ރިޕޯޓް

މިތަނުގެ ޚިދުމަތްތައް ރަނގަޅު! އެކަމަކުވެސް އިޙުސާސްވަނީ ޖަލުބަންދަށްވުރެ ނުބައޭ: ކޮވިޑް އަށް ފައްސިވީ މީހެއް

ދެން އެމްވީ ، ދެން އޮންލައިން

ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން މިވަނީ އެތައް ކަމެއް ބަދަލުވެފައެވެ. އެއް ބަޔަކު ބޭރަށް ނިކުންނަން ބިރުން ގޭގައި ތިބިއިރު، އަނެއް ބަޔަކު ވަނީ މިބައްޔަށް ފައްސިވެ އެމީހުންގެ އާއިލާއާއި ދުރުގައި ދުވަސްތަކެއް ހޭދަކުރަން މަޖުބޫރުވެފައެވެ.

Ads by Sosun Fihaara

އެފަދައިން އޮޅުވެލި ބީޗް ރިސޯޓު ފެސިލިޓީއަށް ގެންގޮސްފައި ހުރި މީހެއްގެ އިހުސާސްތަށް އޭނާ "ދެން" އާއި ހިއްސާ ކުރިއެވެ.

ނަންހާމަ ނުކުރުމަށް އެދި އެމީހާ ބުނީ، އޭނާ މާލޭގައި ދިރިއުލެމުން ދިޔައީ ހެޔޮއެދޭ އެކުވެރިއެއްގެ ގޭގައި ކަމަށާއި، އެގޭގައިތިބި އެހެން ކުއްޖަކު ވެސް މިބައްޔަށް ފައްސިވުމުން އެންމެންގެ ސާމްޕަލް ނަގާ ޓެސްޓު ހެދީ ކަމަށެވެ. އަދި އޭގެ ނަތީޖާ ދެއްކީ އޭނާވެސް ފައްސިވެފައި ކަމަށްވުމުން، އޭގެ ޖެހިގެން އައި ދުވަހު ސަރުކާރުގެ ބެލުމުގެ ދަށުގައި އޮޅުވެއްޔަށް ގެންދިޔަ ކަމަށެވެ.

"ވަރަށް ބަލިވި ފުރަތަމަކޮޅު. ވަރަށް ބޮޑަށް ހުން އައިސް، ރޯގާޖެހި، ކާއެއްޗެަކުން ރަހައެއް ވެސް ނުލި. އެހެންވެ ނުކެވޭތީ ގޭސް މައްސަލަވެސް ޖެހިގެން ވަރަށް ބޮޑަށް ހޮޑުވެސް ލެވުން. ގައިގަ ނުހުރޭ އެހާ ވަރެއް" އޭނާ ކިޔައިދިނެވެ.

އެވަރަށް ބަލިވުމުން އެޗްޕީއޭގެ ފަރާތުން ކީއްތޯ ކޮށްދިނީ އެހުމުން އޭނާ ބުނީ، ހަގީގަތުގައި އޭނާ ސަރުކާރާއި އެތަނުގައި ތިބި މީހުން ޚިދުމަތް ދިން ގޮތާއިމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"އަސްލުގަ މިތާ އޮޅުވެލީގަ 250 ވަރަކަށް މީހުން ތިބިއިރު، އަދި އެންމެ ތިން ވަރަކަށް ޑޮކްޓަރުން ތިބިއިރު އަސްލުގަ ޑޮކްޓަރުން ދިން ޚިދުމަތްތަށް ހަމަ ވަރަށް ރަނގަޅު. އެމީހުން ރަނގަޅަށް ބޭސްކޮށްދިނީތީ އަސްލުގަ މިހާ އަވަހަށް ރަނގަޅުވެސްވެ، ގައިގަ ވަރުޖެހޭވަރުވީ ވެސް." އޭނާ ކިޔައިދިނެވެ.

އާއްމުގޮތެއްގައި މިހާރު ގިނަ މީހުން ޖައްސާ މައްސަލްައަކީ ފެސިލިޓީތަކުގެ ކެއުން ރަނގަޅު ނޫން ވާހަކައެވެ. ނަމަވެސް މިކަން ވެސް އޭނާ ބުނީ ރަނގަޅު ކަމަށާއި ނަމަވެސް ބައެއް ގަޑިގަޑީގަ ކާއެއްޗެހީގަ ތަންކޮޅެއް ލޮނު ގަދަ ކަމަށެވެ.

މިހުރިހާ ކަމެއް ރަނގަޅު ނަމަވެސް، އޭނާ ހުރީ ދެރަވެފައެވެ. ސަބަބަކީ އެކަނިވެރިކަމެވެ. ޓީވީ އަކާއި އެއްޗެހި ހުރި ނަމަވެސް އެކަނިމާ އެކަނި ކޮޓަރިއެއްގައި، ބޭަށް ވެސް ނުނިކުމެވި އަދި އެއްވެސް މީހަކު ލޮލަށް ވެސް ނުފެނި އެހެން 21 ދުވަސް ވަންދެން ހުންނަން ޖެހުމުން އޭނާ ވަރަށް ދެރަވެއެވެ.

"ޚިދުތަމަތްތަށް ރަނގަޅު. ހިތްހަމަޖެހޭ ވަރަށް ބޮޑަށް. އެކަމަކު މިހެން އެކަނި، ތަނެއްގައި ބަންދުވެފައި ހުރުމުން ވަރަށް ބޮޑަށް އެކަނިވެރިވެ ދެރަވޭ. އިހުސާސްވަނީ ޖަލު ބަންދަށްވުރެ ނުބައޭ" ބަސްދީގަތުން ނިންމާލަމުން އޭނާ ބުންޏެވެ.

މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އޭނާގެ ބަލިހާލު މިހާރު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އަލްޙަމްދުލި ﷲ

**މި ރިޕޯޓުގައި އޭނާހުރި ފެސިލިޓީގެ ނަން ހިމަނާފައިވަނީ އޭނާގެ އިޒުނަޔާއެކުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!