ޓެކްސީ ސެންޓަރުތަކުގެ އިސް ވެރިންނާއި ބައްދަލު ކުރައްވައި، މިނިސްޓަރު ނަހުލާ ފޮޓޯ އާންމު ކުރައްވައިފި
ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ހާލަތާއި ގުޅޭގޮތުން މާލޭގެ ޓެކްސީ އަދި ޕިކަޕް ސެންޓަރުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި އެކަން ކުރެއްވިކަން އަންގައި ދިނުމުގެ ގޮތުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ފޮޓޯ އާންމު ކުރައްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓަރު ނަހުލާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރު ކޮށްފައެވެ.
އެ ބަައްދަލުގައި ނަހުލާ އާއި މިނިސްޓްރީން ކުރަމުންދާ މަސައްކަތް މާބޮޑަށް ނުފެންނަނީ ފޮޓޯ ނަގައި އާއްމު ނުކުރާތީ ކަމަށް ވެދާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލް ޓްވިޓާ އެކައުންޓުން މިރޭ ވަނީ އެކަމަނާގެ އެ ބައްދަލްވުމުގެ ދެ ފޮޓޯއެއް އާންމު ކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދާދިފަހުން ނަހުލާ ވަނީ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ވެވެން އޮތް އެހީއެއް ސަރުކާރުން ވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މާލެ ސަރަޙައްދު އެންމެ ފުރަތަމަ ފުރަބަންދުކުރުމުން ކޮންމެ ސެންޓަރަކުން 6 ޓެކްސީއަށް ހުއްދަދޭން ނިންމިނަމަވެސް އެ އަދަދު އިތުރުކުރުމަށް ސެންޓަރުތަކުން އެދުމުން ފުލުހުންނާއި މަޝްވަރާކޮށް ކޮންމެ ސެންޓަރަކުން 10 ޓެކްސީއަށް ހުއްދަދީފައިވާ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
މީގެއިތުރުން ކޮވިޑް-19ގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން ތައާރަފްކުރި ރިލީފް ޕެކޭޖްތަކުގެ ތެރެއިން ޓެކްސީ ޑްރައިވަރުންނަށް އެހީތެެރިކަމެއް ހޯދައިދޭން އިކޮނޮމިކް މިނިސްޓްރީއާ ވެސް ވާހަަކަ ދައްކާފައިވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.