ބޯހިޔާވަހިކަން ހޯދައިދީ ތޮއްޖެހުން ކުޑަކުރަން މާލެ ސަރަހައްދު ހިއްކަން ޖެހޭ: ނަޝީދު
ރައްޔިތުންނަސް ބޯހިޔާވަހިކަން ހޯދައިދީ ތޮއްޖެހުން ކުޑަކުރަން މާލެ ސަރަހައްދު ހިއްކަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭގެ) ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމާ ރައްޔިތުން މަޖިލީހުގެ އިދާރާގައި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ.
"މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވަނީ މާލޭގައި ދިރިއުޅުއްވާ އެހެންގޮތެއް ނެތް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އަދި ސަރަހައްދު ތޮއްޖެއްސުން ހުއްޓުވުން ވެސް މުހިންމު." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ނައީމް އަކީ ތިމާވެއްޓާއި ބެހޭ ކަންކަމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ.
Tharaqqeege gina masakkaiythakun thimaavettah nurangalhu asarukurey.Male’ sarahahdhah ithuru hikifas beynumee Male’ ga dhiriulhuva ehengothehneiy gina rayyithunah boahiyavahikan hoadhadhinumah adhi mi sarahadhu thohjessun huttuvunves muhimmu.EPA ge DG akee thajribakaaru beyfulheh pic.twitter.com/lpWh4fX0I7
— Mohamed Nasheed (@MohamedNasheed) June 7, 2020
ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފަ އެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ބުނެ އެވެ.
އެ މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ގެއްލުން ލިބޭތީ އާއި އެކަމުގައި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ފްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އަސަރުތަކެއް ކުރިޔަސް އެ މަޝްރޫއު ހުއްޓާލެވެން ނެތް ކަމަށެވެ.
އެންވަޔަރަމެންޓް ޕްރޮޖެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ކޮމިޓީގައި ބުނެފައިވަނީ މަޝްރޫއު ހުއްޓާލަން އަންގަން ޖެހޭ މިންވަރަށް ތިމާވެއްޓަށް އަސަރު ކުރަމުން ނުދާ ކަމަށެވެ.