ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ޒުވާނެއްގެ ރަހިމުން ބޮޑު ސިސްޓެއް ނަގައިފި

ޒުވާން އަންހެނެއްގެ ރަހިމުގައި އުފެދިފައިވާ ބޮޑު ސިސްޓެއް ނެގުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ދާއޫދު "ތަލަދުން" ނޫހަށް ވިދާޅުވީ މިއީ މިހާތަނަށް އެހޮސްޕިޓަލުން ގައި ކުރި މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި އަދި ނެގުނު އެންމެ ބޮޑު ސިސްޓްކަމަށެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ އެހޮސްޕިޓަލުގެ ގައިނީ ޑޮކްޓަރުން ހިމެނޭހެން ޖުމްލަ 8 މީހުންގެ ޓީމަކުންނެވެ. ގާތްގަނޑަކަށް ދެ ގަޑި އިރުގެ މި އޮޕަރޭޝަންގައި ދެ އޯވޭރިއަން ސިސްޓު ނަގާފައިވާ ކަމަށް މެނޭޖަރު ވިދާޅުވިއެވެ.

ދާއޫދު އިތުރަށް ވިދާޅުވީ އެ އޮޕަރާޝަން ކުރެވުނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއްގެ ކަމަށެވެ. އެކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިއަދުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލެވޭވަރު ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ އެ ހޮސްޕިޓަލުން މި އޮޕަރޭޝަން ކުރަން ޖެހުނީ ކޮވިޑް-19ގެ ސަބަބުން ފުރަބަންދުވުމާއި ގުޅިގެން މާލެ ފޮނުވުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!