ލައިފްސްޓައިލް

ކޮވިޑް19: މާޝާﷲ ، ކަރަންޓީން ކޮށްފައި ހުރި ގެއެއްގެ ފާރަޔަށް ހުރި ފުލުސް ، އެތަނުގައި ވެސް ނަމާދު ކުރަނީ!

ދެން އެމްވީ ، ދެން އޮންލައިން

ނަމާދަކީ އެންމެ ހެޔޮކަން ބޮޑުވެގެންވާ އަޅުކަމެވެ. އެއީ އިސްލާމްކަމާއި ކާފިރުކަން ވަކިކުރާ އިންފާރެވެ. އަހަރެމެންގެ ޢަމަލުތަކުގެ ހިސާބު ދޭންޖެހޭ ދުވަހު ، ހިސާބު ބެއްލެވޭ ފުރަތަމަ ކަންތަކެވެ. ފަހެ ނަމާދުގެ ހިސާބުގައި ކުރި ހޯދައިފި މީހާ ކާމިޔާބުވާ ހުއްޓެވެ.

Ads by STELCO

ނަމާދު އެޅުމަކީ އެއްވެސް މުސްލިމަކަށް އުޒުރެއް ދެއްކެން އޮތް ކަމެއް ނޫނެވެ. ވަޒީފާގައި ބުރަވުމާއި މިސްކިތަށް ނުދެވުންފަދަ ސަބަބަކީ ނަމާދު ނުކުރަން އޮތް ސަބަބެއް ނޫނެވެ. މިކަމަށް އިސްލާމް ދީނުގައި އޮތް ޤާއިދާއަކީ ''ތިބާވީ ކޮންމެ ތަނެއްގައި ނަމާދު ކުރާށެވެ.'' ނަމާދުކުރުން ހުއްދަވެގެން ނުވާ ، ޤަބުރުސްތާނާއި ޖަމަލު ކޮއްޓާއި ގަޟާހާއްޖަ ކުރެވޭ ފަދަ ތަންތަން ފިޔަވައެވެ.

ސޯޝަލް މީޑިއާއިން މިއަދު ފެނިގެން ދިޔައީ މި ޤާއިދާ ހަނދާން ކޮށްދިން ފޮޓޯއެކެވެ. އެއީ ކޮވިޑް19 އާއި ގުޅިގެން ކަރަންޓީންކޮށްފައިވާ ގެއެއްގެ ފޯރިމަރަން ހުރި ފުލުސްމީހާ ނަމާދު ވަގުތު ޖެހުމުން އެތަނުގައި ނަމާދު ކުރަން ހުރި ފޮޓޯ އެކެވެ. މާޝާﷲ!

ފޮޓޯ ފެނުމުން އަހަރެންނަށް އަހަރެމެންގެ ނަފްސްތަކާ މެދު ސުވާލު ކޮށްލެވުނެވެ. އަހަރެމެން ނަމާދު ލަސްކުރަން ނުވަތަ ނުކުރަންބޭކާރު އެތައް އުޒުރެއް ދައްކަމެވެ. މަންމަ ނަމާދު ކުރަން ދާށޭ ބުނުމުން މިދަނީ މިދަނީ ކިޔައިގެން ނަމާދު ވަގުތު ފަހަނަ އަޅައި ދަންދެން ގޭމު ކުޅުމަށާއި ބޭކާރު އެކި ކަންކަން ކުރުމަށް ވަގުތު ހޭދަކުރަމުއެވެ. ވަޒީފާގައި މާބުރަވެގެން ނަމާދު ކުރުމަށް ވަގުތެއް ނުލިބޭ ކަމަށްބުނެ ނަމާދަށް ފަރުވާ ކުޑަކުރެވެއެވެ.

ދިވެހި ފުލުހަކު ގައުމީ ޒިންމާ އަދާކުރުމަށް ރައްޔިތުންގެ ހައްގުގައި ފޯރިމަރަން ހުރި ގޭގެ ދޮރުމަތީގައި ނަމާދު ކުރަން ހުރި މަންޒަރު ފެނުމުން، އަހަރެންނަށް ވިސްނުނީ އެންމެ ކަމެކެވެ. އެއީ ތިބާގެ އީމާންތެރިކަމާއި ހިތް ނިޔަތް ވަރުގަދަ ވެއްޖެނަމަ ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް ނަމާދު ކުރެވިދާނެ ކަމެވެ. ވަޒީފާގައި ބުރަވުމާއި ގޭގެ މަސައްކަތްތަކުގައި ބުރަވުމަކީ ނަމާދަށް ފަރުވާ ކުޑަކުރަންވީ ކަމެއް ނޫން ކަން މިއަދު ވެސް ހަނދާން އާވެގެން ހިނގައްޖެއެވެ.

ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. ފަސް ނަމާދު ގަވައިދުން ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ގަދަ ކީރިތިވަންތަ ﷲ ފަރުޟް ކުރައްވާފައިވާ އަޅުކަމެކެވެ. ތިބާ ވީ ކޮންމެ ތަނެއްގައި ނަމާދު ކުރާށެވެ. ހަމަގައިމުވެސް އެ ދިވެހި ފުލުސް މީހާ އެ ދައްކައިދިނީ އެކަމުގެ ސާބިތު ދިރިގެންވާ މިސާލެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!