ލައިފްސްޓައިލް

އެންމެ ފުރަތަމަ އަރިދަފުސް ރޯގާ ޖެހުނީ ކޮން ޖަނަވާރެއްގެ ސަބަބުންކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

އިންސާނުންނަށް އެންމެ ފުރަތަމަ އަރިދަފުސް ރޯގާ ޖެހުނީ ޖަމަލުން ކަމަށް ސައިންސްވެރިން ބުނެފި އެވެ.

Ads by STELCO

އަރިދަފުސް ރޯގާގެ އިންސާނުންނަށް ވާސިލްވީ ޖަމަލުން ކަމަށް ޖަރުމަނުގެ ޔުނިވަސިޓީ ހޮސްޕިޓަލް އޮފް ބޯންގެ ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވާއިރު މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ވެސް އިންސާނުންނަށް ޖެހިފައި ވަނީ ޖަމަލުގެ ކިބައިން ކަމަށް ސައިންސްވެރިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

"މާސް ވައިރަސްއާ ބެހޭ ގޮތުން ކުރި ދިރާސާތަކުގައި 1000 އަށް ވުރެ ގިނަ ޖަމަލުން މައުލޫމާތު އެއްކޮށްގެން ބެލުމުން އެނގުނީ، ކޮރޯނާ ވައިރަސް ހުރި ޖަމަލުތަކުގެ ތެރެއިން ހަ ޕަސެންޓް ޖަމަލުގައި އިންސާނުންނަށް ޖެހޭ އަރިދަފުސް ރޯގާގެ ވައިރަސް ވެސް ހުރިކަން. މިއީ ދިރާސާގައި ލިބުނު ހައިރާންވާ ފަދަ ނަތީޖާއެއް،" ޕްރޮފެސަރު ކްރިސްޓިއަން ޑޯސްޓެން ވިދާޅުވެފައިވެ އެވެ.

ސައިންސްވެރިން ވަނީ ޖަމަލުގައި ހުރި އަރިދަފުސް ރޯގާގެ ވައިރަސް ވެސް ދިރާސާކޮށްފަ އެވެ. ދިރާސާއިން އެނގުނު ގޮތުގައި ޖަމަލުގައި ހުންނަ ރޯގާގެ ވައިރަސް އިންސާނުންނަށް ވެސް ވާސިލުވުމުގެ ގާބިލަކަން ހުރެ އެވެ.

ނަމަވެސް ސައިންސްވެރިން ބުނީ ޖަމަލަކުން އިންސާނަކަށް އަރިދަފުސް ރޯގާ ޖެހުމަކީ މިހާރު ބިރުގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި އިންސާނުންގެ ހަށިގަނޑުގައި މިހާރު ވަނީ، އިންސާނުންނަށް ހާއްސަ ރޯގާއެއްގެ ގޮތުގައި ވައިރަސް މިއުޓޭޓް ވެފައި ކަމަށެވެ. އެހެންވެ ޖަމަލުގެ ސަބަބުން ރޯގާގެ އިތުރު ނުރައްކަލެއް ނެތް ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

މި ނޫނަސް އިންސާނުންނަށް މިހާރު އާންމުކޮށް ޖެހޭ ބައެއް ބަލިތައް އެންމެ ފުރަތަމަ ޖެހިފައި ވަނީ ޖަނަވާރަށް ކަމަށާއި މިހާރު އިންސާނުންނަށް ޖެހޭ ވައިރަސްތަކެއްގެ ގޮތުގައި ވައިރަސް މިއުޓޭޓް ވެފައިވާކަން ސައިންސްވެރިންނަށް ހޯދިފައިވެ އެވެ

ޖަމަލުން އިންސާނުންނަށް އެރި މާސް ވައިރަސް އަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އާދައިގެ އަރިދަފުސް ރޯގާގެ އަލާމާތްތަކާ އެކު އިތުރަށް ގޯސްވަމުން ގޮސް މިއީ އުމުރުން ދުވަސްވީ މީހުންނާއި ބައެއް ބަލިތައް ހުންނަ މީހުންގެ ފުރާނައަށް ވެސް ނުރައްކާވާ ބައްޔެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!