މޮނިޓަރިންގައި ނެތް ގޭތަކުގައި ނޯޓިސް ނައްޓާނުލާ ހުރި ނަމަ ރިޕޯޓްކުރަން އެދެފި
މޮނީޓަރިންގެ ހާލަތުން ނެގި ފަހުންވެސް ނޯޓިސް ނައްޓާނުލާ ހުރި ތަންތަނުން އެކަން ރިޕޯޓްކޮށްދިނުމަށް ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން އެދެފިއެވެ.
ކޮވިޑަށް ފައްސިވާ މީހެއް އުޅޭ ގެއެއް ނުވަތަ އޭނާއި ކޮންޓެކްޓްވި މީހަކު ދިރިއުޅޭ ތަންތަނުން ސާމްޕަލްތައް ނެގުމަށްފަހު އެތަން ތަން މޮނީޓަރިންގެ ހާލަތަށް އަންނަނީ ބަދަލުކުރަމުންނެވެ. މި ގޮތުން އެ އިމާރާތެއް ނުވަތަ ގެއެއްގައި ފުލުހުން ގޮސް ނޯޓިސް ހިއްޕައެވެ. އަދި މި ނޯޓިސްއާއި އެކު އެގެއިން ވަދެ ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖާމާން މަބްރޫކް އަޒީޒް ވިދާޅުވީ މޮނީޓަރިންނަށް ވަރަށް ގިނަ ތަންތަން ގެންގޮސްފައިވާއިރު ގިނަ ތަންތަން މޮނީޓަރިންގެ ހާލަތުން މިހާރު ދޫކޮށްލާފައިވާކަމަށެވެ. އެހެންނަމަވެސް މުއްދަތު ހަމަވުމަށްފަހުވެސް ބައެއް ތަންތަނުގައި ހަރުކޮށްފައިވާ ނޯޓިސް ނައްޓާނުލާ ހުރިކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މި ޝަކުވާތަކާއި ގުޅިގެން އެޗްޕީއޭއިން މިހާރު އަމަލުކުރަމުން އަންނަ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން މުއްދަތު ހަމަވާ ތަންތަން މޮނީޓަރިންގެ ލިސްޓުން ނަގާ އެ ގެއެއްގެ ވެރިފަރާތާއި ގުޅާ ނޯޓިސް ނައްޓާލަން އަންގަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މިކަން މިގޮތަށް ކުރަމުންދާތީ އެއްވެސް ބޭފުޅެއްގެ ގޭގައި މުއްދަތު ހުންނަޖެހޭ ދުވަހަށް ވުރެ އިތުރަށް ނޯޓިސް ނައްޓާނުލާ ހުރި ނަމަ ނުވަތަ ނުބައި ގެއެއްގައި ހަރުކުރަންޖެހޭ ގެ ނޫން އެހެން ގެއެއްގައި އެހެން އެޕާޓްމެންޓެއްގައި ނޯޓިސް ހަރުކުރެވިފައިވާނަމަ 1676 ގުޅާ ރިޕޯޓު ކުރައްވާ." މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް މޮނީޓަރިންނަށް ހާލަތަށް ގެންދާ ގެތަކުގެ ނޯޓިހުގެ މުއްދަތު ހަމަވުމުން އެ ނޯޓިސް ނައްޓަނީ ފުލުހުންނެވެ. އެހެންނަމަވެސް މި ގޮތަށް ހުރި ބައެއް ގެތަކުން ނޯޓިސް ނައްޓާނުލާ ހުރުމުން އެކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން އައީ ކުރަމުންނެވެ.