ޚަބަރު

ރައީސް ޔާމީންގެ ވިލިމާލެ-2 މަޝްރޫއުން ރައްޔިތުންނަށް މާ ފައިދާ ބޮޑުވާނެ: މުއިއްޒު

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ގުޅީފަޅާއި ފުށިދިއްގަރު ފަޅު ގުޅުވާލައިގެން ތަރައްގީ ކުރަން ނިންމި ވިލިމާލޭ ދޭއް މަޝްރޫއިން ރައްޔިތުންނަށް މާ ފައިދާ ކުރާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިގޮތަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލެ ސަރަހައްދުގެ އިންޓަނޭޝަނަލް ޕޯޓް އަޅަން ތިލަފުށީގައި ނިންމާފައިވާ ނިންމުން ބަދަލުކޮށް ގުޅީފަޅުގައި ޕޯޓް އަަޅަން މި ސަރުކާރުން ނިންމުމާއި ގުޅިގެނެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅީފަޅުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަނެ"އްގެ ގޮތުގައި ވިލިމާލެ ދޭއް މަޝްރޫއު ރައީސް ޔާމީންގެ ސަރުކާރުން ވަނީ ލޯންޗް ކޮށްފައި ކަމަށެވެ.

"އިސާހިތަކު ޖާގަ ފުލްވާނެ ޕޯޓެއް ގުޅީފަޅުގައި ހެދުމަށްވުރެ ރައީސް ޔާމީން ސަރުކާރުން ފައްޓާފައި އޮތް ވިޝަނަރީ ސޮލިއުޝަން ކުރިއަށް ގެންދިއުން ރައްޔިތުންނަށް މާ ފައިދާ ބޮޑު،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ޓްވީޓްގައި އެމަޝްރޫއުގެ ޕްލޭން ހިމެނޭ ވީޑިއޯއެއް ވަނީ ހިމަނާފަ އެވެ. އެވީޑިއޯގައި ގުޅީފަޅާއި ވިލިމާލެ އަދި މާލެ ގުޅާލާ ބްރިޖާއި އެސަރަަހައްދު ތަރައްގީ ކުރާނެ ޕްލޭން ދައްކުވައިދެ އެވެ.

ރައީސް އަބުދުﷲ ޔާމީން ތަރައްގީ ކުރަން ނިންމާފައިވާ ވިލިމާލެ ދޭއްގެ މަޝްރޫއުގެ ދަށުން ގުޅީފަޅާއި ފުށިދިއްގަރު ފަޅު ގުޅުވާލައިގެން ތަރައްގީ ކުރަން ނިންމި މަޝްރޫއަކީ 86 މިލިއަން ޑޮލަރު (1.3 ބިލިއަން) ރުފިޔާގެ މަޝްރޫއެކެވެ. ނަމަވެސް އެމަޝްރޫއަށް 400 މިލިއަން ޑޮލަރަށް ވުރެ މަތިން ހަރަދުވާނެކަމަށް ލަފާކުރި އެވެ. އެ މަޝްރޫއުގެ ދަށުން ތަރައްގީކޮށް ރާއްޖޭގައި 18 އަހަރު ފުރޭ ކޮންމެ މީހަކަށް ގޯތި ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށް ގުޅީފަޅުގައި ޕޯޓް އަޅަން ސަރުކާރުން ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރި އެވެ. މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރީ، ގުޅީފަޅުގެ ފަޅު ހިއްކާތީ ވިލިމާލެ ފަރަށް ކިސަޑު އެޅި އެ ފަރުގެ ދިރުން ގެއްލޭތީ ފާޅު ކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެނެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ތިލަފުށީގައި ވެސް ބަނދަރު ހެދުމުގެ ވިސްނުމެއް އޮތް ކަމަށެވެ. ނަމަވެސް އެއީ ކުނި ޖަމާ ކުރާ ރަކަށް ވެފައިވާ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެ ކުރާނެ ތަނަކަށް ވާތީ ތިލަފުށީގައި އެ ކަން ކުރުމުގެ ބަދަލުގައި ގުޅީފަޅުގައި އެ ކަން ކުރަން ސަރުކާރަށް ފެނުނީ ކަމަށެވެ.

އެކަމާ ގުޅިގެން ނަޝީދުވެސް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ. އަދި މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށެވެ. އަދި ސަރަހައްދު ތޮއްޖެއްސުން ހުއްޓުވުން ވެސް މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ވަނީ ޓްވީޓްތަކެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ތިލަފުށީގައި ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ނޭޅުމަކީ ބޮޑު ގެއްލުމެއް ކަމަށާއި އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އެކަން ހުއްޓައި ތިލަފުށީގައި ޕޯޓް އެޅުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ތިލަފުށީގައި ވިޔަފާރި ބަނދަރު އަޅަން ނިންމީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް މެރިޓައިމް ކޮމާސްގެ ފައިސާ އެންމެ ފުޅާ މިނުގައި ނެގުމަށް ކަމަށެވެ. ގުޅީފަޅަކީ ބިން އޮތް ބިން ބޮޑު ކުރެވޭނެ ސަރަހައްދެއް ކަމަށެވެ.

ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގެ ގައުމީ ތަރައްގީގެ މުހިންމު ނިންމުންތައް ވެރިކަން ބަދަލުވާ ކޮންމެ ފަހަރަު ބަދަލު ނުކުރެވޭ ގޮތަށް ގާނޫނެއް ހަދަންޖެހޭ ކަމަށެވެ. އެފަދަ ބިލެއް ބަލައި ގަންނާނެ ދުވަހަކުން ހުށަހަޅާނެ ކަމަށާއި މިހާރު އޮތީ އެކަހަލަ ހާލަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!