ވެރިކަން ބަދަލުވިޔަސް ގައުމީ ތަރައްގީގެ ނިންމުންތައް ބަދަލު ނުކުރެވޭ ގޮތަށް ގާނޫނެއް ހަދަންޖެހޭ: އާދަމް ޝަރީފް
ރާއްޖޭގެ ގައުމީ ތަރައްގީގެ މުހިންމު ނިންމުންތައް ވެރިންކަން ބަދަލުވާ ކޮންމެ ފަހަރަކު ބަދަލު ނުގެނެވޭ ގޮތަށް ގާނޫނެއް ހަދަން ޖެހޭ ކަމަށް އެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލެ ސަރަހައްދުގެ އިންޓަނޭޝަނަލް ޕޯޓް އަޅަން ތިލަފުށީގައި ނިންމާފައިވާ ނިންމުން ބަދަލުކޮށް ގުޅީފަޅުގައި ޕޯޓް އަަޅަން މި ސަރުކާރުން ނިންމުމާއި ގުޅިގެނެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގައުމީ ތަރައްގީގެ މުހިންމު ނިންމުންތައް ވެރިކަން ބަދަލުވާ ކޮންމެ ފަހަރަު ބަދަލު ނުކުރެވޭ ގޮތަށް ގާނޫނެއް ހަދަންޖެހޭ ކަމަށެވެ.
"އެފަދަ ބިލެއް ބަލައި ގަންނާނެ ދުވަހަކުން ހުށަހަޅާނަން، މިހާރަކު އޮތީ އެކަހަލަ ހާލަތެއް ނޫން، ބޭރު ކޮށްލާނެ،" ޝަރީފް ވިދާޅުވި އެވެ.
Raajjeyge qaumee tharaqqee ge muhimmu nimnunthah komme faharaku verikan badhaluvaairah badhalu nukureveyne gothakah qaanooneh hadhanjehey. Efadha bileh baliagannaane dhuvahakun bill hushahalhaanan. Mihaaraku othee ekahala maahauleh noon. Beyru kollanee.
https://t.co/feAY1NoqxR— Adam Shareef Umar (@Adamshareefz) June 6, 2020
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށް ގުޅީފަޅުގައި ޕޯޓް އަޅަން ސަރުކާރުން ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރި އެވެ. މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރީ، ގުޅީފަޅުގެ ފަޅު ހިއްކާތީ ވިލިމާލެ ފަރަށް ކިސަޑު އެޅި އެ ފަރުގެ ދިރުން ގެއްލޭތީ ފާޅު ކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެނެވެ.
މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ތިލަފުށީގައި ވެސް ބަނދަރު ހެދުމުގެ ވިސްނުމެއް އޮތް ކަމަށެވެ. ނަމަވެސް އެއީ ކުނި ޖަމާ ކުރާ ރަކަށް ވެފައިވާ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެ ކުރާނެ ތަނަކަށް ވާތީ ތިލަފުށީގައި އެ ކަން ކުރުމުގެ ބަދަލުގައި ގުޅީފަޅުގައި އެ ކަން ކުރަން ސަރުކާރަށް ފެނުނީ ކަމަށެވެ.
އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ވަނީ ޓްވީޓްތަކެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ތިލަފުށީގައި ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ނޭޅުމަކީ ބޮޑު ގެއްލުމެއް ކަމަށާއި އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އެކަން ހުއްޓައި ތިލަފުށީގައި ޕޯޓް އެޅުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.
ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ތިލަފުށީގައި ވިޔަފާރި ބަނދަރު އަޅަން ނިންމީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް މެރިޓައިމް ކޮމާސްގެ ފައިސާ އެންމެ ފުޅާ މިނުގައި ނެގުމަށް ކަމަށެވެ. ގުޅީފަޅަކީ ބިން އޮތް ބިން ބޮޑު ކުރެވޭނެ ސަރަހައްދެއް ކަމަށެވެ.
ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އަސަރުތަކެއް ކުރިޔަސް އެ މަޝްރޫއު ހުއްޓާލެވެން ނެތް ކަމަށް މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވި އެވެ. އެންވަޔަރަމެންޓް ޕްރޮޖެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ކޮމިޓީގައި ބުނެފައިވަނީ މަޝްރޫއު ހުއްޓާލަން އަންގަން ޖެހޭ މިންވަރަށް ތިމާވެއްޓަށް އަސަރު ކުރަމުން ނުދާ ކަމަށެވެ.