ޚަބަރު

ހައިކޯޓުން މީސް މީޑިޔާ މެދުވެރިކޮށް ލައިވްކުރާ ފުރަތަމަ ޝަރީއަތް މިއަދު

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ޝަރީއަތުގެ މަޖިލިސްތައް އޮންލައިންކޮށް، މީސް މީޑިޔާއިން ލައިވްކުރުމަށް ނިންމައިފިއެވެ.

Ads by STELCO

ހައިކޯޓުން ކުރި ޓުވީޓެއްގައި ބުނީ މީސް މީޑިއާއިން ލައިވްކޮށް ބާއްވާ ފުރަތަމަ ޝަރީއަތުގެ މަޖިލީސް މިއަދު ހެނދުނު 11:30 ގައި އޮންނާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން 15 އޭޕްރީލް އިންފެށިގެން މާލެ ފުރަބަންދުކުރުމާއި އަދި ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުން އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އަދި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މިމުއްދަތުގެ ތެރޭގައި ބަންދު އަމުރުގެ މައްސަލަތަކުގައި ޚަސްމުން ހައިކޯޓު ދެކުނު ބްރާންޗަށް ޙާޟިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގައި މޮނިކޮމް އަމުރުގެ ހަތް އަމުރު ހައިކޯޓުން ނެރެފައިވެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމާބެހޭ އުޞޫލު ވަނީ ޢާއްމުކޮށްފައެވެ.

އެއުޞޫލުގެ ދަށުން ބަންދު އަމުރުގެ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ކޯޓު އަމުރުތަކާއި އިސްތިއުނާފުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރަށް އެދިފައިވާ މައްސަލަތަކާއި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ މައްސަލަތަކާއި ގެވެށި އަނިޔާއާގުޅޭ މައްސަލަތަކާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް ބާއްވާނެ ކަމަށް ކަނޑައަޅާފައިވެއެވެ.

އަދި، މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށް، އެމައްސަލައަކީ އަވަހަށް ޝަރީޢަތް ހިންގަންޖެހޭ މައްސަލައެއްކަމަށް އެމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އިއްތިފާޤުވެވިއްޖެނަމަ އެމައްސަލައެއް ކޯޓުގައި ހިންގިދާނެކަމަށް އެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ހައިކޯޓުން ޝަރީއަތް ލައިވްކުރަން ނިންމިއިރު ސުޕްރީމް ކޯޓުން ވަނީ އޮންލައިންކޮށް ޝަރީއަތް ލައިވްކުރަން ފަށާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!