ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅާނެ ބިން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބިންތަކުގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށާއި މިނިސްޓްރީން އެންގިހާ އަވަހަކަށް ބިން ހަވާލު ކުރާނެ ކަމަށެވެ.

ސުހައިލް ވިދާޅުވީ އެ ސްކޫލްތަކުގައި ކިޔައިވައިދޭނީ ގްރޭޑް 1 އިން 12 އާ ހަމަ އަށް ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ. އެ ސްކޫލް އެޅުމަށް ބަޖެޓުގައި 54 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހުޅުމާލޭގައި މިހާރު ސަރުކާރުގެ ތިން ސްކޫލެއް ހުރެއެވެ. ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!