ލައިފްސްޓައިލް

136 ކިލޯ ލުއިކޮށްލީ ކާން ބޭނުންވާ ކޮންމެ ފަހަރަކު ހިނގަން ގޮސްގެން

އެމެރިކާގެ އަރިޒޯނާގައި، ބަރުދަނުގައި 275 ކިލޯ ހުރި މީހަކު ހިނގުން އިތުރުކޮށް ކެއުމަށް ގެނައި ބަދަލާ އެކު 136 ކިލޯ ހިއްކާލައިފި އެވެ. ޕަސްކުއާލީ ބްރޮކޯ، 31، އޭނާގެ ބަރުދަން ލުއިކުރުމުގެ މަސައްކަތް ފަށަން އަޒުމު ކަނޑައެޅީ މީގެ ދެ އަހަރު ކުރިން ޑޮކްޓަރު ދިން އިންޒާރަކާ ގުޅިގެންނެވެ.

އޭރު ޑޮކްޓަރަށް ދެއްކުމުން ބުނެފައި ވަނީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މަތި ކަމަށާއި ސިއްހީ ގޮތުން މީހާ ހުރީ ވަރަށް ނުރައްކާ ހާލަތެއްގައި ކަމަށެވެ.

އޭބީސީ ނިއުސް އަށް ބްރޮކޯ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އެއީ ސިއްހަތާ މެދު ވިސްނަން ފެށުނު ދުވަސް ކަމަށާއި އެ ދުވަހު ޑޮކްޓަރަށް ދައްކާފައި ގެޔަށް ގޮސް ލޯގަނޑު ކުރިމަތީ ހުރެ ފޮޓޯއެއް ނަގައި، އޭރު އެ ފެނުނު މަންޒަރު ބަދަލުކޮށްކަން އަޒުމު ކަނޑައެޅީ ކަމަށެވެ.

"ބަނޑުގެ މަސްތައް ފައިގެ ފަލަމަސްގަނޑާ ހިސާބަށް އޮންނަނީ ފައިބާފައި. މޭމަތީގެ މަސްތައް ވެސް ހުންނަނީ އެލިފައި. ވަރަށް ލަދުވެތި ގޮތަކަށް ހުންނަނީ،" ބްރޮކޯ ބުނެފައިވެ އެވެ.

ބްރޮކޯ ނިންމީ އޭނާގެ ހަށިގަނޑު ބަދަލުކޮށްލުމުގެ ގޮތުން، ބަނޑުހައިވެ ކާން ބޭނުންވާ ކޮންމެ ފަހަރަކު، ގެޔާ އެންމެ ކައިރީގައި ހުންނަ ވޮލްމާޓުގެ ފިހާރަޔާ ހިސާބަށް ހިނގާފައި ގޮސް އެނބުރި ގެޔަށް ގެޔަށް އައިސް ކާށެވެ. އެއީ އެއް މޭލު ދުރުގައި ހުންނަ ފިހާރައެކެވެ. މިގޮތަށް ހިނގުމުގައި ދެ އަހަރު ހޭދަވިއިރު ބްރޮކޯގެ ބަރުދަނުން ވަނީ 136 ކިލޯ ލުއިވެފަ އެވެ.

"ވޮލްމާޓަށް ދުވާލަކު ތިން ފަހަރު ހިނގާފައި ގޮސް އައުމަކީ ދުވާލަކު ހަ މޭލަށް ހިނގުން. ކުރިން އެހާ ދިގުމިނަކަށް ދުވަހަކު ވެސް ނުހިނގަން. އެކަމަކު ފަހުން އެކަން ކޮންމެ ދުވަހަކު ކުރާ ކަމަކަށްވީ،" ހިނގަން ފެށުމާ އެކު ކެއުމަށް ވެސް ބަދަލު ގެނައި ބްރޮކޯ ބުނެފައިވެ އެވެ.

ބްރޮކޯ ވަނީ ތަރުކާރީ އާއި އެއްގަމު މަސް އަދި އޯޓްމީލް އޭނާގެ ކެއުމުގައި ހިމަނަން ފަށައިފަ އެވެ.

"އަހަންނަށް ފާހަގަވީ ކިރު ހުންނަ ބާވަތްތަކުން ކަން ހަށިގަނޑަށް މިހާ ބޮޑު ނޭދެވޭ ބަދަލެއް އައީ. އެހެންވެ ކިރުގެ ބާވަތްތައް ހުއްޓާލުމާ އެކު ވަރަށް އަވަހަށް ހަށިގަނޑަށް އެނގުންވާން ފަށައިފި،" އޭނާ ބުނެފައިވެ އެވެ.

ބްރޮކޯގެ އާދަޔާ ހިލާފު ބަރުދަނާ ހެދި އޭނާ އަށް ކުރިން ޓްރެޑްމިލްގައި ހިނގުމާއި ޖިމަށް ގޮސް އުޅުން ވެސް އޮތީ ނުކުރެވޭ ވަރުގެ ކަމަކަށް ވެފަ އެވެ. އެކަމަކު ގެޔާއި ވޮލްމާޓާ ދެމެދު ހިނގުން ހުއްޓާލުމަށް ފަހު މިހާރު ދުވަނީ ޓްރެޑްމިލްގަ އެވެ. ޖިމަށް ވެސް ދެ އެވެ.

ފަލަކޮށް ހުރި އިރު ކޮންމެ ދުވަހަކު ކިރާއި ސީރިއަލް އާއި ބަޓަރާއި ކެންޑީ އާއި ކުކުޅު މަހާއި މިލްކް ޝޭކާއި ސޮޑާ އާއި ޑޯނަޓް ފަދަ އެއްޗެހި ކައިގެން ދުވާލަކަށް 11،200 ކެލަރީސް އެތެރެވާ ކަމަށް ބްރޮކޯ ބުނެފައިވެ އެވެ. އެކަމަކު މިހާރު ކިރު ބޭނުމެއް ނުކުރެ އެވެ. ގިނައިން ފެން ބުއިމާ އެކު ބިހާއި އޯޓްމީލް އާއި ކުކުޅާއި ތޮޅި އާއި އާމަންޑް އަދި އަލުވިން މިހާރު ދުވާލަކަށް ނަގަނީ 2،250 ކެލަރީ އެވެ.

ފަލަކޮށް ހުރުމަށް ފަހު ހިކުމުން 13 ކިލޯގެ ހަން ގައިގެ އެކި ހިސާބުގައި ދޫވެ، ރޫޖެހިފައި ހުއްޓެވެ. މިހާރު ވަނީ ސާޖަރީއެއް ހަދައިގެން އެ ހަންތައް ނަގައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!