހެއް ދޫކޮށްލާނެ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިގެނައި ބަދަލާއެކު ރާއްޖޭގައި މި ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ނުވަތަ ރިކަވަރީ ރޭޓް މަތިވާނެކަމަށެވެ. ރާއްޖޭގައި މިހާރުވެސް ކޯވިޑް ބަލިން ރަނގަޅުވެ މަސްދުވަހަކަށްވުރެ ގިނަ ދުވަސް ފާއިތުވި މީހުންވެސް ތިބިކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!